ތާށިވެފައި ތިބި ޓީސީ ދިގު އިންތިޒާރަކަށްފަހު އެނބުރި ގައުމަށް

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޮރޯނާވައިރަހާ ގުޅިގެން، ސްރީ ލަންކާގައި 14 ދުވަހު ކަރަންޓީން ކުރުމަށްފަހު އެގައުމުގައި ގިނަ ދުވަަސްތަކެއް ވަންދެން ތާށިވެފައި ތިބި ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން އެނބުރި ރާއްްޖެ އައިސްފި އެވެ.

ލަންކާގައި ޓީސީ ކަރަންޓީނު ކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އެއީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދުރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އެނބުރި މާލެ އަންނަން އުޅެނިކޮށެވެ. ލަންކާގައި 14 ދުވަސް ވަންދެން ޓީސީ ކަރަންޓީނު ކުރަން ނިންމީ ބަންގްލަދޭޝް އަކީ އެ ވަގުތު ރިސްކު އޮތް ގައުމެއް ކަމަށްވެފައި އެ ގައުމުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފައި އޮތުމުންނެވެ.

ކަރަންޓީން ދުވަސް ހަމަވި ނަމަވެސް އިތުރު 10 ދުވަސް ވަންދެން ލަންކާގައި ތާށިވެފައި ތިބުމަށްފަހު ޓީސީގެ ކުޅުންތެރިން މިރޭ މާލެ އައިސްފައި ވަނީ ސްރީލަންކާ އިން ރާއްޖެ ނާދެވިފައިތިބި ދިވެހީން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ބާއްވާ ޗާޓާޑް ފްލައިޓުންނެވެ.

ލަންކާގައި ތިބި ދިވެހީން ގެނައުމަށް މޯލްޑިވިއަން އިން މި ހަފުތާގައި ދެ ދަތުރެއް ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ. އެ ދެ ދަތުރުން 100 މީހުން ގެނެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފަ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހަށް ކަރަންޓީނު ފެސިލިޓީ އަށް ގެންދާނެ އެވެ. އެހެން ކަމުން ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވެސް ރާއްޖެ އައިސް ދެވަނަ ފަހަރަކަށް 14 ދުވަހު ކަރަންޓީނުގައި މަޑުކުރަން ޖެހޭނެ އެވެ. ޓީސީގެ ކުޅުންތެރިން ކަރަންޓީން ކުރުމަށް ހަމަޖެހިފައި ވަނީ ފުރަވެރި އައިލެންޑް ރިޒޯޓުގަ އެވެ.

އޭއެފްސީ ކަޕްގެ މެޗުތައް ވެސް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، ރާއްޖޭގެ ފުޓްބޯޅަ ހަރަކާތްތައް ވެސް ވަނީ ހުއްޓާލައިފަ އެވެ. ޓީމުތަކުގެ ޓްރެއިނިން ވެސް މި ދުވަސްވަރު ކުރިއަށް ނުދެ އެވެ. އަދި އެފްއޭއެމް ވެސް މި ވަގުތު ހިންގަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ބިރު ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ރާއްޖެ އިން ބޭރުގައި ތިބި ދިވެހީން ރާއްޖެ ގެނައުމުގައި، ޕަސެންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް މޯލްޑިވިއަންއިން ވަނީ ބުނެފަ އެވެ. އަދި އެޗްޕީއޭގެ ގައިިޑްލައިނާ ޚިލާފަށް މޯލްޑިވިއަން އިން އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

comment ކޮމެންޓް