ގައުމީ ޝިޕިންލައިންގެ ފުރަތަމަ ބޯޓު ރާއްޖެ އަންނާނީ އާދީއްތަ ދުވަހު

ކޮންޓެއިނަރު އުފުލާ ބޯޓެއް މާލެ ވިޔަފާރި ބަނދަރާ ދިމާލަށް ދަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު މި ފެށޭ ހަފްތާގެ އާދީއްތަ ދުވަހު ރާއްޖެ އަންނާނެކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ކޮވިޑް19އާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ބޯޓު މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށެވެ.

ރާއްޖޭގައި ޝިޕިންލައިން ހިންގުމަށް އުފެއްދި އެމްއެސްއެސްއަކީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އެސްޓީއޯއިން މިއަދު ބުނި ގޮތުގައި އެމްއެސްއެސްގެ ފުރަތަމަ ބޯޓަށް ރާއްޖެ އާދެވޭނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. ސްރީލަންކާގެ ބަނދަރަކުން ފުރަން އޮތް އެ ބޯޓުގެ ފުރުން ލަސްވީ ކޮރޯނާވައިރަހާ ގުޅިގެން ދިމާވި ދަތިތަކުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގްގެ އޮފީސް --- ފޮޓޯ/ އެސްޓީއޯ

އެ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުއްލޭ ވަރުގެ ބޯޓެއް ކަމަށް މީގެ ކުރިން އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނީގެ އޮފީހެއްވެސް މިހާރު ވަނީ މާލޭގައި ހުޅުވައިފައެވެ. އެ އޮފީސް ހުންނަނީ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ތިންވަނަ ފްލޯގައެވެ.

ރާއްޖެ އޮތީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައި ކަމަށާއި އެކަން ބަދަލު ކުރުމަށް އެހެން ސިނާއަތްތަކަށް އިންވެސްޓުކުރަން ޖެހޭކަމަށް މީގެ ކުރިން ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. ގައުމީ ޝިޕިން ލައިނަކަށް އިންވެސްޓުކުރުމަކީ އޭގެ ތެރެއިން މުހިންމު އެއް މަސައްކަތްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް