ސިއްހީ ހިދުމަތްތެރިންނަށް ރައީސްގެ ޝުކުރު

ރައީސުލްޖުމްހޫރިއްޔާ އެންއީއޯސީއަށް ޒިޔާރަތްކުރެއްވުން: ފޮޓޯ/ރައީސް އޮފީސް

ކޮރޯނާވައިރަސް، ކޮވިޑް-19 އާ ދެކޮޅަށް ޑޮކްޓަރުންނާއި، ނަރުހުންނާއި އެހެނިހެން ސިއްހީ ޕްރޮފެޝަނަލުން ކުރަމުން އަންނަ ބުރަ މަސައްކަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފި އެވެ.

ސިއްހީ ހިދުމަތްތެރިންނަށް ރައީސް ޝުކުރު އަދާކުރައްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން އެމަނިކުފާނު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ވިދާޅުވީ މިއަދު ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަ ކުރަމުންދާއިރު، މިހާރު މުޅި ދުނިޔެވެސް ދެކެމުން މި އަންނަނީ ފަހުގެ ތާރީހެއްގައި އިންސާނުންނަށް ކުރިމަތިވި އެންމެ ބޮޑު ސިއްހީ އެއް ކާރިސާ ކަމަށެވެ.

އަދި މިއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ ޖެހިލުންކުޑަކަމާއި، ހިތްވަރުގަދަކަމާއި މަސައްކަތަށް ކުރާ ގަދަރު ހާމައަށް ފެންނަން އޮތް ދަނޑިވަޅެއްކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އެ ފަރާތްތަކަށް ޝުކުރު އަދާކުރަން އަދި ވަރަށް އަވަހަށް ކޮވިޑް19 އިން މުޅި ދުނިޔެ ސަލާމަތްވޭތޯ ދުއާކުރަން،" ރައީސް ވިދާޅުވި އެވެ.

މިހާތަނަށް މުޅި ދުނިޔެއިން 1.3 މިލިއަން މީހަކަށް ކޮވިޑް-19 ޖެހިފައިވާ އިރު، އެ ބަލީގައި 74,769 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް