ކޮވިޑް-19: ފަރުވާ ހޯދަމުން ދިޔަ ގާޑިއޯލާގެ މަންމަ މަރުވެއްޖެ

ގާޑިއޯލާ އޭނާގެ މަންމަ އާއެކު

މިހާރު ފެތުރެމުންދާ ކޮވިޑް-19 އަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދިޔަ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މަންމަ ޑޮލާސް ސަލަ ކަރިއޯ މަރުވެއްޖެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮންޓްރޯލުވުމެއް ނެތި ކޮރޯނާ ވައިރަސް ފެތުރި ގިނަ އަދަދެއްގެ މީހުން މަރުވަމުންދާ އިރު އެބަލި ޖެހިގެން މަރުވާ މީހުންގެ ނިސްބަތުން އެންމެ ގިނައީ އުމުރުން ދުވަސްވީ މީހުންނެވެ. އެގޮތުން މަޝްހޫރު ފުޓުބޯޅަ ކޯޗު ގާޑިއޯލާގެ މަންމަ ވެސް ބާސެލޯނާގެ ހޮސްޕިޓަލެއްގައި ވައިރަހަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު މަރުވެފައިވާކަން ގާޑިއޯލާގެ މިހާރުގެ ކުލަބް މެންޗެސްޓާ ސިޓީން ވަނީ ޔަގީންކޮށްދީފަ އެވެ.

އުމުރުން 82 އަހަރުގައި ގާޑިއޯލާގެ މަންމަ މަރުވުމުގެ ހިތާމައިގައި ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ތައުޒިއްޔާ ފޮނުވަމުން އަންނަ އިރު، ގާޑިއޯލާ ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އޭނަގެ މަންމަގެ ނަމުގައި ހަދާފައިވާ ފައުންޑޭޝަނަކަށާއި މެޑިކަލް ކޮލެޖުތަކަށް އެއް މިލިއަން ޔޫރޯގެ ހިލޭ އެހީއެއް ހަދިޔާކޮށްފަ އެވެ.

ގާޑިއޯލާގެ އުފަން ބިން ކަމަށްވާ ސްޕެއިނަކީ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމަށްވާއިރު، އެ ގައުމުގައި މިހާތަނަށް ވަނީ 135،00 އަށް ވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައެވެ. އަދި އެ ގައުމުން މިހާތަނަށް މި ވައިރަސް ޖެހިގެން 13،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މީގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް ލޮރެންޒޯ ސަންޒް ވެސް ވަނީ ނިޔާވެފައެވެ. އަދި ސްޕެއިންގެ ޒުވާން ފުޓްބޯޅަ ކޯޗެއް ކަމަށްވާ އުމުރުން 21 އަހަރުގެ ފްރެންސިސްކޯ ގާސިއާވެސް ވަނީ މަރުވެފައެވެ.

comment ކޮމެންޓް