ބިދޭސީ އަކަށް ހަމަލާދީގެން ހައްޔަރު ކުރި ދެ ދިވެހީން ކޯޓުން ދޫކޮށްލައިފި

ރ. އިންނަމާދޫ: އެ ރަށުގެ ނަރުދަމާ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ދެ ދިވެހިން ވަނީ ހަމަލަދީފައި -- ފައިލް ފޮޓޯ/ އިންނަމާދޫ ފޭސްބުކް ޕޭޖް

ރ. އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު ބިދޭސީއަކަށް ހަމަލަދީގެން ހައްޔަރު ކުރި ދެ ދިވެހީން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އިންނަމާދޫގައި ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު 28 އަހަރުގެ ބަންގުލަދޭޝް ރައްޔިތަކަށް ހަމަލަދީގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 38 އަހަރާއި 48 އަހަރުގެ ދެ ދިވެހީން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ މާރާމާރީގައި ބިދޭސީ މީހާގެ ނޭފަތްމަތިން ފަޅައިގެން ގޮސް ދުޅަވުމުގެ އިތުރުން ވާއަތު ލޯކައިރިން ފަޅައިގެން ގޮސް މުޅި މޫނުމަތި ވެސް ދުޅަވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ މާރާމާރީ ހިނގަން މެދުވެރިވީ، 48 އަހަރުގެ ދިވެހި ފިރިހެން މީހާ ދިރުއުޅޭގޭގައި ހުރި ގަސްތަކަށް އޭނަ ފެން ދޭން އުޅުމުގެ ތެރޭގައި، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅޭ މެޝިންތަކަށް ފެން ބުރުމުން ބިދޭސީ މީހާ އެ ޝަކުވާ ކުރުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ދެ މީހުން ކޯޓުން ދޫކޮށްލާފައިވަނީ މިއަދު އެވެ. ފުލުހުން ބުނީ މުއަދަތުގެ މަޖިލީހަށް އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯ ރިޕޯޓާއި ޑޮކްޓަރުގެ ލިއުމާއި މަންޒަރު ދުށްފަރާތުގެ ބަޔާން ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

comment ކޮމެންޓް