މިއަދު ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ނުފެންނާނެ: އަމީން

މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ : ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި އެންގުންތަކަށް ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ހޯދައި ނުފެންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 5،000 ޓެސްޓް ކިޓް ރާއްޖެ އަށް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާރު ވެސް ފެތުރެމުންދާ ވައިރަސްގެ ހާލަތު އަދި ރަނގަޅު ނުވާ ކަމަށާއި ހާލަތަށް ބަދަލެއް ނާންނަ ކަމަށެވެ.

"އަޅުގަނޑުމެނަށް އަދި އެންމެ ނުރައްކަލުގެ ހާލަތު ބަދަލެއް ނުވޭ. މިއަދު ކަންފަސޭހަކޮށްފި ނަމަ ރާއްޖެ ހޯދާ ނުފެންނާނެ،" އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 ވައިރަސްގެ ހާލަތު މިއަކީ ލުއި ކަމެއްގެ ގޮތުގައި އަދި ވެސް ދެކެވެން ނެތް ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކުގައި ވައިރަސް ފެތުރެމުންދާތީ އަދި ހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށް ވެސް މިނިސްޓަރު އިޝާރާތްކުރެއްވިއެވެ.

އަދި ކޮރޯނާވައިރަސްގެ ހާލަތު، ވިލާގަނޑެއްގެ ގޮތުގައި ސިފަކުރައްވާ މިނިސްޓަރު ވިދާޅުވީ އެ ވިލާގަނޑު ބޯމަތިން ނުދާ ކަމަށާއި ވިލާގަނޑަށް އަދި ބަދަލެއް އައިސްފައި ނުވާ ކަމަށެވެ.

ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ރާއްޖެއިން ވަނީ ތަފާތު ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން ސަރުކާރު ބަންދުކޮށް އިޖުތިމާއީ ގައިދުރުކުރުމަށް ބާރުއެޅުމަށް ތަފާތު މަސައްކަތްތައް ވަނީ ފަށާފަ އެވެ. އޭގެތެރޭގައި ކޮންމެ ދުވަހެއްގެ ހަވީރު 1700 އިން ފެށިގެން 2000 އަށް މާލެ ސިޓީ ސަރަހައްދުގައި ވަނީ ކާފިއުއެއް އިއުލާނުކޮށްފަ އެވެ.

އެކަމާ ގުޅިގެން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތައް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ ސަރުކާރުގެ އިރުޝާދުތަކަށް އަމަލު ކުރުން ކަމަށެވެ.

comment ކޮމެންޓް