އައްޑުއާއި ފުވައްމުލަކަށް ކުރާ ދަތުރުތައް އިތުރުކުރާނަން: މޯލްޑިވިއަން

ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިލޭންޑް އޭވިއޭޝަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ ކޮވިޑްއާ ގުޅިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ބަދަލު އައިސްފައިވާ ކަަމަށެވެ.

އެގޮތުން ދަތުރުކުރާ މީހުން މަދުވެފައިވާ ކަމަށާއި އެކަމާ ގުޅިގެން ޝެޑިއުލްއަށް ބަދަލު ގަނައީކަަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ވަރަށް ގިނަ ބަޔަކު ކަރަންޓީނުގައި ތިބެފައި މިހާރު ރަށަށް ދެވޭގޮތަށް ރިސޯޓްތަކުން ހުޅުވާލުމާއެކީގައި އަޅުގަނޑުމެންނަށް ރިކުއެސްޓްތައް އެބައާދޭ. އެ ރިކުއެސްޓްތައް އަންނަމުންދާ ވަރަަކުން އަޅުގަނޑުމެންގެ ޓީމުން ރީކޮންސިޑާކުރާނެ. މިހާރު އަޅުގަނޑު މިދެންނެވި ގޮތަށް އައްޑޫ ފުވައްމުލަކަށް ޝެޑިއުލް ދަތުރުތައް ކުރާ ގޮތަށް ފްލައިޓް އިތުރުކުރާނެ،" މޫސާ ވިދާޅުވިއެވެ.

ޝެޑިއުލްތަން ދޭ ގޮތަކުން ހުރިހާ ސަރަހައްދަކަށްވެސް ފްލައިޓްތައް އިތުރުކުރާނެކަމަށް މޫސާ ވިދާޅުވިއެވެ.

ރާއްޖޭގެ ރިސޯޓްތަކުގައި ތިބޭ މުވައްޒަފުންނަށް އެ ރިސޯޓްތަކުން ފޭބޭނީ އެ ރިސޯޓްތަކުގައި ހުރި އެންމެ ފަހުގެ ގެސްޓް ފައިބާތާ 14 ދުވަސް ފަހުންނެވެ. އެހެންކަމުން ގިނަ އަދަދެއްގެ މުވައްޒަފުން އެ މުއްދަތު ފާއިތުވުމުން ރަށަށް ދާނެއެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެއިން ބޭރުގައި އުޅޭ ގިނަ އަދަދެއްގެ ދިވެހިންވެސް މިހާރު ދަނީ ރާއްޖެއަށް އައުމަށް ތައްޔާރުވަމުންނެވެ. އަދި އެ މީހުން ގެނައުމަށްޓަކައި މޯލްޑިވިއަންއިން މިހާރު ދަނީ ހާއްސަ ފްލައިޓްތަކެއް ބޭއްވުމަށް ތައްޔާރުވެސްވަމުންނެވެ.

comment ކޮމެންޓް