ކޮރޯނާވައިރަސް: އިޓަލީގެ އައިސީޔޫގައި ތިބި މީހުންގެ އަދަދު ފުރަތަމަ ފަހަރަށް ދަށްވެއްޖެ

ކޮރޯނާވައިރަސް ހުންނަ މީހުންނަށް ފަރުވާ ދިނުމަށް އިޓަލީގައި ހަދާފައިވާ ވަގުތީ ފެސިލިޓީއެއް -- ފޮޓޯ: އޭޕީ

ރޯމް (އޭޕްރިލް 5): ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ، ހާލު ދެރަވުމުގެ ސަބަބުން އިޓަލީގެ އިންޓެންސިވް ކެޔާ ޔުނިޓު (އައިސީޔޫ)ތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އިއްޔެ ފުރަތަމަ ފަހަރަށް ދަށްވެއްޖެ އެވެ.

އިޓަލީގެ ސިވިލް ޕްރޮޓެކްޝަން ސާވިސްގެ ވެރިޔާ އެންޖެލޯ ބޮރެލީ ވިދާޅުވި ގޮތުގައި މިދިޔަ ހުކުރު ދުވަހު އެގައުމުގެ އައިސީޔޫތަކުގައި ފަރުވާ ދެމުން ދިޔައީ 4،068 މީހުންނަށެވެ. ނަމަވެސް އިއްޔެ އެ އަދަދު ވަނީ 3،994އަށް މަދުވެފަ އެވެ.

"މިއީ ވަރަށް މުހިއްމު މައުލޫމާތެއް. [އައިސީޔޫގައި ތިބި މީހުންގެ އަދަދު] މަދުވީ ފުރަތަމަ ފަހަރަށް. އޭގެ ސަބަބުން ހޮސްޕިޓަލްތަކަށް ފަސޭހަވޭ. މިއީ މި ކުއްލި ހާލަތު ފެށުނު ފަހުން އެ އަދަދު މަދުވި ފުރަތަމަ ފަހަރު،" ބޮރެލީ ވިދާޅުވި އެވެ.

ކޮރޯނާވައިރަހުގެ ސަބަބުން މިހާތަނަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ އިޓަލީން އިއްޔެ ރިޕޯޓު ކުރި ގޮތުގައި ހުކުރު ދުވަހު އެގައުމުން މަރުވެފައި ވަނީ 681 މީހުންނެވެ. އެއީ މިދިޔަ މަހުގެ 23ގެ ފަހުން، އެއް ދުވަސް ތެރޭ މަރުވި މީހުންގެ އަދަދު އެހާވަރަށް މަދުވި ފުރަތަމަ ފަހަރެވެ.

އިޓަލީގައި ވައިރަހުގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 15،362އަށް އަރައިފަ އެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 124,632އަށް އަރައިފަ އެވެ.

އިޓަލީގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި އެގައުމުގައި ކޮންމެ ދުވަހަކު ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާ މިންވަރު މިހާރު ދަނީ ދަށްވަމުންނެވެ. އަދި ލޮކްޑައުންގެ ގަވާއިދުތަކަށް މީހުން އަމަލު ކުރަމުންދާ ނަމަ، ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށްވާން ފަށާނެ އެވެ.

އެހެންކަމުން އިޓަލީގެ ސަރުކާރުގެ ސައިންޓިފިކް ކައުންސިލްގެ ވެރިޔާ ފްރާންކޯ ލޮކަޓެލީ ވަނީ "ކްރިޓިކަލް ކެޔާގައި ތިބި މީހުންގެ އަދަދު މަދުވި ނަމަވެސް އޭގެ މާނައަކީ ބަލީގެ އެންމެ ކްރިޓިކަލް ސްޓޭޖުން އަރައިގަނެވުނީ ކަމަށް ބަލައިގެން ނުވާނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ މާނައަކީ މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުން ނަތީޖާ ފެންނަކަން ކަމަށާއި އެ ފިޔަވަޅުތަކަށް އަދި ވެސް އަމަލު ކުރަން ޖެހޭކަން އޭނާ ހަނދާންކޮށްދެއްވި އެވެ.

އިޓަލީގައި ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި ގައުމު ވަނީ ލޮކްޑައުންކޮށް، ޒަރޫރީ ވިޔަފާރިތަކާއި ހިދުމަތްތައް ފިޔަވާ ހުރިހާ ތަނެއް ބަންދުކޮށް، ގެއިން ބޭރުގައި މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

އިޓަލީއަށް ފަހު ޔޫރަޕްގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ސްޕެއިންވެސް ވަނީ އެގައުމުގައި ވައިރަހުގެ ސަބަބުން މަރުވާ މީހުންގެ އަދަދު ދަށްވަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން އިއްޔެ އެގައުމުން ރިޕޯޓުކޮށްފައި ވަނީ ބަލި ޖެހިގެން 24 ގަޑިއިރު ތެރޭ މަރުވެފައި ވަނީ 809 މީހަކު ކަމަށެވެ. އެއީ ފާއިތުވި ހަފްތާ ތެރޭ ބަލި ޖެހިގެން އެންމެ މަދުން މީހުން މަރުވި ދުވަހެވެ.

މުޅި ދުނިޔޭގައި މިހާރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1,203,485އަށް އަރައިފަ އެވެ. އަދި އޭގެ ސަބަބުން 64,784 މީހަކު މަރުވެފައިވާ އިރު، 247,001 މީހެއްގެ ބަލި ވަނީ ރަނގަޅުވެފަ އެވެ.

comment ކޮމެންޓް