މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް: މޯލްޑިވިއަން

ފެބްރުއަރީ 11، 2020: މޯލްޑިވިއަން އެޕް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދީ ހީނަރުކަން އަޔަސް މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތްކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލޭންޑް އޭވިއޭޝަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޮވިޑްއާއެކު ދަތުރު ފަތުރުގެ ވިޔަފާރިއަށްވެސް ވަރަށް ބޮޑު ދައްޗަކާ ކުރިމަތިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓޫރިޒަމް ފެތުރުމުގައި ތިބިބައެއް. އަޅުގަނޑުމެންގެ ހުރިހާ ދަތުރުތަކަށް ބެލީމަވެސް ދަތުރުފަތުރު މަދުވުމާއެކީގަ އަޅުގަނޑުމެންނަށްވެސް އޭގެ ގެއްލުން ނުވަތަ އަސަރު އެބަ ފެނޭ. އެހެންނަމަވެސް އަޅުގަނޑުމެންގެ އަދި ވިސްނުމެއް ނެތް މުވައްޒަފުން މަދުކުރާކަށް. އަޅުގަނޑުމެން މިގަބޫލުކުރަނީ މިހާރު ތިބި މުވައްޒަފުންނާ އެކީގައި އަދިވެސް ކުރިއަށް ގެންދެވޭނެކަމަށް،" މޫސަ ވިދާޅުވިއެވެ.

އެހެންނަމަވެސް އެހެން ހާލަތެއް މެދުވެރިވެއްޖެނަމަ ކަމާ ބެހޭ އިދާރާތަކާ މަޝްވަރާކޮށްގެން ބަދަލުކުރެވިދާނެކަމަށާއި އެގޮތުން އެފަދަ ހާލަތެއްގައި ފިނޭންސް މިނިސްޓްރީއާއެކު މަޝްވަރާކުރެވޭނެ ކަމަށާއި ނަމަވެސް މިވަގުތު މުވައްޒަފުން މަދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން ބައެއް ޕްރައިވެޓް ތަންތަނުން މުވައްޒަފުން މަދުކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.

comment ކޮމެންޓް