ސްޕެއިންގައި ކޮރޯނާވައިރަސް ޖެހޭ މީހުންގެ އަދަދު ދަށްވަނީ

ސްޕެއިންގައި ބަލި ޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން -- ފޮޓޯ: ރޮއިޓާސް

މެޑްރިޑް (އޭޕްރިލް 2): ސްޕެއިންގައި ކޮވިޑް19 ބަލި އަލަށް ޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް އެބަލީގައި އެގައުމުން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް ހެލްތު އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ސްޕެއިންއިން އިއްޔެ ބުނި ގޮތުގައި އެގައުމުގައި ކޮރޯނާވައިރަހަށް ޕޮޒިޓިވްވި 864 މީހަކު ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭ މަރުވެފައެވެ. އެއީ އެ ވައިރަހުގެ ސަބަބުން އެއް ދުވަސް ތެރޭ އެގައުމުން އެހާ ގިނަ އަދަދެއްގެ މީހުން މަރުވި ފަހަރެވެ. އަދި އެގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 9،387 އަށް އަރާފައެވެ.

ސްޕެއިންއިން އިއްޔެ 864 މީހަކު މަރުވި ކަމަށް ބުނެފައިވާ އިރު އޭގެ ކުރީ ދުވަހު އެގައުމުން 849 މީހަކު މަރުވިއެވެ. އަދި އެގައުމުގައި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު 800 އަށް ވުރެ މަތީގައި އުޅޭ މިއީ ފަސްވަނަ ދުވަހެވެ.

ސްޕެއިންގައި މަރުވާ މީހުންގެ އަދަދު އިތުރުވި ނަމަވެސް އެގައުމުގައި ކޮންމެ ދުވަހަކު ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދަށްވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 25ގެ އެގައުމުގައި ވައިރަސް ހުންނަ މީހުންގެ އަދަދު ދުވާލަކު 20 ޕަސެންޓު އިތުރުވަމުން ދިޔަ ނަމަވެސް މިހާރު ކޭސްތައް އިތުރު ވަނީ ދުވާލަކު 12 ޕަސެންޓަށް ކަމަށް ސްޕެއިންގެ ހެލްތު އޮފިޝަލަކު ބީބީސީއަށް ވިދާޅުވިއެވެ.

ސްޕެއިންގައި ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 104،000 އަށްވުރެ އިތުރުވެފައެވެ.

ސްޕެއިންގެ އިތުރުން އެމެރިކާއާއި އިނގިރޭސިވިލާތުގައިވެސް އިއްޔެއަކީ ވައިރަހުގެ ސަބަބުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވިކަމަށް ރިޕޯޓުކުރި ދުވަހެވެ. އެގޮތުން އިއްޔެ އެމެރިކާއިން 884 މީހަކު މަރުވި ކަމަށް ރިޕޯޓު ކުރި އިރު އިނގިރޭސިވިލާތުން ވަނީ 563 މީހަކު މަރުވި ކަން އިއުލާންކޮށްފަ އެވެ.

އެމެރިކާގައި މިހާތަނަށް ވައިރަސް ޖެހުނު މީހުންގެ އަދަދު 216،500 އަށް ވުރެ އިިތުރުވެ، މަރުވި މީހުންގެ އަދަދު ވަނީ 5،138 އަށް އަރާފައެވެ. އަދި އިނގިރޭސިވިލާތުގައި މިހާތަނަށް 29،865 މީހުން ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 2,357 މީހަކު ވަނީ މަރުވެފައެވެ.

ސްޕެއިންއަކީ ޔޫރަޕްގައި ކޮރޯނާވައިރަސް ދެވަނައަށް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމެވެ. އެބައްރުގައި ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގައި 110،500އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެ، 13،155 މީހަކު ވަނީ މަރުވެފަ އެވެ. ނަމަވެސް އިޓަލީންވެސް ބުނަނީ މިހާރު އެގައުމުގައި އަލަށް ވައިރަހަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވާން ފަށާފައިވާ ކަމަށެވެ.

comment ކޮމެންޓް