ނީލަން ފިހާރަ މަގު ސާފުކޮށް، މަގުގެ ޓްރެފިކަށް ބަދަލު ގެނެސްފި

ނީލަން ފިހާރަތައް ހުންނަ ސަރަހައްދު ސާފުކުރުން

‏ނީލަން ފިހާރަތައް ހިންގަމުންދިޔަ ފަޅުމަތީމަގުގައި ހުރި މުދާތައް ނަގާ އެ މަގު ސާފުކޮށް، އެ މަގުގެ ބައެއް އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި އެވެ.

ނީލަން ފިހާރަތައް ހުންނަ ސަރަހައްދަކީ ތަރުތީބެއް ނެތި އަދި ވަކި ހަމައެއް ނެތި ނީލަން މުދާ ބަހައްޓައިގެން ވިއްކަމުންދާ ސަރަހައްދެކެވެ. އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފެށީ އިއްޔެއެވެ.

އެ މަސައްކަތާ ގުޅޭގޮތުން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަޅުމަތީ މަގު ސާފުކޮށް އެ މަގުގެ ބައެއް އެއްކޮޅުން އަނެއް ކޮޅަށް ދުއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެއްކޮޅަށް ދުއްވާގޮތަށް ހަމަޖައްސާފައި ވަނީ ފަޅުމަތީ މަގުގެ ރެހެންދި ހިނގުމުން ފެށިގެން ތަރާނާ ގޯޅިއާ ހަމައަށް ހުޅަނގުން އިރަށެވެ. ދެން އޮތް ބައިގައި ކުރިން ވެސް އޮތް ގޮތަށް ދެކޮޅަށް ދުއްވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެ ސަރަހައްދުގައި އެއްވެސް ހަމައެއް ނެތި އެއްޗެހި ވިއްކަމުން ދިއުމުގެ ސަބަބުން ފަޅުމަތީ މަގުގެ ތަރުތީބު ގެއްލި މަގުމަތީގައި މުދާ ޖަމާކޮށްފައި ބެހެއްޓުމުގެ ސަބަބުން ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވަމުން އަންނަ ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ ދައުލަތުގެ އެއްވެސް ބިމެއްގައި އަދި އެއްވެސް ސަރަހައްދެއްގައި މުދަލެއް ބަހައްޓައި އެތަނެއް ބޭނުންކުރަންވާނީ ހަމަޖެހިފައިވާ އުސޫލުގެ މަތިން ކަމަށެވެ.

comment ކޮމެންޓް