ޓިކެޓް ވިއްކާކަށް މޯލްޑިވިއަން އިން ނުގުޅާނެ، ސަމާލުވޭ!

މޯލްޑިވިއަން ފްލައިޓެއްގެ ތެރެ: -- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑް19އާ ގުޅިގެން ބޭރު ގައުމުތަކުގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަން އިން ބާއްވާ ހާއްސާ ފްލައިޓުތަކުގެ ޓިކެޓް ވިއްކުމަށް މޯލްޑިވިއަން އިން ކަސްޓަމަރުންނަށް ނުގުޅާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވިއަންގެ ނަމުގައި އެކި މީހުންނަށް ޓިކެޓް ވިއްކުމަށް ގުޅަމުންދާކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މިއަދު ދަރުބާރުގޭގައި މޯލްޑިވިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލެންޑްއޭވިއޭޝަންގެ ޕީއާރު، އަދި މީޑިއާ ޑައިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ، އެކުންފުނިން މިއަހަރު ޓިކެޓް ވިއްކަމުން ދަނީ އޮންލައިންކޮށް ކަމަށެވެ. އެހެންކަމުން އެފަދަ ފޭކް ކޯލްތަކަށް އިލްތިމާސްވުމަށް އެނާ ވަނީ އިލްތިމާސްކޮށްފައެވެ.

"މޯލްޑިވިއަން އިން އެއްވެސް ބޭފުޅަކަށް ޓިކެޓް ވިއްކާކަށް ނުގުޅާނެ. މޯލްޑިވިއަން އިން އިތުރު ނަންމަބަރެއް ނުދޭނެ. ޓިކެޓް ގަނެވޭނެ ހަމައެކަނި ގޮތަކީ، މިހާރު އޮންލައިންކޮށް،" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސަ ވާހަކަ ދައްކަވަނީ: --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޭރުގައި ތިބި ދިވެހިން ގެނައުމަށް މޯލްޑިވިއަން މިހާރު ދަނީ ތިން މަންޒިލަކަށް ވަކި އަދަދަކަށް ފްލައިޓުތައް ބާއްވަމުންނެވެ. އޭގެތެރޭގައި ލަންކާ، އިންޑިއާ އަދި މެލޭޝިއާ ހިމެނެއެވެ. ނަމަވެސް އަދިވެސް އެ ތިން ގައުމާއި އެނޫން ހިސާބުތަކުގައި ދިވެހިން އަންނަން ބޭނުންވޭ ނާދެވިފައި އެބަތިބިއެވެ.

މޫސަ ވިދާޅުވީ، އެ ގައުމުތަކަށް އިތުރު ފްލައިޓުތައް ބޭއްވުމަށާއި އަދި އިތުރު މަންޒިލްތަކަށްވެސް ފްލައިޓުތައް ބޭއްވުމަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެކަން ފައިނަލް ވުމުން ފްލައިޓު ބާއްވާނެ ތާރީހުތައް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް މޫސަ ވިދާޅުވިއެވެ.

https://sun.mv/134311

މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައިވަނީ ލަންކާގައި ތިބި 100 ދިވެހިންނެވެ. އޭގެ އިތުރުން މިރޭގެ ވަގުތެއްގައި އިންޑިއާގެ ކޮޗިން އިން 200 ދިވެހީން ރާއްޖެ އައުމަށް ފްލައިޓު ވަނީ ޝެޑިއުލްކޮށްފައެވެ. އަދި މެލޭޝިއާ އިން ދިވެހީން ގެނައުމަށް މިރޭ 8:00 އިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

comment ކޮމެންޓް