ދަތުރުތައް ކުރަނީ ފައިދާއަކާ ނުލާ، ދެން އިތުރަށް އަގު ހެޔޮވާނެ: މޯލްޑިވިއަން

މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސަ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮރޯނާވައިރަސްއާ ގުޅިގެން އެކި ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހީން ގެނައުމަށް ގައުމީ އެއާލައިން، މޯލްޑިވިއަން އިން މިހާރު ކުރަމުންދާ ދަތުރުތައް ކުރަނީ ފައިދާއަކާ ނުލާ ކަމަށާއި ދެން އިތުރަށް ކުރާ ދަތުރުތައް މިހާރަށްވުރެ އަގު ހެޔޮވާނެ ކަމަށް ބެލެވޭ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ އިންޑިއާ ލަންކާ އަދި މެލޭޝިއާގައި ތިބި ދިވެހީން ގެނައުމަށް ޚާއްސަ ފްލައިޓުތަކެއް ބާއްވަމުންނެވެ. މިހާރު ކަނޑައެޅިފައިވާ އަގުތަކަށް ބަލާއިރު، އިންޑިއާގެ ކޮޗިންގެ ޓިކެޓެއްގެ އަގަކީ 260 ޑޮލަރެވެ. ލަންކާގެ ޓިކެޓެއްގެ އަގަކީ 300 ޑޮލަރެވެ. އަދި މެލޭޝިއާގެ ޓިކެޓެއްގެ އަގަކީ 330 ޑޮލަރެވެ. މިފަދަ ހާލަތެއްގައި އެ އަގުތަކަކީ، ބޮޑެތި އަގުތަކެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މޯލްޑިވިއަން އިން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަގުތަކާ ގުޅޭ ގޮތުން "ސަން" އިން ސުވާލުކުރުމުން އައިލޭންޑް އޭވިއޭޝަންގެ ޕީއާރް އަދި ކޮމިނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އަގުތަކާމެދު ރައްޔިތުންގެ ކަންބޮޑުވުން ހުރިކަން އެނގޭ ކަމަށާއި ނަމަވެސް މިހާރު މި ކުރާ ދަތުރުތަކަކީ، ވިޔަފާރިއަށް ބަލައިގެން ކުރަމުންދާ ދަތުރުތަކެއް ނޫންކަމަށެވެ.

"އަޅުގަނޑުމެން ކުރަމުން މިދާ ދަތުރުތަކަށް ބަލާލާއިރު އަޅުގަނޑުމެން މި ކުރަނީ އެ ދަތުރުތައް އެޑްކޯސްޓްގައޭ ދަންނަވާނަން. ހަގީގަތުގައި މި ދަތުރުތަކަކީ، އަޅުގަނޑުމެން ފައިދާއަކާ ނުލާ ކުރާ ދަތުރުތަކެއް،" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުސަ ވާހަކަ ދައްކަވަނީ: މިހާރު ކުރާ ދަތުރުތަކަކީ، ފައިދާއާ ނުލާ ކުރާ ދަތުރުތަކެއް ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސަ ވިދާޅުވީ، އެދަތުރުތަކަކީ ވިޔަފާރި އުސޫލުން ކުރާ ދަތުރުތަކެއް ނަމަ، ޓިކެޓްތަކުގެ އަގު އެއަށްވުރެވެސް މައްޗަށް ދާނެ ކަމަށެވެ. އެގޮތުން މި ދަތުރުތަކަކީ، އެއްކޮޅަށް ކުރެވޭ ދަތުރު ތަކަކަށްވުމާއި، އަދި އެ ނޫންވެސް ދަތުރަށް ކުރަންޖެހޭ ހުރިހާ ޚަރަދަކަށް ބަލާއިރު އެއީ ފައިދާގައި ކުރާ ދަތުރުތަކެއް ނޫންކަން އެނގޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، މިހާރު ޓިކެޓް ދޭ އަގަށްވުރެ ކުޑަކޮށް ދިނުމަށްޓަކައި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އެފަރާތްތަކުގެ އެއްބާލުމުމާއެކު ދެން ކުރާ ދަތުރުތަކުގެ އަގުތައް މިހާރަށްވުރެ ކުޑަވުނެ ކަމަށް މޫސަ ވިދާޅުވިއެވެ.

"މިސާލަކަށް ބަލާނަމަ، އަޅުގަނޑުމެން ފިއުލް މި ގަންނަނީ ތެޔޮ ވިއްކާ ބައެއްގެ އަތުން. އަޅުގަނޑުމެން ބޭނުން ކުރަމުން މި އަންނަނީ ވެލާނާ އިންޓަނޭޝަލް އެއާޕޯޓު. މިހުރިހާ ފަރާތްތަކާ މިދަނީ މަޝްވަރާ ކުރަމުން، އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ކުރާ މަސައްކަތުގައި މޯލްޑިވިއަން އިން އަގަށް ބަދަލު ގެނެވޭނީ ކޮން ގޮތަކަށްތޯ،" މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެފަރާތަކަށް ކުންފުނިން މިހާރު ދައްކަމުންދާ ފީތަކަށް ލުޔެއް ލިބޭނަމަ، އަގުތައް ކުޑަވުން އެކަށީގެންވާ ކަމަށެވެ.

"އަޅުގަނޑުމެން އެ މަޝްވަރާ ކުރަމުން އެބަދަން. އިރާދަކުރެއްވިއްޔާ ދެން އެހެން ގައުމަކަށް ދަތުރުކުރާއިރު، އަޅުގަނޑުމެން ޔަގީން ކުރާނަން އެ އަދަދު ކުޑަވާނެ ކަމަށް،" މޫސަ ވިދާޅުވިއެވެ.

މޯލްޑިވިއަންއިން މިވަގުތު ރާއްޖެ ގެނެސްފައިވަނީ ލަންކާގައި ތިބި 100 ދިވެހިންނެވެ. އޭގެ އިތުރުން މިރޭގެ ވަގުތެއްގައި އިންޑިއާގެ ކޮޗިން އިން 200 ދިވެހީން ރާއްޖެ އައުމަށް ފްލައިޓު ވަނީ ޝެޑިއުލްކޮށްފައެވެ. އަދި މެލޭޝިއާ އިން ދިވެހީން ގެނައުމަށް މިރޭ 8:00 އިން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ. މެލޭޝިއާ އިން ރާއްޖެ އައުމަށް އަންނަ ފުލައިޓު ފުރުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ދަންވަރު 2:45 ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

comment ކޮމެންޓް