ލޮކްޑައުންގައި މާލޭގެ 269 ފިހާރައިން ޑެލިވަރީ ކޮށްދޭނެ

އޭޕްރީލް 2، 2020: މުޅި ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ އަދި ރާއްޖެއިންވެސް ފެނިފައިވާ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އިތުރަށް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށް އިއުލާން ކުރި ކާފިއުއާ އެކު، މާލޭގެ މަގުތަކުން މީހުން ހުސްވެ، ހިމޭންކަން ވެރިވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19އާ ގުޅިގެން ލޮކްޑައުން ކުރެވޭ ހާލަތެއްގައި ތަކެތި ފޮނުވައިދޭނެ ފިހާރަތަކުގެ މައުލޫމާތު މާލެ ސިޓީ ކައުންސިލުން އެއްކޮށްފި އެވެ.

ސިޓީ ކައުންސިލުން ބުނީ ލޮކްޑައުން ކުރާ ހާލަތެއްގައި މާލެއާއި ވިލިމާލޭގެ ގެތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދެވޭނެ ފިހާރަތަކުގެ މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ 334 ފިހާރައަކާއި ވިލިމާލޭގެ 30 ފިހާރައިގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. މައުލޫމާތު އެއްކުރި ފިހާރަތަކުގެ ތެރެއިން މާލޭގެ 269 ފިހާރައަކާއި ވިލިމާލޭގެ 20 ފިހާރައަކުން ލޮކްޑައުން ހާލަތުގައި ތަކެތި ފޮނުވައިދޭން އެއްބަސްވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

މުދާ ފޮނުވައިދޭން އެއްބަސްވި ފިހާރަތަކުގެ ތެރެއިން މާލޭގެ 202 ފިހާރައަކާއި ވިލިމާލޭގެ 17 ފިހާރައަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އެވެ.

ލޮކްޑައުން ހާލަތުގައި ހުޅުމާލޭގެ ގެތަކަށް މުދާ ފޮނުވައިދޭނެ ފިހާރަތައް ދެނެގަތުމަށްޓަކައި އެޗްޑީސީން ވެސް މިފަދަ ސާވޭއެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެ ސާވޭގައި ހުޅުމާލޭގެ 90 ފިހާރައެއްގެ މައުލޫމާތު އެއްކުރި އެވެ. އޭގެ ތެރެއިން ލޮކްޑައުން ހާލަތުގައި 73 ފިހާރައަކުން ގެތަކާ ހަމައަށް މުދާ ފޮނުވައިދޭން އެއްބަސްވިއިރު، އޮންލައިންކޮށް ފައިސާ ދެއްކޭނެ ކަމަށް ބުނީ 63 ފިހާރައަކުންނެވެ.

comment ކޮމެންޓް