ކޮރޯނާވައިރަސް: ޖަރުމަނުގައި އަޑުގަދަކުރާއިން ބަންގި ގޮވަނީ

ޖަރުމަނުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ދަނީ ބަންގި ގޮވަމުން --

ބާލިން (އޭޕްރިލް 6): ދުނިޔޭގައި ބަލިމަޑުކަމެއް ފެތުރެމުންދާ މި ދަނޑިވަޅުގައި މުސްލިމުންނަށް ހިތްވަރުދިނުމުގެ ގޮތުން ޖަރުމަނުގައި އަޑުގަދަކުރާއިން ބަންގި ގޮވަން ފަށައިފި އެވެ.

ތުރުކީގެ އަނަދޮލޫ އޭޖެންސީން ރިޕޯޓު ކުރި ގޮތުގައި، ޖަރުމަނުގެ ޓާކިޝް އިސްލާމިކް ޔޫނިއަން ފޯ ރިލިޖަސް އެފެއާޒް (ޑީއައިޓީއައިބީ) އާއި އިސްލާމިކް ކޮމިއުނިޓީ ނެޝަނަލް ވިއު (އައިޖީއެމްޖީ)އަށް ނިސްބަތްވާ 50 ވަރަކަށް މިސްކިތުން ވަނީ މިދިޔަ ހުކުރު ދުވަހު އަޑުގަދަކުރާއިން ބަންގި ގޮވާފަ އެވެ.

ޑީއައިޓީބީގެ ފަރާތުން ޖަރުމަނުގެ އެސެންގައި ހުންނަވާ ރެޕްރެޒެންޓޭޓިވް ވިދާޅުވި ގޮތުގައި ޖަރުމަނުގައި އާއްމު ގޮތެއްގައި އަޑުގަދަކުރާއިން ބަންގި ގޮވުމަކީ މަނާ ކަމެކެވެ. އަދި އަޑުގަދަކުރާއިން ބަންގި ގޮވުމަށް ހުއްދަ ދެނީ ހާއްސަ ހާލަތްތަކުގައި އެކަންޏެވެ. އެހެންކަމުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގޮތަށް ބަންގި ގޮވަމުން ދަނީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ކަމަށް ޑެއިލީ ސަބާ ނޫހުން ރިޕޯޓު ކުރި އެވެ.

ޖަރުމަނުގެ ބާލިންގެ އެއް ޑިސްޓްރިކްޓުގައި ހުކުރު ދުވަހު އަޑުގަދަކުރާއިން ބަންގި ގޮވުމުން، ބަންގި އަޑުއެހުމަށް ގިނަ އަދަދެއްގެ މީހުން މިސްކިތް ކައިރިއަށް އެއްވި އެވެ. އަދި އެ މިސްކިތުން ވަނީ ކުރިއަށް އޮތްތަނުގައި އަޑުގަދަކުރާއިން ބަންގި ގޮވުމުގެ ކުރިން، މިސްކިތް ކައިރިއަށް މީހުން އެއްނުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނަށް އަންގާނެ ކަމަށް ބުނެފަ އެވެ. އަދި މީހުން އެއްވެއްޖެ ނަމަަ ބަންގި ހުއްޓާލާނެ ކަމަށް އެ މިސްކިތުގެ އިމާމް ވިދާޅުވި އެވެ.

ޖަރުމަނުގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މީހުން ގެއިން ބޭރަށް ނުދިޔުމަށް ހިތްވަރުދީ، ދީނީ އެއްވުންތައްވެސް ވަނީ މަނާކޮށްފަ އެވެ. އަދި ގެއިން ބޭރުގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުންވެސް ވަނީ މަނާކޮށްފަ އެވެ.

ޖަރުމަނަކީ ސްޕެއިން އާއި އިޓަލީއަށް ފަހު ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެގައުމުގައި އެއް ލައްކައަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 1،584 މީހަކު ވަނީ މަރުވެފަ އެވެ. އަދި ބަލި ޖެހުނު 28,700 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް