ޓްރީ ޓޮޕުން ކޮލޮނޮސްކޮޕީގެ ހިދުމަތް އަލުން ތައާރަފުކޮށްފި

މިއަދު އަލުން ތައާރަފުކުރި ކޮލޮނޮސްކޮޕީ ޕްރޮސީޖާގައި ހަރަކާތްތެރިވި ޓީމު --- ފޮޓޯ : ޓްރީ ޓޮޕް

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޖެނެރަލް ސާޖަރީ ޑިޕާޓްމެންޓުގެ ފަރާތުން ކުރިން ފޯރުކޮށްދިން ކޮލޮނޮސްކޮޕީ ޕްރޮސީޖާގެ ހިދުމަތް މިއަދު އަލުން ތައާރަފުކޮށްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނެފައިވަނީ އެ ހިދުމަތް މިއަދު އަލުން ތައާރަފުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މެދުކެނޑުމަށްފަހުގައި ކަމަށެވެ.

މިއަދު އެ ހިދުމަތް އަލުން ތައާރަފުކޮށްފައިވާއިރު މިއަދު ކުރިއަށް ގެންދިޔަ ޕްރޮސީޖާގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ކޮންސަލްޓަންޓް އޮންކޮސާޖަން ޑރ. އަލީ ޝިފާން ކަމަށް ޓްރީ ޓޮޕް އިން ބުނެއެވެ. އަދި އެ މަސައްކަތުގައި އިތުރު ބޭފުޅުންގެ ހާއްސަ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެ ފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮލޮނޮސްކޮޕީ ޕްރޮސީޖާ ހެދުމުގައި އާންމުގޮތެއްގައި ހަރަކާތްތެރިވާނީ ޖެނެރަލް ސާޖަނުންނާއި އެނެސްތެޓިސްޓުންގެ އިތުރުން ނަރުހުންގެ ޓީމުންނެވެ.

ކޮލޮނޮސްކޮޕީއަކީ މައިގަނޑު ގޮތެއްގައި ފަލަ ގޮހޮރުގައި އުފެދޭ ބަލިތައް ބެލުމަށްޓަކައި ކުރެވޭ ޓެސްޓެކެވެ. މި ވަސީލަތުގެ ޒަރިއްޔާއިން ޕޮލިޕްސް އަދި އާދަޔާ ހިލާފަށް އުފެދޭ ޓިޝޫތައް ނެގުމާއި ޓިޝޫ ސާމްޕަލް ނުވަތަ ބައޮޕްސީ ނެގުމަށް މަގުފަހިކޮށްދެއެވެ. އެހެންކަމުން ކޮލޮނޮސްކޮޕީއަކީ ގޮހޮރުގެ ބަލިތަކާއި ފަލަ ގޮހޮރުގެ ކެންސަރުފަދަ ބަލިތަށް ދެނެގަނެ އެކަމަށް ފަރުވާދިނުމަށް އެހީވެދޭ ކަމެކެވެ.

މީހާގެ ސިއްހަތު ރަނގަޅުވެފައި ކޮލޮން ކެންސަރުގެ ރިސްކެއް ނެތްކަމުގައިވީ ނަމަވެސް 50 އަހަރު ވުމާއެކު އަދި އެއަށް ފަހު ކޮންމެ 10 އަހަރަކުން ކޮލޮނޮސްކޮޕީ ޕްރޮސީޖާ ހެދުމަކީ ޑޮކްޓަރުން އިރުޝާދު ދޭ ކަމެކެވެ. މިއީ ފަލަ ގޮހޮރުގެ ކެންސަރުގެ ރިސްކު ކުޑަކުރުމަށާއި އުފެދިދާނެ ކޮލޮނިކް ޕޮލިޕްސް ކެންސަރަށް ބަދަލުވުމުގެ ކުރިން ކޮލޮނޮސްކޮޕީގެ އެހީގައި ނެގުމަކީ ވަރަށް މުހިންމު ކަމަކަށްވާތީ އެވެ.

comment ކޮމެންޓް