ކުއްޔަށް އުޅޭ މީހުންގެ ފަރާތުން އީސައަށް: ދާންވީ ކޮން ރަށަކަށް؟

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ --- ފޮޓޯ/ މަޖިލިސް -- ފައިލް ފޮޓޯ/ މަޖިލިސް

ކޮވިޑް19 އާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އާމްދަނީ ލިބޭ ދޮރުތައް ބަންދުވެ، ގޭގެ ކުލި ނުދެއްކާ ހިސާބަށް ކަންކަން ހިނގައިދާނެ ކަމުގެ ބިރު ހީވެ ނިކަމެތި ރައްޔިތުން ތިއްބައި، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ މިވަނީ "ވަރަށް ހެއްވާ" ވާހަކައެއް ދައްކަވައިފަ އެވެ.

އީސަ ލަފާދެއްވަނީ ވަޒީފާ ގެއްލި، ނުވަތަ މުސާރަ ކުޑަވެގެން މާލޭގައި ދިރިއުޅޭ މީހުން ކުލި ނުދެއްކި މަގުމަތިވުމުގެ ކުރިން އަމިއްލަ ފަސްގަނޑަށް ހިޖުރުކުރުމަށެވެ. ވަރަށް ފަސޭހަ ކަަމާއެކު އީސަ ވިދާޅުވީ ލިބޭ އާމްދަނީއާއި ތިމާ ކުރަންޖެހޭ ހަރަދާއި ނުބައްދަލު ދިރުއުޅުމުގައި ހުރި ކަންކަން ދޫކޮށްލަން ވެއްޖެ ކަަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުލި ނުދެއްކިގެން އެތަނުން ނެރެންދެން އަޅުގަނޑުމެން މިއަދު ތިބެގެން ނުވާނެ. އަޅުގަނޑުމެނަށް ކުލި ދެއްކޭނެ ގޮތެއް ނެތްކަމަށް ފަރުދީ ގޮތުން ޖަހާ ހިސާބު ދައްކާ ކަމުގައިވަނީނަމަ އަޅުގަނޑުމެން މިއަދު އެބަޖެހޭ އަނބިދަރިންނާއެކު ކިތަންމެ ނުރުހުނު ނަމަވެސް އަމިއްލަ ފަސްގަނޑަށް ބަދަލުވެ ކައިގެން ބޮއިގެން އުޅެން،" އީސަ ވިދާޅުވީ މިހެންނެވެ.

އީސަގެ މި ވާހަކައިން ކުއްޔަށް ދިރިއުޅޭ އެތައް ބަޔަކު މިވަނީ ރުޅި އަރުވާލައިފަ އެވެ. އެއްބަޔަކު ބުނަމުންދަނީ މާލޭގައި ކުލި ދައްކައިގެން އުޅެނީ ހަމައެކަނި އަތޮޅުތެރޭގެ މީހުން ނޫންކަން އީސައަށް ނޭނގޭތީ ހައިރާންވާ ކަމަށެވެ. މާލެއަށް އުފަންވެ، މާލޭ މީހެއް ކަމަށް އައިޑީކާޑުގައި އޮތް ނަމަވެސް މާލޭގައި އުޅޭނެ ތަނެއް ނެތް މީހުން އެހާ ގިނަ އެވެ. އެމީހުން އުޅެނީ ކުއްޔަށެވެ.

އެމީހުން ދާންވީ ކޮން ރަށަކަށް ހެއްޔެވެ؟ އަމިއްލަ ފަސް ގަނޑުގައި ވަންނާނެ ތަނެއް ނެތް މީހުން ހަދަންވީ ކިހިނެތް ހެއްޔެވެ؟ އެމީހުން މިއަދު އީސައާ ކުރަނީ އެ ސުވާލެވެ.

ދެން އޮތީ މާލޭގައި ކުއްޔަށް އުޅޭ އަތޮޅުތެރޭ މީހުންގެ ވާހަކަ އެވެ. އަމިއްލަ ވަޒަން ދޫކޮށްފައި މާލެއަށް ދިރިއުޅުން ބަދަލުރަނީ މާލޭގައި ދިރިއުޅެން ފަސޭހަވެގެނެއް ނޫނެވެ. ހުރިހާ ހިދުމަތެއް މާލެއިން ލިބޭގޮތަށް ހަދައި، ރަށްރަށުގެ މީހުން މާލެ އައިސް މިތަނުގައި ގަނަތެޅެން ޒަމާނުއްސުރެ މަޖުބޫރުކޮށްފައި އޮތުމުންނެވެ.

ރަނގަޅު ތައުލީމެއް، ސިއްހީ ހިދުމަތެއް، ވަޒީފާ ގަނޑެއް ވެސް ގިނަ ރަށްރަށުން އަދިވެސް ނުލިބެ އެވެ. އެހެންކަމުން އެމީހުން ދަރިން ގޮވައިގެން މާލެ ބަދަލުވީ އެމީހުންނަށް ނުލިބުނު ތައުލީމު ދަރިންނަށް ހޯދައިދިނުމަށެވެ. ދަރިންގެ ދިރިއުޅުން އުޖާލާކޮށްދޭށެވެ. އެއްގޮތަކަށް ވެސް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދު ކުރާ ހިތުން ރަށުގައި ނުތިބެވިގެނެއް ނޫނެވެ.

މިހާރު މާލޭގައި އުޅޭތާ ވިހި ތިރީސް އަހަރުވީ މީހުން ވެސް އެހާ ބައިވަރެވެ. ރަށްރަށުގެ ގިނަ މީހުން މާލެ ބަދަލުވީ އަމިއްލަ ގެދޮރު ފަޅަށް ދޫކޮށްލައިފަ އެވެ. ގިނައީ ލިބޭ ހުރިހާ އެއްޗެއް ކުއްޔަށް ދައްކާފައި ރައްކާކުރާނެ ބައި ރުފިޔާވެސް އަތުގައި ނޯންނަ މީހުންނެވެ. އަނގަޔާ އަތާ ދިމާނުވާ މީހުންނެވެ. އެހެންކަމުން ރަށުގައި މިހާރު ވަދެވޭނެ ހިޔާވަހިކަމެއް ނެތެވެ. ގިނަ މީހުންގެ ގެދޮރު ހުރީ ވީރާނާވެފަ އެވެ. ޖަންގައްޔަށް ވެފަ އެވެ.

އެމީހުން އަނބުރާ ރަށަށް ގޮސް ވަންނަނީ ކޮންތާކަށް ހެއްޔެވެ؟ މާލޭގައި ވެސް މަގުމަތި ވާންވީ އެވެ. ރަށަށް ގޮސް އަމިއްލަ ފަސްގަނޑުގައި ވެސް މަގުމަތިވާންވީއެވެ. އެމީހުން ދެން ދާންވީ ކޮން ރަށަށް ހެއްޔެވެ؟ އީސަގެ ފަރާތުން ބޭނުންވަނީ އެ ސުވާލުގެ ޖަވާބެވެ.

ގައުމު ވެއްޓޭ ކޮންމެ ވަޅުގަނޑުގެ އެންމެ ފުލުގައި ފިތި، ބާރުވަނީ ނިކަމެތި ރައްޔިތުންނެވެ. ފަހަރުގައި މުއްސަނދިންނަށް ނިކަމެތި ރައްޔިތު މީހާގެ ހާލު ނޭނގިދާނެއެވެ. މިފަދަ ކަންކަމުން މުއްސަނދިންނަށް ކުރާ އަސަރު ކުޑަވީމަ އެވެ.

މިފަހަރުވެސް މިވީ އެކަހަލަ ގޮތެކެވެ. ގެތައް ކުއްޔަށް ދީފައިވާ ފަރާތްތަކުން ނަގާފައިވާ ހައުސިން ލޯނުތައް ދެއްކުން ހަ މަހަށް ފަސްކޮށްދީ ބޮޑެތި ލުއިތަކެއް މިވަނީ ދީފަ އެވެ. އަދި ސަރުކާރު ފްލެޓުތައް ލިބުނު ގެދޮރުވެރިން ވެސް ހަ މަހަށް ކުލި ދެއްކުން ފަސް ކޮށްފި އެވެ.

ނަމަވެސް ހަގީގަތަކީ އެއްބަޔަކު މުއްސަނދި ވަނީ ގެދޮރު ނެތް ނިކަމެތިންނަށް ބޮޑު އަގުގައި ތަންތަން ކުއްޔަށް ދީގެން ލިބޭ އާމްދަނީން ކަމެވެ. ލިބިފައި ހުންނަ ހިޔާވަހި ބޮޑު އަގުގައި ކުއްޔަށް ދިނުމަށްފަހު، ރާއްޖެއިން ބޭރުގައި ދިރިއުޅުން އާބާދުކޮށްގެން އުޅޭ މީހުން ވެސް ގިނަ އެވެ. އެހެންކަމުން އެކެއްގެ ކުލި ވެފައިމިވަނީ އަނެކަކުގެ އާމްދަނީއަށެވެ.

މާލޭގެ ބައެއް ގެތަކުގެ ވެރިންް މިހާރު ވަނީ ކުލި ކުޑަކޮށްދީފަަ އެވެ. ތިންް ހާސް ރުފިޔާއިން ފެށިގެން 10،000 ރުފިޔާގެ ލުއިކަަމެއް ވެސް ބައެއް މީހުން ދީފި އެވެ. އަދި އެއް ބަޔަކު ތިން މަސް ވަންދެން ކުލި މައާފުވެސް ކޮށްދީފި އެވެ.

ނަމަވެސް މިއީ މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ނިސްބަތުން ވަރަށް ކުޑަ މިންވަރެކެވެ. އެތައް ބަޔަކު އަދިވެސް ތިބީ ކުލި ކުޑަކޮށްދީފި ކަމަށް ބުނެ ގޭގެ ވެރި މީހާ މެސެޖެއް ކޮށްލާނެ ކަމުގެ އުންމީދުގައި ފޯނަށް ބަލަހައްޓައިގެންނެވެ.

އެހެންކަމުން މި ދަނޑިވަޅުގައި ދެން ކުރެވެން އޮތް ކަމަކީ އެކަކު އަނެކަކަށް ވީހާވެސް ބޮޑަށް އަޅާލުމެވެ. ދަތި އުނދަގޫ ވަގުތުގައި އަނެކާގެ ކަރަށް ފައިން އަރާ ތިމާ މައްޗަށް އެރުމުގެ ބަދަލުގައި، އިންސާނިއްޔަތުކަން އިސްކޮށް އެކަކު އަނެކަކަށް އެހީތެރިވެދީ އެންމެ އެކުގައި މި އަޑިގަނޑުން އަރައިގަތުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު