ފިޔާގެ އަގު ކޮންޓްރޯލްް ކުރެވެންޏާ ކުލި ކޮންޓްރޯލް ކުރެވެން ޖެހޭނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން: އޭނާ ވިދާޅުވީ ކާބޯތަކެއްޗާއި ޓެކްސީގެ އަގު ކޮންޓްރޯލު ކުރި ފަދައިން ކުލީގެ އަގު ވެސް ކޮންޓްރޯލް ކުރަން ޖެހޭ ކަމަށް -- ސަން ފައިލް ފޮޓޯ/ އަހުުމަދު އަވްޝަން އިލްޔާސް

ސަރުކާރުން ފިޔާ، ބިސް، އަލުވި އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ފަދައިން ގެދޮރުގެ ކުލި ވެސް ކޮންޓްރޯލު ކުރެވެން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މިވަގުތު އިގްތިސޯދީ ހާލަތު ހުރި ގޮތަށް ރިއާޔަތްކޮށް، ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކޮށް، އަގުބޮޑުކޮށް ވިއްކާ ފަރާތްތައް ބޮޑު އަދަދަކުން ޖޫރިމަނާކުރަން ސަރުކާރުން ވަނީ މިއަދު ނިންމައިފަ އެވެ. ހަމަ އެ ގޮތަށް މީގެ ކުރިން ސަރުކާރުން ވަނީ ޓެކްސީ ދަތުރުކުރެވޭނެ އަގުތައް ވެސް ކަނޑައަޅާފަ އެވެ.

އެކަމާ ގުޅިގެން އަލީ ހުސައިން 'ސަން' އަށް ވިދާޅުވީ، ކާޑުގެ ބާއްވަތްތަކާ އެހެނިހެން ކާބޯތަކެތީގެ އަގު ސަރުކާރުން ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި އަދި އެއީ ރަނގަޅު ކަމެއް ކަމަށެވެ.

"ފިޔާ، ބިސް، އަލުވި، މުގު އަދި ޓެކްސީގެ އަގު ކޮންޓްރޯލު ކުރާ ބީދައިން ކުލިވެސް ކޮންޓްރޯލު ކުރެެވެން އެބަޖެހޭ. ހަމަގައިމުވެސް ބޭންކު ލޯނު ދައްކާ ނިމިފައި ހުރި ބިލްޑިންގްތައްވެސް މަދެއް ނޫން. ޑިމާންޑް އެންޑް ސަޕްލައި ގެ އުސޫލު ތަކަށްވުރެ ރައްޔިތުންގެ އަސާސީ ބޭނުންތައް މާ މުހިންމު،" އަލީ ހުސައިން ވިދާޅުވި އެވެ.

ގެދޮރުގެ ކުލި ބޮޑުވަނީ ބޭންކުން ނަގާފައި ހުރި ލޯނުތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމަށް ރައްދު ދެއްވައި އަލީ ހުސައިން ވިދާޅުވީ، ލޯނު ނަގައިގެން ގަނެފައި ހުރި ޓެކްސީތައް ވެސް މަދެއް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ގެދޮރުގެ އަގު ކޮންޓްރޯލު ނުކޮށް ޓެކްސީ ދަތުރުގެ އަގު ކޮންޓްރޯލް ކޮށްފައި އޮތުމުން އަލީ ހުސައިން ވިދާޅުވީ އެއީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށެވެ.

"މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޯހިޔާވަހިކަމަކީ އެއީ އިންސާނީ ހައްގެއް ގޮތުގައި މި ބަަލައިގަންނަނީ. އެހެންވީމަ ވަޔާއި ފެނާއި ކާނާ ބޭނުންވާ ގޮތަށް ބޭނުންވާ ކަމެއް އެއީ ބޯހިޔާވަހިކަން ވެސް،" އަލީ ހުސައިން ވިދާޅުވި އެވެ.

މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކުލި ނުދެއްކޭ ނަމަ އަމިއްލަ ރަށަށް ދިޔުމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އަލީ ހުސައިން ވިދާޅުވީ މާލޭގައި އުޅޭ ގިނަ މީހުންނަކީ އަމިއްލަ ރަށުގައި ވެސް ބޯހިޔާވަހިކަމެއް ނެތް މީހުން ކަމަށާއި އަދި އޭގެ ތެރެއިން ގިނަ ރަށްތަކުގައި ސާފު ބޯފެނާއި ނަރުދަމާ ވެސް ނެތް ކަމަށެވެ.

"ހަމައެކަނި ކުލި ކޮންޓްރޯލު ކުރުމުން މީގެ މައްސަލަ ހައްލެއް ނުވޭ. މާލެއަށް މިއޮތް ޑިމާންޑް ކުޑަކުރެވިގެން ނޫނީ އެހެން ރަށް ރަށުގައި މީހުން ދިރިއުޅެވޭނެ ގޮތާއި ވަސީލަތްތަކާއި އަދި ސިއްހީ ހިދުމަތްތަކާއި ވަޒީފާތައް ލިބޭނެ ގޮތް ގާއިމުކުރެވިގެން އެކަން ކުރެވޭނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

މާލޭގައި ކުއްޔަށް ދިރިއުޅެނީ ހަމައެކަނި އަތޮޅުތަކުގެ މީހުން ނޫން ކަމަށާއި މާލޭގެ ރައްޔިތުން ވެސް ބޮޑު ކުލި ދައްކައިގެން ދިރިއުޅޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މާލޭގައި ކުލިދައްކައިގެން އުޅޭ މީހުން ކުލި ބޮޑުވީމާ ކުލި ދެއްކޭނެ ގޮތް ނުވީމާ ދެން ކޮން ތަނަކަށްގޮސްތޯ ވަންނާނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި މައްސަލައަށް އޮތް ހައްލަކީ މާލެއިން ލިބޭ ޚިދުމަތްތައް ލިބޭނެ ރަށްތަކެއް ހެދިގެން ކަމަށެވެ.

"މާލެއަށް ވުރެން ރަނގަޅު ރަށްތަކެއް އުފެދިގެން މާލެއަށް ވުރެން ރަނގަޅު ދެ ތިން ރަށެއް އެކި ސަރަހައްދުތަކުގައި ހެދިގެން އެތަންތަނަށް މީހުން ހިޖުރަކުރަން ފެށީމަ މުޅި މައްސަލަ ހައްލުވާނީ،" އަލީ ހުސައިން ވިދާޅިވި އެވެ.

comment ކޮމެންޓް