ރެހެންދި ހަދީޖާ ބޮޑު ސްކްރީނަށް އަންނަނީ

ރެހެންދި ހަދީޖާގެ ހިސްޓޮރިކް ރީޓެލިން އެއް އުފައްދަނީ ޑާކްރެއިން އެންޓަޓެއިންމެންޓް ---

ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި މަދު އަންހެނުންގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ވެރިއެއް ކަމަށްވާ ރެހެންދި ހަދީޖާގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ޑާކްރެއިން އެންޓަޓެއިންމެންޓުން ފިލްމެއް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ހިސްޓޮރިކަލް ރީޓެލިން އެއް ގޮތުގައި ނެރުމަށް ތައްޔާރުވާ "ރެހެންދި ހަދީޖާ" ފިލްމަކީ މީގެކުރީން ޑާކްރެއިން މަސައްކަތްކޮށްފައިވާ ދާއިރާއެެއް ނޫނެވެ. އާންމުންގެ މެދުގައި ޑާކްރެއިން މަގުބޫލުވެފައިި ވަނީ ޒުވާނުންނަށް އަމާޒުކޮށްގެން ރޮމޭންޓިކް ކޮމެޑީތައް އުފައްދާ ޕްރޮޑަކްޝަނެއްގެ ގޮތުގައެވެ. އެހެންކަމުން ތާރީހީ ފިލްމެއް ހެދުމަކީ ޕްރޮޑަކްޝަނަށް އާ ކަމަކަށް ވާނެއެވެ.

އެހެންނަމަވެސް ފިލްމަށް ތައްޔާރުވާއިރު އެ ފިލްމު އުފެއްދުމުގެ ފަހަތުގައި ބޮޑު ޓީމެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

މިއީ ޑާކްރެއިންއިން މިހާތަނަށް އުފައްދާ އެންމެ ބޮޑު ބަޖެޓުގެ ފިލްމެވެ. އެ ފިލްމު ޕްރޮޑިއުސްކުރުމުގައި ހަރަކާތްތެރިވާނީ މުހައްމަދު އަލީ (މޮގާ)އާއި އައިޝަތު ފުވާދެވެ.

ފިލްމުގެ ސްކްރިޕްޓު ތައްޔާރުކުރުމުގެ ކުރީން އެ ފިލްމުގެ ދިރާސާތައް ހަދައި ލިޔުންތައް އެއްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އެގޮތުން ތާރީހާ ވީހާވެސް އެއްގޮތަށް ފިލްމުގެ ވާހަކަ ގެނެސްދިނުމަށް ދިރާސާކޮށް ލިޔެފައިވަނީ އައިޝަތު ފުވާދާއި އަހުމަދު ތޮލާލެވެ.

ފިލްމުގެ ސްކްރިޕްޓުގެ އައުޓްލައިން ނިންމައި ފިލްމުގެ ސްކްރިޕްޓު ވަރަށް އަވަހަށް ފަށާނެކަމަށް ޕްރޮޑަކްޝަނުން ބުނެއެވެ.

ފިލްމުގެ ޕްރޮޑިއުސަރު މޮގާ މިއަދު ބުނެފައިވަނީ ރެހެންދި ހަދީޖާގެ ތާޖު އަޅާނެ ފަރާތް ބެލުމަށް އަދި އިންތިޒާރުކުރަން ޖެހޭނެ ކަމަށެވެ. އެއާއެކު ފިލްމުގެ ފުރަތަމަ ޓީޒާ ވަނީ މޮގާ އާންމުކޮށްފައެވެ.

ރެހެންދި ހަދީޖާގެ ހަޔާތުގެ މައްޗަށް މީގެކުރީންވެސް ފިލްމެއް އުފެއްދުމަށް މަސައްކަތްކުރިއެވެ. އެ މަސައްކަތް އިއުލާނުކުރީ 2017 ވަނަ އަހަރު، ތަޖުރިބާކާރު ފިލްމު ޑިރެކްޓަރު އަބްދުލްފައްތާހެވެ. ނަމަވެސް އަހަރުގެ ފަހުކޮޅުގައި ފައްތާހު ވަނީ ރިޓަޔާކޮށްފިއެވެ.

comment ކޮމެންޓް