ދިރާގު ޕޭއިން އިތުރު ކްރެޑިޓް، ޑިސްކައުންޓް އަދި ކޭޝްބެކް އޮފާތަކެއް

ކޮވިޑް19އާ ގުޅިގެން ކަސްޓަމަރުންނަށް އިތުރު ލުޔެއް ފޯރުކޮށްދިނުމަށް ދިރާގު ޕޭގެ ހާއްސަ އޮފާތަކެއް ވަނީ ތައާރަފުކޮށްފައި--- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުގެ ޑިޖިޓަލް ވޮލެޓް، ދިރާގު ޕޭއަށް ހާއްސަ އޮފާތަކެއް ފޯރުކޮށްދިނުމުގެ ގޮތުންނާއި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ހިންގުމަށް އަހުލުވެރިކުރުވައި، އެކަމަށް ބާރު އެޅުމުގެ ގޮތުން ދިރާގު ޕޭއަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

ޖޫން 30ގެ ނިޔަލަށް ކުރިއަށްގެންދާ މި އޮފާތަކުގައި ހިމެނެނީ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ އިތުރުން މި އެޕްލިކޭޝަން ބޭނުންކޮށްގެން ކުރާ ވިޔަފާރިތަކަށް ހާއްސަ އޮފާތަކެކެވެ.

މި އޮފާގެ ތެރެއިން ޕްރީޕެއިޑް ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ޖޫން 30ގެ ކުރިން ކުރާ ކޮންމެ ރީލޯޑަކަށް 20 ޕަސެންޓު ބޯނަސް ކްރެޑިޓް ލިބިގެންދާނެއެވެ.

ޕޯސްޓްޕެއިޑް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގު ޓީވީ ބޭނުންކުރާ ކަސްޓަމަރުން ދިރާގު ޕޭ މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމުން ޖެހިގެން އަންނަ މަހުގެ ބިލުން ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ދިރާގުން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިރާގުން ވަނީ މި ޕްރޮމޯޝަން ކުރިއަށްގެންދާ މުއްދަތުގައި "ކޭޝްބެކް" އޮފާއެއްވެސް ތައާރަފުކޮށްފައެވެ. މި އޮފާގެ ދަށުން ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އޭޕްރީލް މަހުގެ ކޮންމެ ހަފުތާއަކު ފައިސާ ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

އެގޮތުން ދިރާގު ޕޭ މެދުވެރިކޮށް ކޮންމެ ހަފްތާއަކު މަދުވެގެން 50 ރުފިޔާގެ ފަސް ވިޔަފާރި ކުރުމުން ކޮންމެ ހަފްތާއަކު 50 ރުފިޔާ ދިރާގު ޕޭ ވޮލެޓަށް ޖަމާވާނެއެވެ.

ދިރާގު ޕޭއަށް އަލަށް ތައާރަފުކުރި މި އޮފާތަކާ ބެހޭ މައުލޫމާތު ދިރާގު ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ދިރާގުން ބުނީ ކޮވިޑް19އިން ރައްކާތެރިވުމަށްޓަކައި ސާފުތާހިރުވުމަށާއި ގެއިން ބޭރަށް ނުދިޔުމަށް ކެނޑިނޭޅި ސިއްހީ މާހިރުން ގޮވާލަމުންދާއިރު، ދިރާގު ޕޭއަކީ ފައިސާގެ މުއާމަލާތް ކުރުމަށް ރައްކާތެރި ގޮތެއް ކަމަށެވެ.

ދިރާގު ޕޭ ގާއިމުކުރަން ވިޔަފާރިތަކަށް މަގުފަހިކޮށްދިނުމަށްޓަކައި އެ ހިދުމަތުން ނަގާ މާޗަންޓް ފީ ތިން މަހަށް ކަނޑައިދިނުމަށް އެކުންފުނިން މީގެ ކުރިން ވަނީ ނިންމާފައެވެ.

ދިރާގު ޕޭގެ ހިދުމަތް މިހާރު ރާއްޖޭގެ 260އަށް ވުރެ ގިނަ ވިޔަފާރިތަކުން ފޯރުކޮށްދެއެވެ.

comment ކޮމެންޓް