ކޮވިޑް19: އޭއައިއައިބީގެ މެމްބަރު ގައުމުތަކަށް 5 ބިލިއަންގެ އެހީ ދޭން ނިންމައިިފި

ޗައިނާ އިސްކޮށް އޮވެގެން އުފައްދާފައިވާ އޭޝިޔަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ މެމްބަރު ގައުމުތަކަށް ކޮރޯނާވައިރަހުގެ ސަބަބުން ދިމާވެފައިިވާ ދަތިކަމުން އަރައިގަތުމަށް އެހީތެރިިކަން ފޯރުކޮށްދިނުމަށް ފަސް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް އިއުލާނުކޮށްފިއެވެ.

އޭއައިއައިބީގެ ރައީސް ޖިން ލިކުއިން ވިދާޅުވެފައި ވަނީ ކޮވިޑް19 އާއެކު ވަރަށް ގިނަ ގައުމުތަކެއްގެ ނާޒުކު ހާލަތު މިހާރު ސާފުކޮށް ފެންނަމުންދާ ކަމަށާއި، އެހެންކަމުން ގައުމުތަކުގެ ޕަބްލިކް ހެލްތު އިންފްރާސްޓްރަކްޗާ ކޮޅަށް ނަގަން މިވަގުތު ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިިވާ ކަމަށެވެ.

ޖިން ވިދާޅުވީ އޭއައިއައިބީގެ 78 މެމްބަރުު ގައުމުގެ ތެރެއިން 20 ގައުމަކުން މިހާތަނަށް އެ ބޭންކުގެ އެހީއަށް އެދިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

ކޮވިޑް19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އަޅާ ފިޔަވަޅުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެހީ ހޯދުމަށް އޭއައިއައިބީ އާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ޖިން ވިދާޅުވީ އޭއައިއައިބީގެ ފަސް ބިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖާއި، އެހެނިހެން މާލީ އިދާރާތަކުން ދެމުން އަންނަ އެހީތަކާ އެކު އެ ގައުމުތަކަށް 18 މަހަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް ޑިމާންޑް އިތުރުވެއްޖެނަމަ ބޯޑުގެ އެޕްރޫވަލް އާއެކު މި އަދަދު އިތުރުވެސް ކުރެވިދާނެ،" ޖިން ވިދާޅުވިއެވެ.

ޖިން ވިދާޅުވީ މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާ އާއި އެ ކާރިސާގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށް އަރާ ލޮޅުމުން އަރައިގަތުމަށް ހުރިހާ ގައުމުތަކުން އެކުގައި މަސައްކަތްކޮށް، ވެ ދެވެން އޮތް ގޮތަކުން އެހީވާން ޖެހިފައިވާ ކަމަށެވެ. އަދި މި ކަމުން އަރައިގަތުމަށް އޭއައިއައިބީ އިން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭއައިއައިބީން ބުނީ އެ ބޭންކުން ވޯލްޑް ބޭންކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއެކު ވަރަށް ކައިރިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް މުޅި ޖުމްލަ 17.3 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފައެވެ. ރައީސް ސޯލިހު ވިދާޅުވީ މިހާރުވެސް އޯޕެކް އާއި އައިޑީބީ އާއެކުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އައިއެމްއެފް އިން މި ހާލަތުގައި ދޭ އިގްތިސޯދީ ޕެކޭޖު ނެގުމަށް ރާއްޖެއިން ވިސްނާފައި ނުވާ ކަމަށެވެ.

comment ކޮމެންޓް