އެމެރިކާއާއި ޔޫރަޕަށްފަހު ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރޭނެކަމަށް ބެލެވެނީ މެދުއިރުމަތީގައި: ޑަބްލިޔުއެޗްއޯ

ޑރ. އަހްމަދުލްމުންޒިރީ ޑަބްލިޔޫ އެޗް އޯ ގެ މެދުއިރުމައްޗާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ

ޖެނީވާ (3 އެޕްރީލް 2020): އެމެރިކާއާއި ޔޫރަޕަށްފަހު ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރިގެންދާނެ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ލަފާ ކުރެވިފައިވާ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔުއެޗްއޯ އިން ދީފިއެވެ.

އެ ޖަމްއިއްޔާގެ މެދުއިރުމައްޗާ ބެހޭ ޑިޕާޓްމަންޓްގެ ވެރިޔާ ޑރ. އަހްމަދުލްމުންޒިރީ ވިދާޅުވީ އެމެރިކާއާއި ޔޫރަޕަށްފަހު ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރިގެންދާނެ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ލަފާކުރެވެނީ ގިނަ ސަބަބުތަކެއް ހުރުމުން ކަމުގައެވެ. އޭގެތެރޭގައި ކޮރޯނާ ވައިރަސް އާ ދެކޮޅަށް އަޅަންޖެހޭ ހަރުކަށި ފިޔަވަޅުތައް މެދުއިރުމަތީގެ ގައުމުތަކުން އަޅާތަން ނުފެނުމާއި ދަތުރުފަތުރު ކުރާ މިންވަރު ގިނަ ގައުމުތަކެއްގެ ގޮތުގައި މެދުއިރުމަތީގެ ގައުމުތައް ފާހަގަކުރެވުން ހިމެނެއެވެ.

މީގެއިތުރުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގައި ހަނގުރާމަތައް ހިނގުމާއި އެގައުމުތަކުގެ ސިއްހީ ނިޒާމުތައް ބަލިކަށިވުމާއި ބައެއް ގައުމުތަކުގައި އާބާދީ ތޮއްޖެހިފައި ވުމަކީވެސް ކޮރޯނާ ވައިރަސް އެންމެ ބާރަށް ފެތުރިގެންދާނެ ސަރަހައްދެއްގެ ގޮތުގައި މެދުއިރުމަތި ބެލޭ ސަބަބެއްކަމަށް ޑރ. މުންޒިރީ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ގެ ނުރައްކަލާ ގުޅިގެން މާތްވެެގެންވާ މައްކާގެ ޙަރަމްފުޅު ފަޅުވެފައި

މެދުއިރުމަތީގެ ހުރިހާ ގައުމެއްގައި ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު އެންމެ ބާރަށް ފެތުރެމުންދަނީ އީރާންގައެވެ. އަދި އެރޯގާ ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީވެސް އީރާނުންނެވެ. ނަމަވެސް އިސްރާއީލު، ގަތަރު، ބަހްރައިން، ސައޫދީ އަރަބިޔާ، މިސްރު އިރާގު އަދި އުރުދުންގައިވެސް ދަނީ އެރޯގާ ވަރަށް ބާރަށް ފެތުރެމުންނެވެ.

ކޮރޯނާ ވައިރަސް ނުވަތަ "ކޮވިޑް-19 ފެތުރޭން ފެށުނުތާ ތިންމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ރޯގާ ޖެހުނު މީހުންގެ އަދަދުވަނީ އެއް މިލިޔަނަށްވުރެ މައްޗަށް ގޮސްފައެވެ. އަދި އެރޯގާ ޖެހިގެން މަރުވި މީހުންގެ އަދަދުވެސް 53،000 އަށް ވުރެ މައްޗަށް ގޮސްފައިވެއެވެ. ޗައިނާގައި ކޮރޯނާ ވައިރަސް ކޮންޓްރޯލް ކޮށްފައިވާއިރު ޔޫރަޕްގެ ގައުމުތަކާއި އެމެރިކާގައި އެރޯގާ ދަނީ ކޮންޓްރޯލް ނުވެ ޗައިނާގައި ފެތުރުނު ވަރަށްވުރެ ބާރު މިނެއްގައި ފެތުރެމުންނެވެ. އެމެރިކާގައި ދުވާލެއްގެ މައްޗަށް 10،000 އަށްވުރެ ގިނަ މީހުން އެރޯގާއަށް ޕޮޒިޓިވް ވާއިރު 24 ގަޑިއިރު ތެރޭގައި ހާހަކަށްވުރެ ގިނަ މީހުން އެރޯގާގައި މަރުވެފައިވެއެވެ.

މެދުއިރުމަތީގެ ގައުމެއް ކަމަށްވާ ސައުދީ އަރަބިޔާއިން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި މައްކާއާއި މަދީނާގައި 24 ގަޑިއިރު ކާފިއު ހިންގަންފަށާފައެވެ. އަދި އެދެރަށުގައިވާ އިސްލާމީ ދެ ހަރަމްފުޅުވެސް ވަނީ ޖަމާއަތުގައި ނަމާދު ނުކުރެވޭގޮތަށް ބަންދުކޮށްފައެވެ.

މެދުއިރުމަތީގެ ގައުމުތަކުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ 60 ހާސް މީހުން ތިބިކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ އިން ބުނެއެވެ. (އަލްޖަޒީރާ)

comment ކޮމެންޓް