ލަންކާގައި ތިބި ދިވެހި އާއިލާއަށް ތަކެތި ފޮނުވަން ޓާމިނަލް ފުރާލައިފި

އާއިލާއަށް ތަކެތި ފޮނުވުމަށް ގިނަ އަދަދެއްގެ ދިވެހީން ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދަށް އެއްވެފައި --- ސަން ފޮޓޯ

އަވައްޓެރި ސްރީލަންކާގައި ދިރިއުޅޭ ދިވެހީންނަށް ކޮންމެ އާއިލާއަކުން ތަކެތި ފޮނުވުމަށް ޓަކައި ގިނަ ބަޔަކު ދިޔައީ އެދެމުންނެވެ. އެންމެފަހުން އެތަކެތި އާއިލާތަކަށް ފޮނުވާލެވޭ ދުވަސް އަތުވެއްޖެ އެވެ. މިއީ އެތައް ދިވެހީންނެއް އިންތިޒާރުކުރަމުން އައި ކަމެއް ކަން ރަނގަޅަށް ވެސް އެނގިއްޖެ އެވެ. ފޮށިތަކުގައި ބަންދުކޮށް ކާ އެއްޗެހި އަޅައިގެން އެތައް ބަޔަކު އެ ތަކެތި ފޮނުވާލުމަށް އެއްވެ ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދު ފުރާލައިފި އެވެ.

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ފޮނުވޭނެ އިންތިޒާމް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ. އާދިއްތަ ދުވަހު ފުރާ ފްލައިޓަށް ކޮންމެ ހޮނިހިރު ދުވަހެއްގައި އާއިލާއަށް ތަކެތި ފޮނުވަން ބަލައިގަންނާނެއެވެ.

މިއަދުގެ 09:00 ޖެހިއިރު ތަކެތި ބަލައިގަންނަން ގްރޭޓާ މާލޭ ބަސްސްޓޭޝަންގައި ހުންނަ މޯލްޑިވިއަން ސިޓީ ޗެކިން އޮފީހުން ފެށި އިރު އެތަނަށް ވަނީ ގިނަ އަދަދަކަށް މީހުން އެއްވެފަ އެވެ. ލަންކާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވުމަށް އެންމެންވެސް އަވަސްވެގަނެގެން ދިޔަ މަންޒަރު ފެނިގެންދިޔަ އެވެ.

އާއިލާއަށް ތަކެތި ފޮނުވުމަށް ގިނަ އަދަދެއްގެ ދިވެހީން ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދަށް އެއްވެފައި --- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވާލުމާ އެކު މާލޭގެ ބައެއް ބޭންކުތައް ދޮށަށް މީހުން އެއްވެ އެ ސަރަހައްދުތައް އޮތީ ތޮށްޖެހިފަ އެވެ. މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން އިޖުތިމާއީ ގައިދުރުކުރަން އަންގަމުން ދިޔައިރު އާންމުންގެ ގިނަ ބަޔަކު ތިބީ އެކަމުގެ މަތީން ހަނދާން ނެތިފަ އެވެ.

މިއަދު ހެނދުނުގެ ވަގުތުގައި ކާގޯ ބަލައިގަންނަ ފެށުމާއެކު ވެސް އެންމެ ފުރަތަމަ ފެނިގެން ދިޔައީ އެފަދަ މަންޒަރެކެވެ. އެތައް ބަޔަކު ބަސް ޓާމިނަލް ސަރަހައްދަށް އެއްވެ އެ ސަރަހައްދުގައި ތޮށްޖެހިފައި ތިއްބެވެ.

އެހެންނަމަވެސް އެއްތަނަކަށް އެއްވުން ކުޑަކުުރުމުގެ ގޮތުން މީހުންތައް ވަނީ ފަހުން ދުރަށް ޖެހެން ފަށާފަ އެވެ. އަދި އެއާއެކު ސަރަހައްދުގައި ކިޔޫ ހަދާލި އެވެ. ކާގޯތައް ކޮނޑުޖަހައިގެން އެއްބަޔަކު ތިބިއިރު އަނެއްބަޔަކު އެ ޕޭވްމެންޓު މަތީގައި ބަހައްޓައި ފޮށިތައް ގާތު މަޑުކޮށްލައިގެން ތިއްބެވެ.

އާއިލާއަށް ތަކެތި ފޮނުވުމަށް ގިނަ އަދަދެއްގެ ދިވެހީން ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދަށް އެއްވެ ދިގު ކިޔޫ ހަދާފައި --- ސަން ފޮޓޯ

ކޮންމެ ހޮނިހިރެއްގެ 09:00 އިން ފެށިގެން 12:00 ތަކެތި ބަލައިގަތުމަށް ނިންމާފައިވުމުން ހުރިހާ އެންމެން ވެސް ބަލަމުން ދިޔައީ 12:00 ޖެހުމުގެ ކުރީން ތަކެތި ފޯރުކޮށްދެވޭތޯ އެވެ. ކިޔޫ ދިގުވަމުން ގޮސް އެ ކިޔޫ ވަނީ ކަޅުތުއްކަލާ ކޮށީގެ ދޮރާއްޓަށްވުރެ ވެސް ދުރަށް ގޮސްފަ އެވެ. މި ހުރިހާ ކަމެއްގައި ރައްޔިތުން ތިބީ ދުވާލުގެ ހޫނަށް ބެލުމެއް ނެތި އެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި ކާގޯގެ ގޮތުގައި ފޮނުވޭނީ ލަންކާއިން ލިބެންނެތް ބޭހެއް ނުވަތަ އެހެން ޒަރޫރީ ބޭނުންތަކަށް ފޮނުވާ ތަކެއްޗެވެ. އެގޮތުން

ކާގޯގެ ގޮތުގައި ފޮނުވޭނެ ތަކެތި

  • ޑަކްޓަރީ ބޭސް (ޑޮކްޓަަރުގެ ބޭސްސިޓީ އޮންނަންވާނެ)
  • މަސް ދަޅު ކޭސް
  • ނޫޑްލްސް ކޭސް
  • ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި ހުންނަ ފުޅި)
  • މަސްފަކެޓް / ފަތް ފަކެޓް / ފިހާރަތަކުން ވިއްކާ ޕެކްކޮށްފައި ހުންނަ ކާބޯތަކެތި

އާއިލާއަށް ތަކެތި ފޮނުވުމަށް ގިނަ އަދަދެއްގެ ދިވެހީން ގްރޭޓާ މާލޭ ބަސް ޓާމިނަލް ސަރަހައްދަށް އެއްވެފައި --- ސަން ފޮޓޯ

ކާގޯގައި ނުހިމެނޭނެ ތަކެތިވެސް ފޮރިން މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ. އެއީ:

  • ފައިސާ
  • ރޯމަސް
  • ކޭކު
  • ހެދިކާ
  • މޭވާ
  • ތަރުކާރީ

ފަނަރަހާހަށްވުރެ ގިނަ ދިވެހިން ދިރުއުޅެމުން އަންނަ ލަންކާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން އެ ގައުމަށް އެއާޕޯޓު ވަނީ ބަންދުކޮށްފައެވެ. އަދި އެކި ސަރަހައްދުތަކަށް ބަހަލައިގެން ކާފިއު ދަނީ އިއުލާން ކުރުމުންނެވެ. އެއާއެކު ގިނަ އިރުތަކެއްވަންދެން ޒަރޫޒީ ބޭނުމަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކުގައި ކިއުޖެހެން ޖެހެއެވެ. އެތައް ގަޑިއިރަކު ކިއުގައި މަޑުކޮށް ފިހާރަތަކުން ބޭނުންވާ އެއްޗެހި ގަންނަން ފިހާރައަށް ވަންނައިރު ބޭނުންވާ ތަކެތި ނުލިބޭ ކަމަށް އެގައުމުގައި ދިރިއުޅޭ ދިވެހިން ދަނީ ބުނަމުންނެވެ.

comment ކޮމެންޓް