އާދަމް ޝަރީފްގެ ތައުރީފް އިންޑިއާއަށް

އާދަމް ޝަރީފް އުމަރު: އިންޑިއާއިން ރާއްޖެއަށް ބޭސް ގެނައިސްދީފައިވާތީ އޭނާ ވަނީ އެ ގައުމަށް ތައުރީފް ކޮށްފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާ ލޮކްޑައުންކުރުމުގެ ސަބަބުން ރާއްޖެއަށް ނުގެނެވިފައި ހުރި 6.2 ޓަނުގެ ބޭސް އެ ގައުމުން ރާއްޖެއަށް ގެނެސްދިނުމުން އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އުމަރު އިންޑިއާއަށް ތައުރީފް ކުރައްވައިފި އެވެ.

އެސްޓީއޯއިން އޯޑަރުކޮށްފައިވާ އެ ބޭސްތައް މިއަދު މެންދުރު ރާއްޖެ ގެނައިސްފައިވަނީ އިންޑިއާގެ އަސްކަރީ މަތިންދާބޯޓެއްގަ އެވެ.

އެކަމާއި ގުޅިގެން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ހާލަތުގައި އެމްއެންޑީއެފް އާއި ފުލުހުން ގައުމަށް ކޮށްދޭ ހިދުމަތައް ސެލިއުޓު ކުރުން ހައްގު ކަމަށެވެ.

"ހަމައެއާއި އެކު އިންޑިއާ ލޮކްޑައުން ކޮށްފައި ވަނިކޮށް އެ ގައުމުގެ ސަރުކާރާއި އިންޑިއާ އެއާފޯސް އިން ރާއްޖެއަށް ދެމުންދާ އެއްބާރުލުމާއި ބޭސް ގެނެސްދިންކަމަށްޓަކައި ސެލިއުޓު ކުރަން،" ކުރީގެ ޑިފެންސްޓަރުކަން ވެސް ކުރެއްވި އާދަމް ޝަރީފް ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފަ އެވެ. އެއާ ހިލާފަށް ޗައިނާއާ ވަނީ ގުޅުން ބަދަހިކޮށްފަ އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޗައިނާއަށް ވުރެން ބޮޑަށް ގުޅުން ބަދަހިކޮށްފައިވަނީ އިންޑިއާއަށެވެ.

އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއަށް ބޭނުންވާ ބޭސްތަކުގެ ތެރެއިން ތިން މަހަށް ބޭނުންވާ ޒަރޫރީ ބޭސްތައްވެސް ހަދިޔާކޮށްފަ އެވެ.

ޗައިނާއިން ވެސް ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގައުމުން ހަދިޔާ ކޮށްފައިވަނީ އިމަޖެންސީ ސިއްހީ ހާލަތުގައި ބޭނުންކުރަ އާލާތްތަކެވެ.

comment ކޮމެންޓް