އައްޑޫއިން ދަނޑުވެރިކަމަށް އިތުރު ބިންތައް ދޫކުރަން ހުޅުވާލައިފި

އައްޑޫ ސިޓީ ހިތަދޫ މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަނޑުހެއްދުމަށް އައްޑޫ ސިޓީއިން އިތުރު ބިންތައް ދޫކުރަން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން އައްޑޫސިޓީގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމަށްޓަކައި ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރަން އެ ކައުންސިލުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ، ސަރުކާރުގެ އިދާރާތަކުން ދަނޑުވެރިންނަށް ފޯރުކޮށްދޭ އެހީތައް ހޯދައިދިނުމަށް އެ ކައުންސިލުން މަސައްކަތް ކުރާނެ ކަމަށެވެ.

"އަލަށް ދަނޑުހެއްދުމަށާއި އޮޅު ހެއްދުމަށް ބޭނުންވާ ފަރާތްތަކަށް ބިން ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކޮންމެ އަވަށަކުންވެސް ބިން ހޯދުމަށް މެއިލް ކުރާނީ އެ އަވަށެއްގެ އޮފީހަކަށެވެ،" އައްޑޫ ކައުންސިލުން ނޭރުނު ބަޔާނުގައިވެ އެވެ.

ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ދަނޑުވެރިން ހައްދާ ހުރިހާ ތަކެއްޗެއް ގަނެވޭނެ ނިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ، ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި އިގްތިސާދީ ހާލަތަކީ ރާއްޖޭގެ އިގްތިސާދު ފުޅާ ކުރަން ރަނގަޅު ފުރުސަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި އެސްޓީއޯއިން މިހާރު ނިންމާފައި ވަނީ، އެގްރި-ސެންޓަރެއް ގާއިމްކޮށް ރާއްޖޭގެ ހުރިހާ ދަނޑުވެރިން އުފައްދާ އުފެއްދުންތައް އެތަނަށް ގަތުމަށެވެ.

comment ކޮމެންޓް