ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގެންދަން ސަރުކާރުން އެދިއްޖެ

އިކޮނޮމިކް މިނިސްޓްރީއިން ކުރިޔަށްގެންދިޔަ ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެ ގައުމަށް ގެންދިއުމަށް އެހީތެރިވާން ދިވެހި ސަރުކާރުން ބަންގްލަދޭޝް ސަރުކާރުގައި އެދިއްޖެއެވެ.

އެކަމުގެ އެހީތެރިކަމަށް ސަރުކާރުން އެދިފައި ވަނީ ބަންގްލަދޭޝްގެ ހާރިޖީ ވަޒީރު އޭކޭ އަބްދުލް މޮމެން އާއެކު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފޯނުން ގުޅުއްވައި މިއަދު ދެއްކެވި ވާހަކައިގައެވެ.

ދެ ބޭފުޅުން ފޯނުން ގުޅުއްވައި މިއަދު ވަނީ ކޮވިޑް19 އާ ބެހޭގޮތުންނާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުން އަނބުރާ އެގައުމަށް ގެންދިޔުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ކޮވިޑް-19 ފެތުރުމުގެ ކުރިންވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށިކަން ފާހަގަކުރައްވައިފައެވެ.

އަދި ކޮވިޑް-19 ރާއްޖޭގައި ފެތުރިއްޖެ ހާލަތެއްގައިވެސް ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ބަޔަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރައްވައި، ގަވާއިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ގެންދިޔުމުގައި އެހީތެރިކަމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ފޮރިން މިނިސްޓްރީން ބުނީ އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށެވެ.

މިނިސްޓަރު މޮމެން ބަންގްލަދޭޝް ނޫސްތަކަށް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ އެގައުމުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންގޮސްދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދުގެ ތެރެއަށް ފައްތައި އެ ބިދޭސީން އަލުން ރަޖިސްޓްރީކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމެއް ފަށައިފައެވެ.

އިމިގްރޭޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އަދަދު 200،000 އަށް އަރާނެ އެވެ. އަދި އޭގެ ތެރެއިން 63،000 އަށް ވުރެ ގިނަ ބިދޭސީންނަކީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ދަށުން 31،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަަނަށް ވަނީ ރަޖިސްޓްރީވެފައެވެ.

ރާއްޖޭގެ އާބާދީގެ 25 ޕަސެންޓު ހިއްސާކުރަނީ ބިދޭސީ މަސައްކަތްތެރިން ކަމަށާއި އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖެނަމަ ބަލީގެ ނުރައްކާ އެންމެ ބޮޑީ އެމީހުންނަށް ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް