މުބާރާތްތައް ހުއްޓިފައި އޮތުމުން ސޮން އަސްކަރީ ހިދުމަތަށް

ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑު ސޮން ހިޔުން މިން --- ފޮޓޯ : ފުޓްބޯލް ލަންޑަން

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ދުނިޔޭގެ ފުޓުބޯޅަ ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން، ޓޮޓެންހަމް ހޮޓްސްޕާސްގެ ދެކުނު ކޮރެއާ ކުޅުންތެރިޔާ ސޮން ހިއުން މިން، ގައުމުގެ ފަރާތުން ލާޒިމުކުރާ އަސްކަރީ ހިދުމަތުގައި ބައިވެރިވާން ނިންމައިފި އެވެ.

ދެކުނު ކޮރެއާގެ ގާނޫނުގައި ބުނާގޮތުގައި އެގައުމުގެ 18 އަހަރާއި 35 ދެމެދުގެ ފިރިހެނުންނަށް ދެ އަހަރަށް އަސްކަރީ ހިދުމަތުގައި ބައިވެރިވުމަށް ލާޒިމުވާނެއެވެ. އަސްކަރީ ހިދުމަތުގައި ބައިވެރިނުވެއްޖެނަމަވެސް އެ ފަރާތަކަށް ޖަލު ހުކުމްކުރާނެކަމަށް ގާނޫނުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް 2018 ވަނަ އަހަރުގައި ބޭއްވި އޭޝިއަން ގޭމްސްގައި ސޮން ދެކުނު ކޮރެއާއަށް ރަން މެޑަލް އެއް ހޯދައިދިނުމާއެކު އޭނާއަށް ދެ އަހަރުގެ އަސްކަރީ ހިދުމަތުން ވަނީ ސަލާމަތްވެވޭގޮތްވެފައެވެ. ހާއްސަ ހާލަތުގައި އަސްކަރީގެ ހިދުމަތްތައް ކުރުކޮށްދެވެއެވެ. އެގޮތުން ދެ އަހަރުގެ މުއްދަތުގެ ބަދަލުގައި ސޮން ހޭދަކުރަން ޖެހޭނީ ތިން ހަފްތާގެ ބޭސިކް ޓްރެއިނިން އާއި 500 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް އެވެ.

ކޮރޯނާވައިރަހާ ގުޅިގެން ފުޓުބޯޅަ ސީޒަން ނިންމާލުމުގެ ކުރީން ސޮންއަށް ލިބުނު އިންޖަރީއަކާއެކު އޭނާ މިދިޔަ ފެބްރުއަރީގައި ދެކުނު ކޮރެއާއަށް ގޮސްފައިވެއެވެ. އިންޖަރީއާ ގުޅިގެން ކޮރެއާއަށް ދިޔަ ގޮތަށް ސޮން އަދި އެނބުރި ކްލަބަށް ގޮސްފައެއް ނުވެއެވެ.

ސޮން ޕްރިމިއާ ލީގަށް ކުޅޭއިރު، ޕްރިމިއާ ލީގުގެ މެޗުތައް ވަނީ މިމަހުގެ 30 ގެ ނިޔަލަށް ފަސްކޮށްފައެވެ. އަދި މިއަދު ބާއްވާ ހާއްސަ ބައްދަލުވުމެއްގައި ލީގުގެ މެޗުތައް އިތުރަށް ފަސްކުރުމާ ގުޅޭގޮތުން ގޮތެއް ނިންމާނެ ކަމަށް ވަނީ ވާހަކަތަކެއް ދެކެވިފައެވެ.

comment ކޮމެންޓް