އިނގިރޭސި ބޮޑުވަޒީރުގެ ހާލުކޮޅު މިހާރު ރަނގަޅު

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ -- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ހާލުކޮޅު މިހާރު ރަނގަޅުކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.

ބޮޑުވަޒީރު ކޮވިޑް-19 އަށް ޕޮޒިޓިވްވީ މިދިޔަ މަހު 27 ވަނަ ދުވަހު އެވެ.

މީގެ ކުރިން ބޮޑުވަޒީރު ހުންނެވީ އަމިއްލައަށް އެކަހެރިވެގެން ގޭގަަ އެވެ. ނަމަވެސް ޓެސްޓްތަކެއް ހެދުމަށް މިދިޔަ އާދިއްތަ ދުވަހު ލަންޑަންގެ ސެއިންޓް ތޯމަސް ހޮސްޕިޓަލްގައި ބޮރިސް ވަނީ އެޑްމިޓްކޮށްފަ އެވެ.

ބޮޑުވަޒީރުގެ ހާލު ސީރިއަސްވެ އިއްޔެ ވަނީ އައިސީޔޫއަށް ބަދަލުކޮށްފަ އެވެ. ނަމަވެސް ބޮޑުވަޒީރަށް މިހާރުވެސް އޮކްސިޖަން ދެމުންގެންދާ ކަމަށާއި އަދި ނިއުމޯނިއާ ނެތްކަމަށް ބޮޑުވަޒީރުގެ ތަރުޖަމާނު ވިދާޅުވި އެވެ.

ކޮރޯނާއަށް ޕޮޒިޓިވްވި ނަމަވެސް މީގެ ކުރިން އެމަނިކުފާނު ދިޔައީ އޮންލައިންކޮށް މީޓިންތަކާއި ސަރުކާރުގެ އެކި ކަންކަމުގައި ބައިވެރިވެލައްވަމުންނެވެ. ނަމަވެސް މިހާރު ސަރުކާރު ހިންގަމުން ދަނީ ކެބިނެޓާއި ސަބްކޮމެޓީތަކުންނެވެ،

ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުން ވަނީ އެބަލި ހުއްޓުވަން ޕަބްތަކާއި ރެސްޓޯރެންޓްތަކާއި ޖިމްތައްވެސް ބަންދުކޮށްފި އެވެ.

އިނގިރޭސިވިލާތުގެ 51,608 މީހަކަސް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު 5,373 މީހަކު ވަނީ މަރުވެފަ އެވެ.

ކޮރޯނާ ޖެހުނު މީހުން ޖުމްލަ އަދަދު މުޅި ދުނިޔެއިން ވަނީ މިލިއަނަކަށްވުރެ އިތުރުވެފަ އެވެ. އަދި މަރުވި މީހުންގެ އަދަދު މިހާރު ހުރީ 72،000 އަށް ވުރެ މަތީގަ އެވެ.

comment ކޮމެންޓް