މިއީ މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތު: ހުތުބާ

މިއަދު ޝައިހު އަލީ ޒައިދު ކ. ހިންމަފުށީގެ ހުކުރު ހުތުބާ ވިދާޅުވަނީ --

މި ތަދުމަޑުކަމުގެ ވަގުތަކީ މުއްސަނދިން ދީލަތިކަމުގެ މިސާލު ދައްކަންވީ ވަގުތު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ކޮރޯނާވައިރަހާ ގުޅިގެން މާލޭ ސަރަހައްދުގައި ޖަމާތުގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފައެވެ. އެހެންކަމުން، މި ހަފްތާގައިވެސް މާލޭ ސަރަހައްދުގައި ހުކުރެއް ނުކުރެއެވެ. މާލޭ ސަރަހައްދުގެ ބަދަލުގައި މިއަދުވެސް ދައުލަތުގެ މީޑިއާއިން ލައިވްކުރީ ކ. ހިންމަފުށީގައި ބޭއްވި ހުކުރު ނަމާދެވެ. އިމާމުވެ ހުކުރު ކުރެއްވީ ޝައިޚް އަލީ ޒައިދެވެ.

މިއަދުގެ ހުތުބާގައި ބުނީ މީ އެންމެން އެކަކު އަނެކަކަށް އެހީތެރިވުމުގެ ވަގުތު ކަމަށެވެ. އަދި މުއްސަނދިން ދީލަތި ކަމުގެ ނަމޫނާ ދައްކަންވީ ވަގުތު ކަމަށެވެ.

"މުސްލިމް އަހުންނޭވެ. މިއީ އެކަކު އަނެކަކަށް އެހީތެރިވުމުގެ ވަގުތެވެ. މުއްސަނދިން ދީލަތިކަމުގެ ނަމޫނާ ދައްކަންވީ ވަގުތެވެ." ހުތުބާގައި ބުންޏެވެ.

އެކަމަށް ބާރު ދިނުމުގެ ގޮތުން، އެންމެ ހެޔޮ އަމަލަކީ މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކޮށްދިނުން ކަމަށް ކީރިތި ރަސޫލާ (ޞއވ) ހަދީސް ކުރައްވާފައިވާ ބަސްފުޅެއް ހުތުބާގައި ފާހަގަކުރިއެވެ.

"އެންމެ ހެޔޮ އަމަލަކީ ތިބާގެ މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ފަދަ ކަމެއްކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާއަށް ރޮއްޓެއްގެ މިންވަރުވެސް ކާންދިނުމެވެ." ކީރިތި ރަސޫލާ (ޞއވ)ގެ މި ހަދީސް ހުތުބާގައި ފާހަގަކުރިއެވެ.

ހުތުބާގެ ފުރަތަމަ ބައިގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެއްކީ އިސްރާފު ނުކުރުމާ ގުޅޭ ގޮތުންނެވެ. މި ކަހަލަ ދުވަސްވަރެއްގައި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ކޮންމެ މީހަކުވެސް އަދާ ކުރަން ޖެހޭ ފަރުދީ ޒިންމާ އަދާކޮށް، ސިއްހީ ހިދުމަތްތެރިންގެ އިރުޝާދުތަކަށް ބޯލަނބަން ޖެހޭ ކަމަށް އެ ހުތުބާގައި ބުނެފައިވެއެވެ. އަދި ކާބޯތަކެތިން އިސްރާފުކުރުމާ ދުރުހެލިވާން ޖެހޭނެކަމަށް ބުނެފައިވެއެވެ.

"މުސްލިމް އަހުންނޭވެ. މިފަދަ ކާރިސާއެއްގެ ވަގުތުގައި މުޖުތަމައުގެ މަސްލަހަށް އިސްކަންދީ، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، މުވާސާތާއި، އިޘާރުގެ ސިފަތަކަށް އިސްކަން ދޭން ޖެހެއެވެ. އަދި ހަމަ އެހެންމެ ކާބޯތަކެތިން އިސްރާފުކުރުމާއި އެހެން މީހުންގެ މުހުދާތުތަކަށް ބެލުމެއް ނެތި، ތިމާއަށް ބޭނުން ނުވާ ވަރަށް ކާބޯތަކެތި ގަނެ ރައްކާކުރުން ފަދަ ކަންކަމުން ދުރުހެލިވާން ޖެހެއެވެ،" ހުތުބާގައި ބުނެފައިވެއެވެ.

ކެއިންބުއިން އިތުރުކުރުމުގެ ބަދަލުގައި މިފަދަ ތަދުމަޑުކަމެއްގެ ވަގުތުގައި ކެއިންބުއިން މަދުކުރަން ޖެހޭކަމަށްވެސް ހުތުބާގައި ބުންޏެވެ. މާގިނައިން ކެއުމަކީވެސް ބައެއް ބަލިތަކުގެ ސަބަބެއްކަން ފާހަގަކޮށް، ކެއުން ކޮންޓްރޯލު ކުރުމަށް ކީރިތި ރަސޫލާ (ޞއވ) ދެއްވާފައިވާ އިރުޝާދުގައި ހިފަން ޖެހޭ ކަމަށްވެސް ހުތުބާގައި ބުންޏެވެ. އެގޮތުން ބަނޑު ފުރާނުލައި އަބަދުވެސް ބަނޑުގެ ތިންބައި ކުޅަ އެއްބައި ހުހަށް ބާއްވަން އެކަލޭގެފާނު ދެއްވި އިރުޝާދު ފާހަގަކޮށްފައިވެއެވެ.

"މުސްލިމުން ކައިބޮއި އުޅެންވާނީ ދިރިހުރުމަށްޓަކައެވެ. ކެއުމަށާއި ބުއިމަށްޓަކައި ދިރިއުޅޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ކޮރޯނާވައިރަސް މުޅި ދުނިޔޭގައިވެސް ފެތުރިފައިވާ އިރު ގައުމުތަކުން ދަނީ އާންމުނަށް އެކި ބާވަތްތަކުގެ އިރުޝާދުތައް ދެމުންނެވެ. އޭގެ ތެރޭގައި ޒަރޫރީ ތަކެތި ގަންނަ އިރު ބޭނުން ނުވާ މިންވަރަށް ނުގަތުމަށް އިރުޝާދު ދެމުން ދެއެވެ.

އޭގެ އިތުރުން، ފޭސް މާސްކާއި ސެނިޓައިޒާ ފަދަ ސިއްހީ ދާއިރާގެ މީހުންނާ ބޭނުންވާ ތަކެތި މަދުން ގަތުމަށްވެސް ދަނީ އިލްތިމާސްކުރަމުންނެވެ. އެފަދަ ތަކެތި ލިބުމަށް މިހާރު ބައެއް ގައުމުތަކަށް ވަނީ ދަތިވެފައެވެ. އެހެންކަމުން، މުއްސަނދިންގެ އެހީއަށް އެކި ގައުމުތަކުގެ ސިއްހީ ދާއިރާތަކުގެ މީހުން ދަނީ ގޮވާލަމުންނެވެ.

comment ކޮމެންޓް