ފޮތި މާސްކު އަޅަން ހިތްވަރުދިނުމަށް ޑަބްލިޔުއެޗްއޯއިން ތާއީދުކޮށްފި

ފޮތި މާސްކު އަޅަން ހިތްވަރުދިނުމަކީ ޑަބްލިޔުއެޗްއޯއިން ތާއީދު ކުރާ ކަމެއް ކަމަށް އެޖަމްއިއްޔާއިން ވަނީ ބުނެފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޭޕްރިލް 4): އާއްމު ތަންތަނުގައި މީހުން އަނގަ އާއި ނޭފަތް ނިވާ ކުރުމަށް ފޮތި މާސްކު އަޅަން ގައުމުތަކުގެ ސަރުކާރުން ހިތްވަރު ދިނުމަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ތާއިދު ކުރާ ކަމެއް ކަމަށް އެޖަމްއިއްޔާއިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން އެފަދައިން ބުނެފައި ވަނީ، ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ގޮތުން މާސްކު އެޅުމަކީ ރަނގަޅު ފިޔަވަޅަކަށް ވެދާނެ ކަމަށް ބައެއް ދިރާސާތަކުން ދެއްކި ފަހުންނެވެ. އެއީ މާސްކު އެޅުމަކީ، ވައިރަސް ހުރި ނަމަވެސް އަލާމާތްތައް ނުފެންނަ މީހުންގެ ފަރާތުން އެހެން މީހުންނަށް ވައިރަސް ފެތުރުން ކުޑަ ކުރެވޭނެ ގޮތަކަށްވާތީ އެވެ.

އޭގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކާއި އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް (ސީޑީސީ)އިން މިހާރު ވަނީ އާއްމު ތަންތަނުގައި މީހުން ފޮތި މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފަ އެވެ.

ޑަބްލިޔުއެޗްއޯގެ ހެލްތް އެމާޖެންސީސް ޕްރޮގްރާމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. މައިކެލް ރަޔަން ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަހުން ރައްކާތެރިވުމަށް އަމަލު ކުރަން މިހާރު އަންގާފައިވާ ގޮތުގެ އިތުރަށް، މާސްކު އެޅުމަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރެވިދާނެ ކަމެކެވެ. ވައިރަހުން ރައްކާތެރިވުމަށް އަމަލު ކުރަން އެޖަމްއިއްޔާއިން މިހާރު އަންގާފައިވާ ގޮތްތަކަކީ ގިނަގިނައިން އަތް ދޮވުމާއި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމާއި ވީހާވެސް ގިނައިން ޓެސްޓުކޮށް ބަލި ޖެހިފައިވާ މީހުން އެކަހެރި ކުރުމެވެ.

"މާސްކު އެޅުުމުން، އިންފެކްޝަން ޖެހިފައިވާ މީހާގެ ފަރާތުން އެހެން މީހުންނަށް އިންފެކްޝަން ފެތުރުން ބައެއް ހާލަތްތަކުގައި މަދުވުން އެކަށީގެންވޭ،" ރަޔަން ވިދާޅުވި އެވެ.

އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން ވަނީ ސާޖިކަލް މާސްކުތައް މީހުން ގަނެ އެއް ނުކުރުމަށާއި އެފަދަ މާސްކުތައް ސިއްހީ ފަރުވާ ދޭ ފަރާތްތަކާއި ބަލި މީހުންނަށް ހާއްސަ ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 180އަށް ވުރެ ގިނަ ގައުމަށް ފެތުރި، އެއް މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަހުގެ ސަބަބުން 60,427 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް