ކެޔޮދޫ އަދި މޫފުށި ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފި

ވ.ކެޔޮދޫ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ބަޔަކު ފެނިގެން ވ. ކެޔޮދު އާއި ކޮންސްޓެންޓް މޫފުށި ރިސޯޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މޮނީޓަރިން ހާލަތުގައި އޮންނަ އިރު، އެ ރަށަކަށް މީހުން އެރުމާއި ފޭބުން ވަގުތީ ގޮތުން މަނާވާނެއެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ، ވ. ކެޔޮދޫގައި އިން އަލާމާތްތައް ފެނުނީ ދިވެއްސެއްގެ ކިބައިންނެވެ. އަދި މޫފުށި ރިސޯޓުން އަލާމާތްތައް ފެނުނީ ދިވެއްސަކާއި ބިދޭސީއަކަށެވެ.

ވ. ކެޔޮދޫއަކީ ގެސްޓުހައުސްތައް ގިނަ ރަށެކެވެ. މަބްރޫކު ވިދާޅުވީ، ކެޔޮދުއިން އަލާމާތްތައް ފެނުނީ އެރަށު ގެސްޓްހައުސްއެއްގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އުޅުނު މީހެއް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، މިހާތަނަށް ރާއްޖެއިން 1،288 ސާމްޕަލް ކޮރޯނާވައިރަަހަށް ޓެސްޓުކުރިއިރު، 1،261 ސާޕްމަލް ނެގަޓިވްވެފައިވާ ކަމަށެވެ. ލެބޯޓަރީގައި ނަތީޖާ ނުލިބޭ އެއް ސާމްޕަލް އަދި އެބައިން ކަމަށް މަބްރޫކު ވިދާޅުވިއެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 19 މީހުންނެވެ. އޭގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބީ 17 މީހުންނެވެ. އަނެއް ދެމީހުންނަކީ އިޓަލީ ދެ ފަތުރުވެރިންނެވެ. އެމީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރައިގެން ދިޔަ ފަހުންނެވެ.

ޕޮޒިޓިވްވެ ރާއްޖޭގައި ތިބި 17 މީހުންގެ ތެރެއިން 13 ބިދޭސީއަކު ވަނީ ވައިރަހުން ރަނގަޅުވެފައެވެ. މިހާރު ފަރުވާދެމުން އަންނަނީ އިނގިރޭސީވިލާތުން އައި ހަތަރު ދިވެހީންނަށެވެ. އެމީހުން ޕޮޒިޓިވްވިއިރު، އެމީހުން ތިބީ ރާއްޖެ އަނބުރާ އައިތަނުން ކަރަންޓިނުކޮށްފައެވެ.

މަބްރޫކް މިރޭ ވިދާޅުވީ، 18 މީހަކު އައިސޮލޭޝަން ފެސިލިޓީސްތަކުގައި އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓިން ފެސިލިޓީސްތަކުގައި 880 މީހުންނެވެ.

ކެޔޮދޫއާއި މޫފުށި ރިސޯޓު މޮނީޓަރިން ހާލަތައް ގެނައި އިރު، އިތުރު ފަސް ތަނެއް އަދިވެސް އޮތީ މޮނީޓަރިން ހާލަތުގައެވެ. އެއީ ރިހިވެލި ދަ ޑްރީމް ހޮޓެލް މޯލްޑީވްސް، ސެވަން ކޮރަލް ކ. މާފުށި، މޯލްޑިވިއާނާ ސަފާރީ، އައިލެންޑް ސަފާރީ އަދި އެސްވައި ސްޓާސް އެންޑް އެވެ، މީގެ އިތުރުން ކުރިން މޮނީޓަރިން ހާލަތުގައި އޮތް ވީއެސްޖީ ގްލޯރީ ކާގޯ ބޯޓު މިހާރު ވަނީ މޮނިޓަރިން ހާލަތުން ނެގިފައެވެ.

comment ކޮމެންޓް