މުސްލިމަކަށްވީތީ އިންޑިއާގައި އެޑްމިޓްކޮށްނުދިން، ވިހެއި ދަރިފުޅު މަރުވެއްޖެ

އިންޑިއާގެ ޖަނާނާ ހޮސްޕިޓަލް ---

ރާޖަސްތާން، އިންޑިއާ (އެޕްރީލް 4) -- އިންޑިއާގެ ރާޖަސްތާން ސްޓޭޓުގެ ހޮސްޕިޓަލަކަށް އެޑްމިޓްވާން ދިޔަ މާބަނޑު އަންހެނަކު، މުސްލިމަކަށް ވީތީ އެޑްމިޓް ކޮށްދިނުމަށް ޑޮކްޓަރުން ދެކޮޅު ހެދުމުން އަނބުރާ ދިޔަ މަގުމަތީ ދަރިފުޅު ބައިގެން ގޮސް މަރުވެއްޖެ އެވެ.

ރާޖަސްތާންގެ ބާރަތްޕޫރުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލެއް ކަމަށްވާ ޖަނާނާ ހޮސްޕިޓަލުގައި ހިނގި މި ހާދިސާއާ ގުޅިގެން އެ ސްޓޭޓުގެ މަޝްރަހު ގޯސްވެފައިވާ އިރު އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމަށް ހޮސްޕިޓަލުގެ ޕްރިންސިޕަލް ޑރ. ރުޕެންދުރަ ޖާހް ވަނީ ބުނެފަ އެވެ.

"އަހަރެންގެ އަންހެނުން ބަނޑުގައި ރިހެން ފެށުމުން ސިކްރީ ހޮސްޕިޓަލުން ޖަނާނާ ހޮސްޕިޓަލަށް ގެންދެވުނު. އެކަމަކު މުސްލިމަކަށް ވީތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްދެވެން ނެތް ކަމަށް ޑޮކްޓަރުން ބުނި. ދެން ދަތުރު ފެށީ ޖައިޕޫރަށް، އެހެން ނަމަވެސް ދަތުރު މަތީގައި ވަރަށް ހާލުގައި އޮވެ އަންހެނުން ވިހޭ އިރު ދަރިފުޅު އޮތީ މަރުވެފައި." ދަރިފުޅުގެ ބައްޕަ އިރްފާން ހާން ބުނެފައިވެ އެވެ.

ރާޖަސްތާންގެ ހޮސްޕިޓަލެއްގައި މިފަދަ ކަމެއް ހިނގައިގެން އުޅޭ ކަން އެ ސްޓޭޓުގެ ޓުއަރިޒަމް މިނިސްޓަރު ވިޝްވެންދުރަ ސިންހް ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި މި ހާދިސާގައި ހޮސްޕިޓަލުގެ ޑޮކްޓަރު އަމަލު ކުރި ގޮތް ތަހުގީގުކޮށް ވީހާ ވެސް އަވަހަކަށް ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"މިއަށްވުރެން ވަކި ލަދުވެތި ކަމެއް އޮންނާނެތޯ؟ މިއީ ސެކިއުލާ ސްޓޭޓެއް ކަން ވަރަށް ރަނގަޅަށް ހާމަވޭ. ސަރުކާރުން މިފަދަ ކަންކަމަށް އަޅާލަން ޖެހޭ ވަރަށް އަޅާނުލާކަން ފާހަގަވޭ." ވިޝްވެންދުރަ ސިންހް ބުނެފައިވެ އެވެ.

comment ކޮމެންޓް