މަހުޖަނޭ ކިޔާ ހަޖޫ ޖަހާ ނަމަ އިންވެސްޓްމެންޓްތައް ހުއްޓި ދާނެ: އައްޑޫ ޝަރީފް

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު: މަހުޖަނުންނަށް ހަޖޫ ޖަހާކަމަށް ވިދާޅުވެ ޝަރީފް ވަނީ އެކަން ކުށްވެރިކުރައްވާފައި ---

ވިޔަފާރިވެރިންނަށް މަހުޖަނުންނޭ ކިޔައި މަލާމާތްކޮށް ހަޖޫ ޖަހާ ނަމަ މުސްތަގްބަލުގައި ވިޔަފާރިތަކަށް އިންވެސްޓް ކުރާނެ ބަޔަކު ނެތިގެން ހިނގައިދާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ބަލިމަޑުކަން. ކޮވިޑް-19 ވައިރަސްއިން ރާއްޖެ އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމަށް މެދު ހެންވޭރު ދާއިރޭގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވީ، ބައެއް ފަރާތްތަކުން ވިޔަފާރިވެރިންނަށް މަލާމަތްކޮށް މަހުޖަނުންނޭ ކިޔައި ހަދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.

ފަގީރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްވައި، ކުރިއަރަމުން އަންނަ ތަނަކަށް މި ރާއްޖެ ބަދަލުކޮށް ފުދުންތެރި ރައްޔިތުންތަކެއް އުޅޭ ގައުމަކަށް މި ރާއްޖެ ބަދަލުކޮށްދިނުމުގައި އެ ވިޔަފާރިވެރިންގެ ހިއްސާ ނުހަނު ބޮޑުކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި އެ ފަރާތްތަކުން ނެގި ރިސްކުގެ މަތިން ހަނދާން ނުނެތޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މިގޮތަށް އަޅުގަނޑުމެން މީހުނަށް މަލާމާތްކޮށް ޖެއްސުންކޮށް ހަދައި ފިތުނަ ފަސާދަ އުފެދޭ ގޮތައް ވާހަކަ ދައްކާ ނަމަ މުސްތަގްބަލްގައި ރާއްޖޭގެ އެއްވެސް ސިނާޔަތެއް ގައި އިންވެސްޓް ކުރާނެ ބައެއް ނާންނާނެ. މިއީ ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

މިއީ ފިތުނަ ފަސާދަ އުފެދޭ ގޮތައް ވާހަކަ ދައްކަންވީ ވަގުތު ނޫން ކަން ފާހަގަކޮށް ޝަރީފު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު އަދަވަޅަކަށް ވެއްޓޭ ގޮތައް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށެވެ. އަދި އެއްޗެއް ދެވެން އޮތް މީހަކު އަނެކާއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލައިގެން ގުޅިގެން މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑު ސަރުކާރަށް ގޮވާލަން ރައިސުލްޖުމްހޫރިއްޔާ ފަންޑެއް ހުޅުވައި ތަނަވަސް މީހުން އެ ފަންޑަށް ފައިސާ ދެވެން އޮތް މިނަވްރަކަށް ފައިސާ ދިނުމަށް،" ޝަރީފް ވިދާޅުވި އެވެ.

comment ކޮމެންޓް