އަލާމާތެއް ނުފެނި ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވާ މީހުން ގިނަކަމުން ޗައިނާ ކަންބޮޑުވެއްޖެ

ޗައިނާގެ އެއާޕޯޓެއްގެ ޓާމިނަލް ކޮރޯނާ ވަައިރަސް އާ ދެކޮޅަށް ޑިސްއިންފެކްޓް ކުރަނީ

ބެއިޖިންގް (6 އެޕްރީލް 2020) : ކޮރޯނާ ވައިރަސް "ކޮވިޑް-19" ގެ އެއްވެސް އަލާމާތެއް ނުފެނި އެރޯގާ އަށް ޕޮޒިޓިވް ވާ މީހުން ގިނައިން ފެންނަމުންދާތީ ޗައިނާ ކަންބޮޑުވެއްޖެއެވެ.

ސިއްހަތާބެހޭ ޗައިނާގެ ގައުމީ އިދާރާ "ނެޝަނަލް ހެލްތް ކޮމިޝަން" އިން ބުނީ އެގައުމުގައި މިއަދުކުރި ޓެސްޓްތަކުން 39 މީހަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން އެންމެ މީހެއް ފިޔަވައި އެހެންމީހުންނަކީ ބޭރުގައުމުތަކުގައި އުޅުމަށްފަހު އެނބުރި އައި ޗައިނާގެ ރައްޔިތުންކަމުގައެވެ. ބޭރުގައުމުތަކުން އަންނަ ޗައިނާގެ ރައްޔިތުންނަށްވެސް އަދި އެނޫން ގައުމުތަކުގެ މީހުންނަށްވެސް ޗައިނާގެ އެތެރެއަށް ވަދެވޭނީ 14 ދުވަހު ކަރަންޓީނުގައި ބޭތިއްބުމަށްފަހު ކޮރޯނާ ވައިރަސްއަށް ނެގެޓިވްކަން އެއްފަހަރަށްވުރެ ގިނަ ފަހަރު ޓެސްޓްތަކުން ކަށަވަރުވުމުންނެވެ.

"ނެޝަނަލް ހެލްތް ކޮމިޝަން" އިން ނެރުނު ބަޔާނެއްގައި ބުނީ އަލާމާތެއް ނުފެނި ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވާ މީހުން ކުރިންވެސް މަދުމަދުން ފެނިފައިވާ ކަމަށާއި ނަމަވެސް މިހާރަކަށް އައިސް އެހާލަތްތައް ވަރަށް ގިނައިން ފެންނަމުން ދާކަމުގައެވެ. މިގޮތުން އިއްޔެ ކޮރޯނާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެންނަންނެތް 78 މީހުން އެރޯގާއަށް ޕޮޒިޓިވްވި ކަމަށާއި އޭގެ ކުރީދުވަސްކަމަށްވާ ހޮނިހިރުދުވަހު އެގޮތަށް އަލާމާތެއްނެތް 47 މީހުން ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނެޝަނަލް ހެލްތު ކޮމިޝަން ގެ ބަޔާނުގައި ވެއެވެ.

ކޮރޯނާ ވައިރަސްގެ ކަރަންޓީނު ފެސިލިޓީއެއްގައި ޗައިނާގެ ސިއްޙަތާބެހޭ މީހުން

ޗައިނާގެ އެތެރެއިން ކޮރޯނާ ވައިރަސް ގެ ހާލަތްތައް ފެންނަނީ އާދަޔާ ޚިލާފަށް މަދުންނެވެ. ހަފްތާއެއްގެ ތެރޭގައި ދެތިން ހާލަތްފަދަ ވަރަށް މަދު ހާލަތްތަކެކެވެ. ނަމަވެސް ބޭރުން އަންނަ އެގައުމުގެ ރައްޔިތުން ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ ނިސްބަތް މަތިކަމުންނާއި އަލާމާތެއް ނުފެނި އެރޯގާ ޖެހިފައިވާ މީހުން ގިނައިން ފެންނާތީ ކޮރޯނާ ވައިރަސްގެ ބިރުވެރިކަމުން ސަލާމަތް ނުވެވޭކަމުގެ އިޙްސާސް އެގައުމުން ދަނީ ކުރަމުންނެވެ. އަދި މިދެ މައްސަލައާ ގުޅިގެން ޗައިނާގެ ނެޝަނަލް ހެލްތް ކޮމިޝަން ގެ ތަޖްރިބާކާރުންވަނީ ކަންބޮޑުވެފައެވެ.

ބޭރުން އަންނަ މީހުންގެ ކަރަންޓީނު މުއްދަތާއި އެކަހެރިކަމުގެ މުއްދަތު ހަމަވުމަށްފަހު އެމީހުން ދޫކޮށްލުމަށްފަހު އޭގެތެރެއިން އެންމެ މީހެއްގެ ފަރާތުންވެސް ކޮރޯނާ ވައިރަސްގެ އައު ރާޅެއް ޗައިނާއަށް ކުރިމަތިވެދާނެކަމުގެ ބިރު އޮތްކަމަށް ނެޝަނަލް ހެލްތު ކޮމިޝަން ގެ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ޗައިނާގެ އެތެރޭގައި ކޮރޯނާ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާތީ އެގައުމުގެ ހުރިހާ ސަރަހައްދުތަކެއްވެސްވަނީ ބައެއް ހިފެހެއްޓުންތަކާއެކު ހުޅުވާލާފައެވެ. ނަމަވެސް އޮފީސް ގަޑިތަކާއި މަސައްކަތުގެ ވަގުތުތައްވަނީ މަދުކޮށްފައެވެ. ވައިގެ ދަތުރުފަތުރު މަދު އެއާޕޯޓްތަކަކުން ކުރެވޭގޮތް ހެދުމަށްފަހު ކޮރޯނާ ވައިރަސް އަށްޓެސްޓް ކުރެވޭނެ ގޮތްތަކާއި ވަސީލަތްތައް އެތަންތަނުގައިވަނީ ގާއިމްކޮށްފައެވެ. ޗައިނާގެ އެތެރޭގެ ދަތުރުފަތުރުތައްވެސްވަނީ މަދުކޮށްފައެވެ. ނަމަވެސް ޗައިނާގައި ފުރަބަންދުކޮށްފައިވާ އެއްވެސް ސަރަހައްދެއް މިހާރުނެތެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ސިޓީކަމަށްވާ ވުހާން ސިޓީވެސްވަނީ ކޮންމެވެސް ވަރަކަށް ހުޅުވާލާފައެވެ. އެސިޓީ އެއްކޮށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހުއެވެ. ފާއިތުވި ތިން ހަފްތާ ތެރޭގައި ވުހާން ސިޓީން ފެނިފައިވަނީ ކޮވިޑް-19 ގެ އެންމެ ކޭހެކެވެ. އެއީވެސް ގައުމުން ބޭރުން އެސިޓީއަށް އެތެރެވި ޗައިނާގެ ރައްޔިތެކެވެ.

ޗައިނާއަކީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްފަހު އެވައިރަސް ކޮންޓްރޯލް ކުރުމަށް ދުނިޔޭގެ ގައުމުތަކަށް އެންމެ ބޮޑަށް އެހީތެރިވަމުންދާ ގައުމެވެ. ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމަށް ބޭނުންވާ ސާމާނުތައްވެސް އެންމެ ގިނައިން އުފައްދައި އެތަކެތި އެކްސްޕޯޓް ކުރާ ގައުމަކީ ޗައިނާއެެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް