ކޮވިޑް-19 ފެތުރެން ހުއްޓުވުމުގެ ގޮތުން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުން މަނާކޮށްފައިވާއިރު މާލެތެރެ ޕެޓްރޯލް ކުރަން ހަރަކާތްތެރިވި ފުލުހުންނާ އެކު ކޮމިޝަަނަަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ބައިވެރިވެވަޑައިގެންފި އެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ހަވީރު 17:00 އިން ރޭގަނޑު 20:00 އާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމުން ނުކުމެ އުޅުން ހުއްޓާލުމަށް ވަނީ އަންގާފަ އެވެ.
އެ އެންގުމާއި ހިލާފަށް މަގުމައްޗަށް ނުކުންނަ ފަރާތްތަކަށް ނަސޭހަތް ދީ އެކަން ތަކުރާރު ވާނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެއާ އެކު މިއަދު ހަވީރުން ފެށިގެން ކާފިއު ހިންގާފައިވާ ސަރަހައްދުތައް ޕެޓްރޯލް ކުރަން ފުލުހުން ވަނީ މަގުތައް ފުރާލާފަ އެވެ. ފުލުހުންގެ އެންމެ ދަށް ރޭންކުން ފެށިގެން މަތީ ރޭންކުގެ ފަރާތްތައް ވެސް އެގަޑީގައި އުޅުއްވީ މަގުމަތީގަ އެވެ. ބައެއް ފުލުހުން ވެހިކަލުގައި އުޅުއްވިއުރު އަނެއްބައި ފުލުހުން އުޅުއްވީ ހިންގަވާފަ އެވެ. އެންގުމާ ހިލާފަށް މަގުމަތީގައި އުޅުނު ފަރާތްތަކަށް ނަސޭހަތްތެރިވެފައެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ އަމުރުތަކާ ހިލާފަށް މީގެ ކުރިން އަމަލުކޮށްފައިވާ ފަރާތްތައް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އެކެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.