ބޭންކުތައް ހުޅުވާލުމާއެކު ގައި ދުރުކަން ހަނދާން ނެތިއްޖެ

ބޭންކުތައް ހުޅުވުމާއެކު ގިނަ ބަޔަކު ބީއެމްއެލްގެ ސާވިސް ސެންޓަރަށް ޖަމާވެފައި --- ފޮޓޯ : ސޯޝަލް މީޑިއާ

މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން ވައިރަސް ފެތުރުން ކުޑަކުރުމަށްޓަކައި ސަރުކާރުން ވަނީ އޮފީސްތަކާއި ބޭންކުތައް ބަންދުކޮށް އިޖުތިމާއީ ގައިދުރުކަމަށް ބާރުއަޅާފައިވެ އެވެ. ކޮވިޑް-19 އާ ގުޅިގެން ބޭންކުތައް ބަންދުކޮށްފައި ހުރުމަށްފަހު މިއަދު ހެނދުނު ހުޅުވުމާއެކު ގިނަ ބަޔަކު ބޭންކުތަކުގެ ދޮރުމަތީ ފުނި ޖެހުނެވެ. ގައިދުރުކަން ހަނދާންނެތި ކައިރިކައިރީ ސަފު ހެދި އެވެ. ފެނިގެން ދިޔައީ،މ ސޯޝަލް ޑިސްޓޭންސިން ނޫނީ އިޖްތިމާއީ ގައިދުރުކަމާ މުޅީން އިދިކޮޅު މަންޒަރެކެވެ. ކުރިއަށް އޮތް ބޮޑު ބަންދާ ދިމާކޮށް ބޭންކުތައް މިއަދު ހުޅުވާ ފަހު ދުވަހަށްވުމުން، އިޖުތިމާއީ ގައިދުރުކުރުން މަތީން އެންމެން ވެސް ހަނދާން ނެތުނީ އެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމާއެކު ސަރުކާރު ވަނީ އަނެއްކާ އިތުރު ހަފްތާއަކަށް ބަންދުކޮށްފަ އެވެ. އެގޮތުން މަރުކަޒީ ބޭންކާއި އެހެން ބޭންކުތައް މި ހަފްތާގައި ހުޅުވުމަށް ނިންމާފައިވަނީ ދެ ދުވަހެއްގަ އެވެ. އެއީ މިއަދާއި މިދިޔަ ހޯމަ ދުވަހެވެ.

ބޭންކުތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އަލުން ހުޅުވުމާއެކު އެތަނަށް އެތައް ބަޔަކު ވަނީ ޖަމާވެފަ އެވެ. އެގޮތުން އަމީނީ މަގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސާވިސް ސެންޓަރު މިއަދު ހުޅުވުމާއެކު އެތަނުގެ އެތެރެއިން ފެށިގެން މަގުމައްޗާ ހަމައަށް މީހުން އެއްވެ އެ ސަރަހައްދު ވަނީ ފުރާލާފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި ބީއެމްއެލްގެ އިތުރުން ބޭންކް އޮފް ސިލޯން (ބީއޯސީ) ސަރަހައްދައް ވެސް އެތައް ބަޔަކު ވަނީ އެއްވި އެވެ.

ބޭންކް އޮފް ސިލޯން ބޭރަށް ގިނަ އަދަދަކަށް މީހުން މިއަދު އެއްވެފައި --- ފޮޓޯ : ސޯޝަލް މީޑިއާ

އެ ބޭންކުތަކަށް ގޮސްފައިވާ ގިނަ ބަޔަކު ބަޔަކު ތިބީ އަނގަމަތީގައި މާސްކު އަޅައިގެންނެވެ. ނަމަވެސް ގިނަ މީހުން ތިބީ އެކަކު އަނެކަކު ގައިގައި ޖެހޭ ހިސާބުގަ އެވެ.

ސިއްހީ ދާއިރާގެ މާހިރުން ލަފާދޭ ގޮތުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން ދެމީހެއްގެ ދެމެދުގައި މަދުވެގެން ހަ ފޫޓުގެ ދުރުމިނެއް ބަހައްޓަން ޖެހެ އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން މީގެ ކުރީން ބުނެފައިވަނީ މިއަދު ބޭންކުން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތް ދޭނީ ހެނދުނު 9:30 އިން 11:30 އަށް ކަމަށާއި ވަކިލާރި ބަލައިގަތުމާ ދޫކުރުން ކުރިއަށްގެންދާނީ ހެނދުނު 9:30 އިން 11:00 އަށް ކަމަށެވެ.

މިއަދު ބޭންކުތަކުގެ ހިދުމަތް ވެސް ފޯރުކޮށްދޭނީ ތިން ގަޑިއިރަށެވެ. އެގޮތުން ބީއެމްއެލްގެ ބްރާންޗްތައް ހެނދުނު 9:30 އިން ފެށިގެން 12:30 އަށް ހުޅުވާލާފައި ހުންނާނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. ކުޑަ ވަގުތުކޮޅަކަށް ބޭންކު ހުޅުވާލާފައި ހުރުމުގެ ހުރުމުގެ ސަބަބުން ހިދުމަތް ހޯދުމަތް ގިނަ ބަޔަކު އެއް ފަހަރަކާ އެއްވީ އެވެ.

އަވަސް އަރުވާލައިގެން ބޭންކުތަކުން ހިދުމަތް ހޯދުމަށް ދިޔަ އިރު އަމިއްލަ ސިއްހަތު އަތް މައްޗަށް ލައިގެން ތިބި ފަދަ މަންޒަރުތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއްގެ ކިބައިން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށްވުރެ ބޭންކުތަކުން ހޯދުމަށް އޮތް ހިދުމަތްތައް މުހިއްމުވި ފަދަ މަންޒަރުތަކެއް ފެނިގެންދިޔަ އެވެ. ބޭންކުތައް ހުޅުވުމުގެ ކުރީންވެސް ބޭންކުތަކުގެ ބޭރަށް ގިނަ ބަޔަކު އެއްވެ، ކައިރީ ކައިރިތިބެގެން ކިޔޫ ދަމާލި އެވެ.

ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ކާފިއުއެއް އިއުލާނުކޮށްފަ އެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން ކޮންމެ ދުވަހެއްގެ 5:00 އިން ރޭގަނޑު 8:00 އަށް މަގުމައްޗަށް ނިކުމެ އުޅުން މަނާވާނެ އެވެ. ކާފިއުގެ އިތުރުން މިއަދު މެންދުރު 12:00 އަށްފަހު މާލޭގެ މަގުތަކުގައި ތިން މީހުންނަށްވުރެ ގިނައިން އެކީގައި އުޅުން މަނާ ވާނެ އެވެ.

comment ކޮމެންޓް