އިކޮނޮމިކް މިނިސްޓްރީގެ ބައެއް ހިދުމަތްތައް ސަރުކާރު ބަންދަސް ލިބޭނެ

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް--- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ސަރުކާރު ބަންދުނަމަވެސް ދޭން ނިންމައިފިއެވެ.

ކޮރޯނާއާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާތާ ތިން ހަފްތާ ވެފައިވާއިރު، އިކޮނޮމިކް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮރޯނާއާ ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި އެ މިނިސްޓްރީއިން ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް ވިޔަފާރި ރަޖިސްޓްރީކުރުމާ ގުޅޭ ހިދުމަތްތައް ދޭން ވަނީ ނިންމައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ވިޔަފާރި ނަން ފާސްކުރުމާއި ރެޖިސްޓްރީކުރުން، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން، ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރި ގިންތި ކުރުން، ލޯގޯއާއި ސީލް ރެޖިސްޓްރީކުރުން، ޓްރޭޑްމާކް ރެޖިސްޓްރީ އަދި ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ހިދުމަތެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނީ މި ހިދުމަތްތަކުގެ އިތުރުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު ނުވަޔަކުން މެންދުރު އެކަކަށް، މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް