ކާފިއު ވަގުތުގައި މަގުމަތިން 95 މީހަކަށް ނަސޭހަތް ދީފި

އޭޕްރީލް 2 ،2020: މާލޭ ސަރަހައްދު ކާފިއު ހިނގާފައިވާ ވަގުތުގައި މާލޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު މާލެ ސިޓީގައި ކާފިއު ކުރިއަށް ދިޔަ ވަގުތުގައި މަގުމައްޗަށް ނުކުމެ އުޅުނު 95 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މާލެ ސިޓީގައި ކޮންމެ ދުވަހަކު ހަވީރު 17:00 އިން ރޭގަނޑު 08:00 އާ ދެމެދު މަގުމައްޗަށް މީހުން ނުކުމެ އުޅުމާއި، އުޅަނދު ދުއްވުމުގެ އިތުރުން ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ކާފިއު ވަގުތުގައި މާލެ ސިޓީގެ މަގުމަތިން ޖުމްލަ 95 މީހަކަށް ނަސީހަތް ދީފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ 82 ދިވެހީންނާއި 13 ބިދޭސީންނެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގެވުމާއި ހިލާފަށް ކާފިއު ހިންގާ ގަޑީގައި މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

މިއަދު މަގުމަތިން 95 މީހަކަށް ނަސޭހަތް ދީފައިވީ ނަމަވެސް، މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުމަށް ބޯލަނބައިފައެވެ.

އެކަން ފާހަގަކުރައްވައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ދިވެހިންނަށާއި ބިދޭސީންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ކާފިއު ހިންގާ ގަޑިތަކުގައި މަގުމައްޗަށް ނުކުތުމުގެ ހުއްދަ ލިބިފައި ވަނީ:

  • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު
  • އެމްބިއުލާންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް
comment ކޮމެންޓް