މަ ލޯތްބެއް ދެން ނުވާނަމޭ... -ފަހުބައި

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ކަކޫ މޭގައިޖައްސާލައިގެން ބޯ ޖަހާލައިގެން އިން އިރު އެ ހިތް ތެޅެމުންދިޔައީ އޭހާ ބާރަށެވެ. މިރޭ ވެސް އެފަދަ އަނިޔާއެއް އެ ބައްޕަގެ ފަރާތުން ލިބޭނޭކަން ޔަޤީންވާތީ އެވެ.

*****

"ރީން... ރީން..." އިޔާންއަށް ލޯ ހުޅުވާލެވުނީ ވެސް ޖެހި ބާރު ގުގުރިއެއްގެ އަޑަށެވެ. އޭނާ އައިރީންއަށް ބަލާލިއިރު ދެލޯ ތަންމިނަށް ހުޅުވާލައިގެން ހުއްޓިފައި އޮތް އައިރީންފެނި އަވަސް އަވަހަށް އައިރީން ގާތަށް ޖެހިލެވުނެވެ.

ތެދުވެ އައިރީންއަށް ގޮވަންފެށި އެވެ. ހުވަފެނަކުން ހޭލެވުނު މީހެއް ފަދައަކުން އައިރީން ހަޅޭއްލަވައިގަތެވެ. އޭރު މުޅި ހަށިގަނޑު ހިސާރުކޮށްފައި ވަނީ ތުރުތުރު އެޅުމަކުންނެވެ. އޭނާ އަނެއްކާ މޮޔަވަނީހެއްޔެވެ؟ ތަނުގައި ނުވާ މީހުން ފެންނަނީ ކީއްވެހެއްޔެވެ؟ އިޔާންއަށް ބަލާލާފައި އެއްޗެއް ބުނަން މަސައްކަތް ކުރިނަމަވެސް އަނގަޔަކުން އަޑެއް ބޭރެއްނުވި އެވެ. ލޮލުން އޮހޮރެމުންދިޔަ ކަރުނަތަކަށް އެއްވެސް ހުއްޓުމެއް ނައެވެ. އައިރީންހަމައަކަށް އަޅުވަން އިޔާން މަސައްކަތް ކުރިއެވެ.

އޭނާ އެނދުން ތެދުވަމުން ގޮސް ޑްރެސިންޓޭބަލް ހުޅުވާލާ އައިރީންގެ ބޭސް ހިފައިގެން އައިސް އައިރީންގެ އަނގަޔަށް ލަވައިދިނެވެ. އައިރީން ހަމައަކަށް އެޅުމާ އެކު އިޔާން ހިންދެމިލި އެވެ. ނިދިފައި އޮތް އައިރީންއަށް ބަލާލަމުން ވިސްނުމަކަށް ގެއްލިފައި އިޔާން އޮތެވެ. ގަޑި ބަލާލިއިރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެ އެވެ.

އާމިރު ސްޓަޑީގައި އިން އިރު ބޭރަށް ވާގޮތަށް ޖަހާފައި ހުރި ބިއްލޫރިގަނޑުން ވާރޭވެހޭ މަންޒަރު ރީތިކޮށްފެނެ އެވެ. އޭރު ކުރިމަތީގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ހުޅުވާލާފައި ހުއްޓެވެ. އޭގެ އިތުރުން ދެ ތިން ފައިލެއް އެއްފަރާތުގައި ބާއްވާލެފިވައިވެ އެވެ.

މިއަދު ހަވީރުއްސުރެ ވެހެންފެށި ވާރޭ އަދިވެސް ހުއްޓާލާ ގޮތެއް ނުވެއެވެ. ގުގުރާލާއިރު ސިހިގެންދާ ފަހަރުވެސް އެހާ ގިނައެވެ. ބައެއްފަހަރު ވިދާލާއިރު އެ އަލިކަން މުޅިތަން އެކީ އަލިކޮށްލައެވެ. އެފަދަ ފަހަރުތަކުގައި އެރޫމްތެރެވެސް އެކީ އެއްކޮށް އަލިވެގެންދެ އެވެ. އެހެން އިން އިރު މީގެ އެތަކެއް އަހަރެއް ކުރީގެ ހަނދާނެއް އޭނާގެ ސިކުނޑިއަށް ވެރިވި އެވެ. އެންމެ ގާތް އެކުވެރިޔާ ޖަލީލު ނެތުމުގެ ފަޅުކަން އޭނާއަށް ކިތަންމެ ހާވެސް އިޙްސާސްކުރެވެ އެވެ. ކަންތައްތަކުގައި ހިޔާލު ހޯދާ މަޝްވަރާ ކޮށްލާނެ އެކުވެރިއެއްވެސް މިހާރަކު ނުހުރެ އެވެ.

*****

އަހަރުތަކެއް ކުރިން..... ޖަލީލާ ޒަރީނާއާއި ދެމީހުން ކައިވެންޏަށް ފަހު ބަދަލުވީ އާމިރު އެ ދެމީހުންނަށް ހަދިޔާއަކަށް ދިން ދެ ކޮޓަރީގެ އެޕާރޓްމެންޓަކަށެވެ. އަމިއްލަ ވިޔަފާރިއެއް ފެށުމަށް ޓަކައި ޖަލީލަށް އެހީތެރިވާން އާމިރުނިންމިއެވެ.

އެކުވެރިޔާ އެންމެ ހާލުގައި ޖެހުނު ދުވަހު އެހީތެރިވުމަކީ އޭނާއަށް ލިބޭ އުފަލެއްކަމުގައި ދެކުނެވެ. ޖަލީލުމެންގެ ކައިވެންޏަށް ދެ އަހަރު ވުމާއެކު ކުއްޖަކު ހޯދަން ދެމަފިރިން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވެއެވެ. ޑޮކްޓަރަށް ދެއްކުމުން ޒަރީނާއަކީ ކުދިން ނުލިބޭ މީހެއްކަން އެނގުމާއެކު ދަރިއަކު ހޯދުމަށް އެ ދެމަފިރިން ދެކެމުން އައި ހުވަފެން ވިއްސި ވިހާލިވިއެވެ. ޒަރީނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ ޖަލީލެވެ. ޖަލީލު އޭނާ ދޫކޮށްނުލާނެކަމުގެ ޔަޤީންކަން ދިނެވެ. ކުއްޖަކު އެޑޮޕްޓް ކުރުމުގެ ހިޔާލު ފުރަތަމަ ޒަރީނާއަށް ދިނީވެސް ޖަލީލެވެ.

ޖަލީލުމެން ކޮޓަރީގެ ކުޑަ ދޮރު ހުޅުވާލާއިރު ކުރިމަތީގައި ހުންނަ ގޭގެ ސިޓިންރޫމު ރީއްޗަށް ފެނެއެވެ. އެގޭގެ ކޮޓަރީގެ ދޮރު ހުޅުވާފައި ހުރެއްޖެނަމަ ކޮޓަރިތެރެވެސް ކޮންމެވެސް ވަރަކަށް ފެނެއެވެ. ޖަލީލުމެންވެސް ބައެއްފަހަރު ދޮރު ހުޅުވައިގެން ތިބޭލެއް މަދެއްނޫނެވެ.

"ޖަލީލޫ" އާމިރުއާ ޖަލީލު އާ ދެމީހުން ވިޔަފާރީގެ ވާހަކައެއްގައި ތިއްބާ ޒަރީނާ ގޮވާލި އަޑު އިވުނެވެ. އާމިރުމެން ދެމީހުންވެސް އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ.

ޒަރީނާ ހުރީ ކުޑަ ދޮރު ކައިރީގައެވެ. ދެމީހުން އެތެރެއަށް ވަނުމާއެކު އިނގިލިން އިޝާރާތް ކޮށްލީ ކުރިމަތީގައި ހުރި ގެއަށެވެ. ފެނުނު މަންޒަރުން އެ ދެމީހުންނަށްވެސް އެކަކު އަނެކަކަށް ބަލާލެވުނީއެވެ. ހަދާނީ ކިހިނެތް ހެއްޔެވެ. އެމީހުން ނިންމީ ފުލުހުންނަން ގުޅާށެވެ.

"ނޫން... ޖަލީލު އެ ފަކީރު މަރުވެދާނެ..." ލޮލުން ކަރުނަ އަންނަމުން ދިޔަ ހާލު ޒަރީނާއަށް ބުނެވުނެވެ. އެ ކުއްޖާގެ ހާލަތު ފެނި އޭނާ މާބޮޑަށް ހިތުގަޖެހުނީއެވެ.

ޖަލީލު އެގެއަށް ދާން އަވަސްވެގަތެވެ.

ފުލުހުންނަށް މައްސަލަ ހުށައެޅުނު ނަމަވެސް އެ މައްސަލައެއް ނުބަލައެވެ. އަނެއްކާ އަބުރާ ސަލީމާ ކުއްޖާ ހަވާލުކުރީއެވެ. އޭގެ ފަހުން ގިނަ ފަހަރު ފެންނަނީ ކުޑަ ދޮރުގައި ފޮތި ދަމާ ނިވާކޮށްފައި ހުންނަތަނެވެ. އެކަމާ ޒަރީނާ ކަންބޮޑުވެ އެވެ.

އެގޭތެރޭގައި ހިނގަނީ ކޮންފަދަ ކަންތައްތަކެއް ކަން ނޭނގޭތީ އޭނާ ހާސްވަނީއެވެ. ބައެއް ދުވަސް ދުވަހު އެ އަންހެން ކުއްޖާ އެ ކުޑަ ދޮރު ކައިރީގައި ހުންނަތަން އޭނާ ދެކެއެވެ. އެފަދަ ދުވަސްތަކުގައި އަތުން ހަނާއަޅާލާ ހިނިތުންވެލައެވެ. އެ އަންހެން ކުއްޖާގެ ފަރާތުން ފެންނަނީ ހަމަ ހިމޭން ކަމާއި މަޑުމޮޅިކަމެވެ. އިރުކޮޅަކު ބަލަން ހުރުމަށްފަހު ފޮތިގަނޑު ކަހާލާފައި ހިނގައިދާނެއެވެ.

ޖަލީލު އާމިރާއެކު ބޭރަށް ދިޔަ ދުވަހެކެވެ. ޒަރީނާ އާދައިގެ މަތިން ކުޑަ ދޮރު ކައިރީގައި މަޑުކޮށްލައިގެން ހުއްޓެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. އެހެން ރޭރެއާ ހިލާފަށް އެގޭގެ ކުޑަ ދޮރުގެ ފޮތިތައް ކަހާލާފައި ހުރި ދުވަހެކެވެ. ޒަރީނާއަށް ވިސްނެނީއެވެ.

ހެއްކެއް ނެތް ކަމަށް ފުލުހުން އެބުނަނީ ކީއްވެ ހެއްޔެވެ؟ އެ އަންހެން ކުއްޖާގެ ހަށިގަނޑުގައި ހުރި ލަކުނަކީ ހެއްކަކަށް ނުފުދެނީހެއްޔެވެ؟ ޒަރީނާ އެގޭތެރެއަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ސޯފާތަކުގެ އެއްފަރާތުން ކުޑަކޮށް އެ ކުއްޖާ ނުކުމެލާ އެތަނުގައި އިތް ކުޅޭއެއްޗެއް ހިފައިގެން ގޮސް ސޯފާއާއި ނިވާވެލިއެވެ.

ސަލީމު އެތެރެއަށް ވަނީ އޭނާ އެހެން ހުއްޓައެވެ. އޭރުވެސް އޭނާގެ އަތުގައި ފެހިކުލައިގެ ދިގު ބިއްލޫރި ފުޅިއެއް އޮތެވެ. ގެއަށް ވަތް އިރުވެސް ފިޔަވަޅު އެޅެނީ އެހާ ހާލުންނެވެ. އެއްލެމުން ވެއްޓެމުން ކަހަލަ ގޮތަކަށް ގޮސް ސޯފާގެ ބިއްދޮށް ބަލާލިއެވެ. އެއަށްފަހު ދިމާލަށް މޫނު ދިއްކޮށްލުމަށްފަހު އަނގައިގައި ހުރި ހުރިހާ އެއްޗެއް ބުރުވާލިއެވެ. އެ ކުއްޖާގެ މޫނަށްކަން ޒަރީނާއަށް އެނގުނެވެ. އޭނާ ތުރު ތުރު އަޅަމުން ދިޔަ އަތުން ފޯނު ނަގާ ޖަލީލަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. އެކަނި ދާކަށް ވެސް ނުކެރޭނެއެވެ. އޭރު ވާރޭވެސް ވެހޭތީ މީހަކަށް ގޮވާ ހަޅޭއްލެވިޔަސް އެހީތެރިވާނެ މީހެއް ނުހުންނާނެ ކަންނޭނގެއެވެ.

އެހެންވެ ޒަރީނާ އަނެއްކާވެސް މަސައްކަތް ކުރީ ޖަލީލަށް ގުޅޭތޯއެވެ. އެކަން ކާމިޔާބުނުވުން ދެން އޭނާ މަސައްކަތް ކުރީ އެ މަންޒަރު ވީޑިއޯ ކުރެވޭތޯއެވެ. ފުލުހުންނަށް ދައްކަން ހެއްކެއްގެ ގޮތުގައެވެ. އަތް ތުރު ތުރު އަޅަމުން ދިޔަލެއް ބާރުކަމުން ފޯނުގައި ރަނގަޅަށް ހިފެއްޓެނީ އެއްނޫނެވެ. ފޯކަސް ވެސް ކުރެވުނީ ވަރަށް ހާލުންނެވެ.

ސަލީމު އަންހެން ކުއްޖާ ގެ އަތުގައި ހިފާ ކޮޅަށް ނެގުމަށްފަހު ސޯފާ މައްޗަށް އެއްލާލިއެވެ. އަތުގައި އޮތް ފުޅިން އެ ކުއްޖާގެ ބަނޑުގައި ޖެހިއެވެ. ދެވަނަ ފަހަރުވެސް އެގޮތަށް ކަންތައް ކުރިއެވެ. ތިންވަނަ ފަހަރު ޖެހުމާއެކު އެ ފުޅި ތަޅައިގެން ދިޔައެވެ. އެވަރުން ފުދުނީކީ ނޫކެވެ. ލައިގެން ހުރި ގަމީސް ބޭލުމަށްފަހު އެ ކުއްޖާއާ ދިމާލަށް ގުދުވިއެވެ. ފޯނު ހިފައްޓައިގެން ހުރި ޒަރީނާއަށް ކެތް ކުރެވުނީ މިހިސާބަށެވެ. އޭނާ ދުއްވައިގަތެވެ. ގޭން ނުކުމެވުނުއިރު ޖަލީލުއައިސް ގެއަށް ވަންނަނީއެވެ. ޒަރީނާ އެއްވެސް އެއްޗެއް ނުބުނެ ދުއްވައިގަތުމާއެކު އެއޮއް ބޯ ވާރޭގެ ތެރޭގައި ޖަލީލު ވެސް ދުއްވައިގަތީއެވެ.

ޒަރީނާގެ ފަހަތުން ގޮސް އޭނާއަށް ވެދެވުނީ ސަލީމުމެން ގެއަށެވެ. ދޮރު ވެސް ހުރީ ތަޅުނުލައެވެ. އެތެރެއަށް ވަދެވުމާއެކު ޖަލީލުގެ ބަސްވެސް ހުއްޓުނެވެ. އޭނާއަށް ވެސް ވަގުތުން ސަލީމާ ދިމާލަށް ދެވުނެވެ. އޭރު އެ ކުއްޖާގެ ހެޔެއް ނެތެވެ. ސަލީމުގެ ގައިގައި ކޮޅުފައިން ޖެހުމާއެކު ހުރިތަނަށް ސަލީމުވެސްވެއްޓުނެވެ. މާގިނަ އިރެއްނުވެ އެންބިއުލެންސް ވެސް އަތުވެއްޖެއެވެ. ފުލުހުންނަށް ވެސް ގުޅީ ޖަލީލެވެ.

ކުރީ ފަހަރު ސަލީމު ފުލުހުންނަށް ލާރިތަކެއް ދީގެން އެ މައްސަލަ އޮއްބާލިކަން ފަޅާ އެރުމާއެކު ޖަލީލު މި ފަހަރު ދޫދޭކަށް ބޭނުމެއް ނުވިއެވެ. އެ ކުއްޖާއަށް ކިޔާ ނަން ވެސް އެނގުނީ އެހާ ހިސާބުންނެވެ. އޭނާ ލޯޔަރުންގެ ޓީމަކާ ވާހަކަ ދެއްކިއެވެ.

ގައިގަނޑަކަށް ތިން މަސް ދުވަހުގެ ފަރުވާއަށް އައިރީން ދޫކޮށްލެވުނެވެ. ޒަރީނާމެން އައިރީން އެޑޮޕްޓް ކޮށްގެން ފުރަތަމަވެސް ދިޔައީ ރާއްޖޭން ބޭރަށެވެ.

އައިރީންއަށް އިތުރު ފަރުވާ ދިނީ ރާއްޖޭން ބޭރުންނެވެ. އެ ހާދިސާ މަތިން އައިރީން ހަނދާން ނެތުނު ނަމަވެސް ދޭތެރެ ދޭތެރެއިން ބިރުގަނެގެން އުޅެއެވެ.

ވިޔަފާރި އިތުރަށް ފުޅާކުރަން ޖަލީލު ފެށީ އައިރީންގެ ފަރުވާއަށް ފަހުއެވެ. ދޭތެރެ ދޭތެރެއިން އައިރީން އޭނާގެ ކުޑަ އިރުގެ ފޮޓޯ ތައް ނުފެންނާތީ އެކަމާ ޝަކުވާ ކުރިޔަސް ޖަލީލުމެން ކޮންމެވެސް ދޮގެއް ހަދަނީއެވެ. ސަލީމުވެސް ވަނީ ޖަލަށް ލެވިފައެވެ. އެހެންކަމުން އައިރީންއަށް އިތުރު ގެއްލުމެއް ދޭނެ އެހެން މީހެއް ނެތް ކަމުގެ ޔަޤީންކަން އެ މީހުންނަށް އޮތެވެ.

ނެގި ވީޑިއޯއަށް ހެދި ގޮތެއް އެނގޭނީ ޖަލީލަށެވެ. އޭނާ ފުލުހުންނާ އެ ވީޑިއޯ ހިއްސާކުރީ އޭގެ ކޮޕީއެއް ބޭއްވުމަށް ފަހުއެވެ. ސަބަބަކީ ދެން ވެސް އެފަދަ ކަމެއް ދިމާ ވެއްޖެނަމަ ސަލީމާ ދެކޮޅަށް ބޭނުންކުރެވޭނޭ ހަތިޔާރަކަށް ވާނެތީއެވެ. އަދި އައިރީންއަށް އެފަދަ އަނިޔާއެއް ލިބުމަށް ހަނި ފުރުސަތެއްވެސް ބާއްވަން ބޭނުން ނުވާތީއެވެ. އައިރީންގެ މަންމަވަނީ އައިރީން ވިހެއުމަށްފަހު ނިޔާވެފައި ކަމުން އެމީހުން ބޭނުންވީ މަންމައާއި ބައްޕައެއްގެ ފުރިހަމަ ލޯބި ދީގެން އައިރީން ބަލާ ބޮޑުކުރާށެވެ. އެ ހަޤީގަތް އެ ގޮތުގައި ފޮރުވާފައި ބާއްވަން އެމީނުންނިންމީ އައިރީންގެ މުސްތަގްބަލަށް ވިސްނުމަށް ފަހުއެވެ.

*****

"އާމިރު" ސިހުން ގެނުވީ ދާދި ގާތުން ފަލަކްގެ އަޑު އިވިފައެވެ.

"ކީކޭ؟" އާމިރު ފަލަކްއަށް އަށް ބަލާލިއެވެ. އާމިރުގެ ކޮނޑުގައި ހިފައްޓާލަމުން ކޮން ހިޔާލެއްގައިތޯ ފަލަކް ސުވާލުކޮށްލިއެވެ. އާމިރު ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އޭނާ ލެޕްޓޮޕް ލައްޕާލަމުން ތެދުވެ ފަލަކްއާއެކު ހިނގައިގަތީ ކޮޓަރިއަށް ދިޔުމަށެވެ. މާދަމާއަށް މަސައްކަތް ބެހެއްޓީ ވަރުބަލިކަން އިޙްސާސްކުރެވޭތީއާވެސް އެކުގައެވެ.

ޖެހިގެން އައި ދުވަހު އިޔާން ހޭލިއިރުވެސް އައިރީންއަށް އޮތީ ނިދިފައެވެ. އޭނާ އައިރީންއަށް ގޮވަން ނުހަދާ ފާހާނާއަށް ފަދެ ފެންވަރާ ހަދާލައިގެން ތިރިއަށް ދިޔައިރު ޒަލަފްއާއި ރަޔާ އާއި ދެމީހުން ތިބީ ގޭ ގޯތިތެރޭގައެވެ. އޭރު ފަލަކް އާއި އަޝްރާ ގަސްތަކަށް ކާނާ އެޅުމުގައި ހަރަކާތްތެރިވާތަން ފެނެއެވެ. އިޔާން ނުކުތް އިރު ރަޔާވެސް ނުހުރެވިގެން އެކަމާ ބައިވެރިވިއެވެ.

"އިޔާން... ދަރިފުޅާ ކޮފީއެއް ހަދައިދޭންވީތަ؟" އިޔާން ފެނުމާއެކު ފަލަކް އެހިއެވެ.

"ނޫނޭ އޯކޭ ވާނެ" އިޔާން އައިސް ޒަލަފް ގާތު ހުއްޓުނެވެ.

"ޒެލް ހާދަ ވަރުބަލިވެފަހެން ހީވެޔޭ... އަނެއްކާ ފައިވެސް އެހާ ދުޅަ" އިޔާން ޒަލަފް އަށް ބަލާލަމުން އަހާލިއެވެ.

"ޒެލް ގާތު ބުނެފިން ހިނގާށޭ ޑޮކްޓަރަށް ދައްކަން ދާން " ރަޔާ ގަހަށް ފެން އަޅަމުން ވާހަކަ ދެއްކިއެވެ.

"އެ އޯކޭވާނެ... ޖެނެޓިކް ކަމެއްވީމަ ފަރުވާއެއް ނޯންނާނެއެއްނު" ޒަލަފް ބުނެލިއެވެ. އޭނާ ރަޔާއަށް ބަލާލަމުން ހަމައެކަނި ހިނިތުންވެލީއެވެ.

"އަހަރެން ބައްޔެއްވެސް ނޫނެއްނު މިހާރު" އަތުގެ މުލައްދަނޑި ދައްކާލަމުން ޒަލަފް ބުނެލީ އަޝްރާގެ މޫނުމައްޗަށް އެރި ކުލަވަރު ފެނުމުންނެވެ.

'ހޫން ހެވޭ ދެން... ތުއްތު ބޭބީ" އިޔާން ދިމާކޮށްލިއެވެ. ޒަލަފް އިޔާންގެ ބުރަކަށީގައި ބޮނޑިއެއް އަޅަމުން ގޮސް ފަލަކްގެ ފުރަގަހުގައި ފިލި އެވެ.

"ހޫން... ދެން އުނދަގޫ ކުރާނެ ކަމެއް ނެތް" ފަލަކް ބުނެލިއެވެ. ޒަލަފް އިޔާންއަށް ބަލާލަމުން ދޫ ނެރެލިއެވެ. ޒަލަފްއާއި ރަޔާ އާއި ދެމީހުންގެ ދިރިއުޅުން ވެސް އޮމާންކަމާއެކު ކުރިއަށް ދެއެވެ.

އައިރީންގެ ބަނޑަށް ނުވަމަސް ވާން ގާތްވެފައި ވަނިކޮށް ރަޔާ ބަނޑުބޮޑުވިއެވެ. އެއާއެކު ގޭތެރެއަށް ހީވީ އަނެއްކާވެސް އީދެއްއައިހެންނެވެ.

"ކޮން އިރަކުތަ ރީން އެޑްމިޓް ވަނީ" ޒަލަފްއާއި އިޔާންއާއި ދެމީހުން ތިބީ ޓެރެސްގައެވެ.

"މާދަން ނޫން އަނެއްދުވަހު" އިޔާން ބުނެލިއެވެ.

"ކުޑަ ކުޑަ ޒަލަފް ވެސް ދެން ބައްޕައަކަށް ވަނީ ދޯ" އިޔާން ދިމާކޮށްލިއެވެ.

"އެހެންޏާ... ބްރޯއަކަށް ނޭނގޭނެ" ޒަލަފް ބުނެލިއެވެ. އޭނާ ރެއިލިންގައި އަތް އަޅުވާލިއެވެ.

"އެހެންތަ؟ ނޭނގޭނެތަ؟ " އިޔާން އަހާލިއެވެ. އެ އަޑުގައި ސިއްރުވެރިގޮތެއް ހުއްޓެވެ.

"ޔެސް ބްރޯ" ދުރު ބަލަން ހުރި ޒަލަފް އެނބުރި ފަހަތް ބަލާލުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ އާމިރެވެ.

"ޒެލް ކައިރީ ދޮންބެ ކިޔާށޭ ބުނީމަވެސް" އާމިރު ބުނެލިއެވެ. އިޔާން ދޫ ނެރިލުމާއެކު ޒަލަފް ތުންކޮޅު ހަދާލިއެވެ.

"އެހެރީ... އަދިވެސް ހީވަނީ ބޭބީ އެއްހެން ބައްޕައަކަށް ވާން އުޅޭ އިރުވެސް" އިޔާން އަނެއްކާވެސް މަލާމާތް ކޮށްލިއެވެ. ސަކަރާތްޖެހުމުގައި ތިއްބާ ރަޔާވެސް މައްޗަށް އަރައިފިއެވެ. އައިރީން ވެސް މަޑުމަޑުން މައްޗަށް އެރިއެވެ. އާއިލާއާއެކު ހިންހަމަޖެހޭ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ތިރިއަށް ދާން ހިނގައިގަތް އިރު ކޮންމެ މީހެއްގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

އައިރީން އެޑްމިޓް ކުރެވުނެވެ. އައިރީން ވިހެއީ ފިރިހެން ކުއްޖެކެވެ. އެންމެ ފުރަތަމަ ފަހަރު އިޔާންގެ އަތަށް އެ ދަރިފުޅު ލިބުނުއިރު އޭނާއަށް ކުރެވުނު އިޙްސާސްއަކީ މީގެ ކުރިން ދުވަހަކުވެސް ކުރެވުނު އިޙްސާސެއް ނޫނެވެ. އެ ދަރިފުޅަށް ފުރިހަމަ ގޮތުގައި ބައްޕައެއްގެ ލޯބިދޭން އޭނާ އެ ހިނދު އަޒުމު ކަނޑައެޅިއެވެ. އެ ތުއްތު ފުރާނަ ހުރިހާ އެންމެންގެ ލޮލުގެ ވިހަތަކުންނާއި އެސްފީނާއިން ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކުރެވުނެވެ. ނިދިފައި އޮތް ތުއްތު ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން ހުރެފައި އިޔާން އައިރީންގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ. ކައިރީގައި ހުރި ގޮނޑީގައި އިށީނދެލާ އައިރީންގެ އަތުގައި ހިފާލާ އެއަތަށް ބޮސް ދިނެވެ. އެއަށްފަހު އޭނާ އައިރީންއަށް ޝުކުރުއަދާކުރިއެވެ. އެ ދަރިފުޅު ދުނިޔެއަށް ގެނައުމަށްޓަކައި އައިރީން އުފުލި ވޭނާ ތަކުލީފު ތަކުގެ ސަބަބުން އެ ހިތުގައި އައިރީންއަށްޓަކައި ވި ލޯބި އިތުރުވެއްޖެއެވެ.

"އަހަރެމެންގެ ލޯބި ލޯބި ދަރިފުޅަށް ކިޔާނީ ކޮންނަމެއްތަ؟" އިޔާން މަޑުމަޑުން އަހާލިއެވެ.

"އިޒްޔާން... ފިރިހެން ކުއްޖެއް ވެއްޖެއްޔާ އަހަރެން އަބަދުވެސް ބުނަން ކިޔާނީ އިޒްޔާން އޭ" އައިރީން އިޔާންއަށް ބަލާލާފައި ހިނިތުންވެލިއެވެ.

"އެހެންތަ؟ މިސާލަކަށް އަންހެން ކުއްޖަކަށް ވިނަމަ؟" އިޔާން ހީލަމުން ސުވާލުކޮށްލިއެވެ.

"އަމް.... އަހަރެން ކިޔާނީ ރީމް" އައިރީން ބުނެލިއެވެ. އިޔާން ތެދުވެލާ އައިރީންގެ ނިތަށް ބޮސް ދިނެވެ.

"ވަރަށް ލޯބިވޭ" އިޔާން ބުނެލިއެވެ.

"އަހަރެންވެސް" އައިރީންވެސް އިޔާންއަށް ބަލާލާ ހިނިތުންވެލިއެވެ.

ހަތަރު އަހަރު ފަސް ************* އަހަރުގެ ފިނިމޫސުމްގެ ދުވަސްތަކުގެ ތެރެއިން ދުވަސްކޮޅެކެވެ. ކެނެޑާގެ ފަރުބަދަމަތީ ރަށެއްގައި ހުރި ކޮޓެޖްގެ ގޯތިތެރޭން އިވެމުން ދިޔައީ ހުނުމާއި ސަކަރާތް ޖެހުމުގެ އަޑެވެ.

"ޑެޑީ...." ތުއްތު ތުއްތު އަންހެން ކުއްޖެއް ސްނޯތަކާއި ކުޅެމުން ގޮވަމުންދިޔަ އަޑު އިވެއެވެ.

"ޒާއްކޮ އަނެއްކާ މިއަދުވެސް ބޭރަށް މިއޮއް ފިންޏަށް ނެރުނީ އޭ ދޯ ކުޅެން" ކޮޓެޖުން ބޭރުގައި ހައްދާފައި އޮތް ވިނަގަނޑު ފުރިފައިނީ ސްނޯއިންނެވެ.

ރަޔާ ގޭތެރެއިން ނުކުންނަމުން ބުނެލިއެވެ. އެއާއެކު ޒަލަފް ޖަހާލީ ހިނިގަނޑެކެވެ. ޒަކާ އަކީ ޒަލަފްއާއި ރަޔާގެ ތިން އަހަރަށް ދާ ކުޑަ ކުޑަ ދަރިފުޅެވެ. އިޔާންގެ މުޅި އާއިލާ ކެނެޑާއަށް އައީ މިދިޔަ ހަފްތާގައެވެ.

ކޮޓެޖްގެ އެތެރޭގައި ހުރި ސޯފާތަކުގައި އިށީނދެގެން ތިބި އާމިރާއި ފަލަކް ގެ އިތުރުން އަމްޖަދުއާއި ޒައުރާ އަދި އަޝްރާ ތިބީ އެމީހުންގެ ސަކަރާތް ކުޑަދޮރުން ބަލަހައްޓައިގެންނެވެ. ރަޔާވެސް ނުކުމެ ޒަލަފްމެންނާ އެއްބައިވެއްޖެއެވެ.

"ޑެޑީ... ސްނޯ ބޯލް ކުޅޭނީ ދޯ" ސިޑިން ފައިބަމުން ދިޔަ އިޒްޔާން ހުއްޓާނުލާ އިޔާންއާއި ވާހަކަ ދައްކަމުން ދިޔައެވެ. އެހާ ކުޑައިރުވެސް އިޔާން ކޮޕީ ކުރަން ފަށައިފިއެވެ. އެހާ ހެންޑްސަމްއެވެ. މިހާރުވެސް އިޔާންއާ އިޒްޔާން ތިބީ އެއްކުލައަކުން ފިނި ހެދުން ލާފައެވެ. ދެމީހުން އެކުގައި ފެންނަ އިރު ވަރަށް ލޯތްބެވެ. އެހާ ކުޑަ އިރުވެސް ބައްޕަގެ ސްމާރޓްކަން ވާރުތަކޮށްފައިވެއެވެ. އިޔާންއެކޭ އެއްގޮތަށް އިޒްޔާން އަށްވެސް ލިބިފައިވަނީ އަޅިކުލައިގެ ދެލޮލެވެ. އެއީ ރީތިކަން އިތުރު ކޮށްދޭ ސިފައެއްކަމުގައި ވެފައި އެންމެންވެސް އެންމެ ފުރަތަމަ އަޅައިގަންނަނީ އެދެލޮލާއެވެ.

އިޔާން އާއިއެކު އިޒްޔާން ނުކުތުމާއެކު ޒަކާ އިޒްޔާން ގާތަށް އައެވެ. އިޔާންވެސް މަޖާވެލާފައި އެމީހުން އެންމެނާ އެއްބައިވެލިއެވެ.

އޭރުވެސް ކޮޓެޖް އެތެރޭގައި ތިބި މީހުން އެމީހުން ގެ ހަރަތާތްތައް ބަލާފައި ހޭން ތިއްބެވެ. އެތެރޭގައި ތިބޭއިރުވެސް އެހާ ފިންޏެވެ. އެހެންކަމުން އެމީހުން ތިބީވެސް ފިނިއެއްޗެހި ލައިގެންނެވެ. މިފަހަރު އެމީހުން އައިއިރު އެމީހުންނާއެކު އެގޭގައި މަސައްކަތް ކުރާ އެންމެ ގިނަ ދުވަސްވީ މީހާކަމަށްވާ ރަޒީނާވެސް ގެނައެވެ. ރަޒީނާ ކޮފީ ހިފައިގެން އައުމާއެކު އެމީހުންނާއެކު ބައިވެރި ވުމަށް ފަލަކް އެދުނެވެ. އޭނާ ބާކީ ހުރި ބިސްކޯދު ގެނައުމަށްވެސް ރަޒީނާ އަށް އެހީތެރިވިއެވެ.

ކުއްލިއަކަށް އެމީހުންގެ ނަޒަރު ހުއްޓުނީ މަޑުމަޑުން ސިޑީގެ އަތް ގަނޑުގައި ހިފައްޓައިގެން ފައިބަމުން ދިޔަ އައިރީންއަށެވެ.

"ދަރިފުޅާ ބަލައިގެން ފައިބައްޗޭ!" ފަލަކް އެހެން ބުނެލާފައި ތެދުވީ އައިރީންއަށް އެހީތެރިވުމަށެވެ.

"އޯކޭ ވާނޭ މަންމާ" ބޮޑުވެފައިވާ ބަނޑާއެކު ސިޑިން އަރާ ފައިބަން އައިރީންއަށް ނުލާހިކު އުދަގުލެވެ. އޭނާ ވަރަށް ފަރުވާތެރިވެ ހުރެ ސިޑިން ފައިބައިފިއެވެ. ހެދުމުގެ މަތިން ބޯ ޖެކެޓެއް ލައިގެން ހުރި އައިރީން ވެސް މިސްރާބުޖެހީ ބޭރަށެވެ.

"ރީން" އިޔާން އައިރީން ގާތަށް އައިސް އައިރީންގެ އަތުގައި ހިފާލިއެވެ. އައިރީން ފެނިގެން އިޒްޔާން އައިސް ބަނޑުގައި އަތް ޖައްސާލިއެވެ. އިޒްޔާންވެސް ކޮންމެ ދުވަހަކު އޭނާގެ ބަނޑުގައި އެވާ ތުއްތު ފުރާނައާ ވާހަކަ ދައްކާނެއެވެ.

އިޔާންއާއި ދެމީހުން އޭނާގެ ބަނޑުގައި އަތް ޖައްސައިގެން ދައްކާ ވާހަކައިން އައިރީންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވައެވެ. އިޒްޔާން ވިހެއުމަށްފަހު އައިރީން މާރސްޓާރސް ފުރިހަމަ ކުރިނަމަވެސް އިޒްޔާން އެހާ ކުޑަކަމުން އޭނާ މަސައްކަތަށް ނުކުންނާކަށް ބޭނުމެއް ނުވިއެވެ. މާސްޓާރސް ފުރިހަމަ ކުރީވެސް އިޔާން ދިން އެއްބާރުލުމާއި ތަރުހީބުގެ ސަބަބުންނެވެ. އިޒްޔާން ލިބުނުފަހުން އައިރީންގެ ނަފްސާނީ މައްސަލަ ސަކަރާތްވީ ހުރިހާ ކަމެއް އޭނާގެ ހަނދާނަށް އައުމުންނެވެ. އެހެންނަމަވެސް ފަރުވާއާއެކު އަދި އިޔާންގެ އެއްބާރުލުމާއި ލޯތްބާއެކު މިހާރު އައިރީންވަނީ އެކަމުން އެއްކޮށް ރަނގަޅުވެފައެވެ.

އައިރީން ވަނީ އޭނާގެ ބައްޕަމެންގެ އިތުރު މަރާމާތަށްފަހު ހޮޓެލަކަށް ބަދަލުކޮށްފައެވެ. މިހާރު މާލޭގައި އެންމެ މަޝްހޫރު ހޮޓެލް ތަކުތެރޭގައި އެ ހޮޓެލް ވެސް ހިމެނެއެވެ.

"މަންމާ ކޮން އިރަކުން ކޮއްކޮ އަންނާނީ؟" އެ ތުއްތު އަޑުން ބުނެލުމާއެކު އައިރީންއަށް ހެވުނެވެ. އިޔާން އިޒްޔާން އުރާލުމާއެކު އައިރީން އިޒްޔާންގެ ކޮލުގައި ކޮށްޓާލަމުން އެ ކޮލަށް ބޮސް ދިނެވެ. އިޔާންއަށް ވެސް ހެވުނެވެ. ޒަކާވެސް އައިސް ގާތަށް ހުއްޓުނެވެ. އޭނާ ވެސް ކޮށްލީ އިޒްޔާން ކުރި ސުވާލެވެ.

"ޒެލް... ދެން ޒާއްކޮ އަށް ބޭބީ އެއް ގެނެސްދީބަލަ..." އިޔާން ހީގަނެފައި ސްނޯ ބޯލް އެއް ޒަލަފްއާ ދިމާލަށް އެއްލިއެވެ. ޒަލަފް ވެސް ހީގަންނަމުން އިޔާންއާއި ދިމާލަށް ސްނޯ ބޯލް އެއް އެއްލިއެވެ.

"މި ދެމީހުންގެ ސަކަރާތްވެސް ކުޑަ އެއް ނުވާނެ... މިތިބެ ކުޑަ ދެ ކުދިންނަށް ވުރެ ކަންތައް ބޮޑުވާނެ ދޯ ރީން" ރަޔާ އައިރީންއާއި ދިމާލަށް އަންނަމުން ވާހަކަދެއްކިއެވެ.

ޒަލަފް އައިސް ޒަކާ އުރާލަމުން އެ ކޮލަށް ބޮސް ދިނެވެ.

އިޔާން އިޒްޔާން ތިރީގައި ބެހެއްޓިއެވެ. އިޔާންއާއި އިޒްޔާން އާއި ދެމީހުން އައިރީންގެ ބަނޑުގައި އަތް ޖައްސާލާ ހިތެއްގެ ބައްޓަމަށް ހަދާލިއެވެ. އެ ދެމީހުން އެކަކު އަނެކަކުގެ މޫނަށް ބަލާލާފައި ހީލަމުން އައިރީންއަށް ބަލާލިއިރު އައިރީންވެސް ހިނިތުންވެލިއެވެ. (ނިމުނީ)

----

އަލްޙަމްދު ﷲ. ވާހަކަ ނިންމުމުގެ ހެޔޮ ތައުފީޤް ދެއްވި ކަމަށްޓަކައި މާތް ﷲ އަށް ޙަމްދު ކުރަމެވެ. ވާހަކައަކީ އަމިއްލަ ހިލާލެއްގެ މައްޗަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. އެއްވެސް އިރެއްގައި ހިނގާފައިވާ ނުވަތަ ހިނގާފާނޭ ކަމަށް ލަފާކޮށްފައި ލިޔެފައިވާ ވާހަކައެއް ނޫނެވެ. މި ވާހަކައަކީވެސް ރީތި ވާހަކައަށް ވީ ކަމަށް އުންމީދުކުރަމެވެ. އަދި ވާހަކަ ފެށިގެން ނިމެންދެން ވާހަކަ ވިދާޅުވި ހުރިހާ ކިޔުންތެރިންނަށްވެސް ޝުކުރު ދަންނަވަމެވެ. ޝުކުރިއްޔާ!

comment ކޮމެންޓް