މޫދަށް ފުންމާލި މުދިމު އަދިވެސް ނުފެނޭ، އޮޕަރޭޝަން ފުޅާކޮށްފި

މުދިމު ހޯދުމުގައި ޑައިވަރުން ހަރަކާތްތެރިވަނީ -- ފޮޓޯ/އެމްއެންޑީއެފް

ރޭ މޫދަށް ފުންމާލި ޖޭޑަބްލިއު މެރިއޮޓް މޯލްޑިވްސް އެންޑް ސްޕާ ރިސޯޓުގެ މުދިމުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލުނު ކަމުގެ ރިޕޯޓް ސިފައިންނަށް ލިބުނީ ރޭ 10:13 އެހައިކަންހާއިރު އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ރިސޯޓުގެ ސީސީޓީވީ ފްޓޭޖުން އެމީހާ ފޯނު ކޯލެއްގައި ހުރެފައި ރިސޯޓްގެ ސަޕްލައި ޖެޓީން މޫދަށް ފުންމާލާތަން ފެންނަ ކަމަށެވެ.

ރެއިން ފެށިގެން އެމީހާ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އަންނަނީ އެ ސަރަހައްދު ބަލަމުންނެވެ. އަދި މިހާރު އެ ސަރަހައްދުގައި ސްނޯކަލް ކުރަން ފަށާފައިވާ ކަމަށާއި، މިހާތަނަށް ކުރި މަސައްކަތުން އެމީހާ ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވި އެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާއިރު، މިއަދު ހެނދުނު އެމީހާ ހޯދުމަށް ކަނޑުގެ ސާފަސް ބަލަން އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވާން ފަށާފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

އަދި މިހާތަނަށް 120،000 ސްކެއާމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށާއި، މުދިމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާކަމަށެވެ.

މުދިމު ގެއްލުނު މައްސަލައިގެ ތަހުގީގުގައި މިހާރު ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

comment ކޮމެންޓް