ކޮޗިން އިން 188 ދިވެހީން ރާއްޖެ ގެނެސްފި

މޯލްޑިވިއަންގެ ފްލައިޓް--- ފޮޓޯ: މޯލްޑިވިއަން

އިންޑިއާގެ އެއާޕޯޓްތައް ބަންދުކުރުމުގެ ސަބަބުން ކޮޗިންގައި ތާށިވި 188 ދިވެހީން މިރޭ، ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުން ރާއްޖެ ގެނެސްފިއެވެ.

ކޮޗިންގައި ރާއްޖެއަށް ނާދެވި ގިނަ ބަޔަކު ތާށިވީ ކޮވިޑް19އާ ގުޅިގެން އެ ގައުމުގެ ވައިގެ ދަތުރުތައް މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން ހުއްޓައިލުމުންނެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެ ފްލައިޓުން 188 ދިވެހީން ގެނެސްފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ، ރާއްޖެ އަންނަން ޓިކެޓު ނެގި ފަހުން ފްލައިޓް ކެންސަލްވުމުގެ ސަބަބުން އިންޑިއާގައި ތާށިވި 117 މީހަކާއި ބޭސް ފަރުވާއަށް އެ ގައުމަށް ގޮސް ތިބި 71 ދިވެހީން ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ، އަދިވެސް ހުއްދަ ލިބޭ މިންވަރަކުން އެކި ގައުމުތަކަށް ދަތުރުކޮށް ދިވެހީން ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާގައި ތިބި ބައެއް ދިވެހީން މިރޭ ގެނެސްފައިވާއިރު، މޯލްޑިވިއަން އިން އިއްޔެ ވަނީ ލަންކާގައި ތިބި 100 ދިވެހީންވެސް ގެނެސްފައެވެ. އަދި މެލޭޝިއާ އިން ދިވެހީން ގެނައުމަށް މިރޭ 8:00 އިން ފެށިގެން އޮންލައިންކޮށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ.

އިންޑިއާގެ ކޮޗިންގެ ޓިކެޓެއްގެ އަގަކީ 260 ޑޮލަރެވެ. ލަންކާގެ ޓިކެޓެއްގެ އަގަކީ 300 ޑޮލަރެވެ. އަދި މެލޭޝިއާގެ ޓިކެޓެއްގެ އަގަކީ 330 ޑޮލަރެވެ. މިފަދަ ހާލަތެއްގައި އެ އަގުތަކަކީ، ބޮޑެތި އަގުތަކެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެޗްޕިއޭ އިން ނެރެވެފައިވާ ގައިޑްލައިންއާ އެއްގޮަތަށް ބޭރުން ގައުމުން އަންނަ ހުރިހާ ދިވެހިންވެސް ގެންދާނީ 14 ދުވަހުގެ މުއްދަތައް ކަރަންޓިން ފެސިލިޓީތަކަށެވެ.

comment ކޮމެންޓް