އެސްޓީއޯ ސުޕަމާޓު "އޮންލައިން"ކޮށްފި

އެސްޓީއޯ ސުޕަމާޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުންނަ ގާތްގަނޑަކަށް ހުރިހާ އެއްޗެއް އޮންލައިންކޮށް ގަނެވޭނެ ގޮތް އެ ކުންފުނިން ހަމަޖައްސައިދީފިއެވެ.

އެސްޓީއޯއިން ބުނީ އެސްޓީއޯ ސުޕަމާޓުން ލިބެން ހުންނަ ތަކެތި އެ ކުންފުނީގެ އީ-ސްޓޯ (eSTOre) ވެބްސައިޓު މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

އެ އީ-ސްޓޯއިން ލިބެން ހުންނަ ތަކެތީގެ ތެރޭގައި ކާބޯތަކެއްޗާއި، ކޮސްމެޓިކްސްއާއި، ކުޑަކުދިންނަށް ބޭނުންވާ ނެޕީއާއި އެހެނިހެން އަސާސީ ތަކެތި ހިމެނެއެވެ.

އީސްޓޯ މެދުވެރިކޮށް ގަންނަން ބޭނުންވާ ހުރިހާ ތަކެއްޗެއް ވެބްސައިޓުގެ ކާޓްއަށް އެޅުމަށްފަހު އޮންލައިންކޮށް އެ ހުރިހާ އެއްޗަކަށް ފައިސާ ދެއްކޭނެ އެވެ. ގަންނަ ތަކެތި ޑެލިވާކުރަން ބޭނުންނަމަ އެ ހިދުމަތްވެސް އެސްޓީއޯއިން ފޯރުކޮށްދެއެވެ. އެ ކުންފުނިން ބުނީ މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެއަށްވެސް ޑެލިވާކޮށްދޭނެ ކަމަށެވެ.

ފައިސާ ދެއްކުމުގެ ކުރިން ކަސްޓަމަރުގެ މައުލޫމާތާއި ޑެލިވަރީގެ ހިދުމަތް ބޭނުންނަމަ ޑެލިވާކުރަން ބޭނުންވާ އެޑްރެސްގެ މައުލޫމާތު ދިނުމުގެ ފުރުސަތު ވެބްސައިޓުން ލިބޭނެއެވެ.

އެހެން ނޫންނަމަ ގަންނަ ތަކެތި ބަލާ އަމިއްލައަށް ދެވިދާނެއެވެ. އޮންލައިންކޮށް ގަންނަ މީހުންނަށް ގަންނަ ތަކެތި ނެގޭނެ ކަލެކްޝަން ސެންޓަރެއް މިހާރު ވަނީ އިބްރާހިމް ހަސަންދީދީމަގުގައި ހުންނަ އެސްޓީއޯ ސުޕަމާޓު ހޯލްސޭލް ސެންޓަރު ކައިރީގައި ގާއިމްކޮށްފައެވެ.

ކޮރޯނާވައިރަަސް ފެތުރުނަ ނުދިނުމަށް ސިއްހީ ދާއިރާގެ މާހިރުން ދަނީ އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ލަފާ ދެމުންނެވެ. އެކަމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކާއި ބައެއް އަމިއްލަ ކުންފުނިތަކުން ދަނީ މީހުންނަށް ތަންތަނަށް އެއްވެ އުޅެން ނުޖެހޭނެ ގޮތަށް، އޮންލައިންކޮށް ހިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެމުންނެވެ.

comment ކޮމެންޓް