މާލެ، ވިލިމާލެ، އަދި ހުޅުމާލޭގައި ފިހާރަތަކާއި ރެސްޓޯރެންޓު އަދި ކެފޭތަކުގެ ޓޭކްއަވޭ ހިދުމަތް 24 ގަޑިއިރު ދިނުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މަނާކޮށްފި އެވެ.
ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން މިމަހުގެ 12 ވަނަ ދުވަހު ސަރުކާރުން ވަނީ 30 ދުވަހަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ވަކި ގޮތްތަކަށް އަމަލު ކުރުމަށް އެންގުމުގެ ގާނޫނީ ބާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިގެންވެ އެވެ.
އެ ބާރުގެ ދަށުން މިއަދު ފަތިހު އޭނާ ވަނީީ އިތުރު އަމުރުތަކެއް ނެރެފައެވެ. އޭގެ ތެރެއިން އެއް އެންގުމުގައި ވަނީ މާދަމާ މެންދުރު 12:00 އިން ފެށިގެން، މާލޭ ސަރަހައްދުގެ ފިހާރަތައް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 އަށް ބަންދުކުރުމާއި، އަދި ކެފޭ ރެސްޓޯރަންޓާއި ހޮޓާ ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ފޯރުކޮށްދޭ ޓޭކްއަވޭ ހިދުމަތްތައް ރޭގަނޑު 12:00 އިން ހެނދުނު 6:00 އަށް މެދުކަނޑާލުމަށެވެ.
އޭގެ އިތުރުން މާލޭ ސަރަހައްދުގައި ކުރިއަށްދާ އެންމެހާ އިމާރާތް ކުރުމުގެ މަސައްކަތްތައްވެސް ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އަށް ހުއްޓާލަން އަންގާ ކަމަށް އެ އެންގުމުގައިވެއެވެ.
މި އެންގުންތައް ނެރެފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ. އެހެންކަމުން، މި އުސޫލުތަކަށް ބަދަލު އަންނާނީ ކަމާ ބެހޭ ފަރާތްތަކުން ވަކި ގޮތެއް އެންގުމުންނެވެ.
މި އެންގުންތަކުގެ އިތުރުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މިއަދު ފަތިހު އިތުރު އަމުރުތަކެއްވެސް ވަނީ ނެރުއްވާފައިވެއެވެ. އޭގެ ތެރޭގައި ވަކި ގޮތެއް އަންގަންދެން މާލޭ ސަރަހައްދުގައި ހަވީރު 5:00އިން ފެށިގެން ރޭގަނޑު 8:00އަށް މީހުން މަގުމަތީގައި އުޅުމާއި، އެއްގަމު އުޅަނދުތައް ދުއްވުން މަނާ ކުރާ އެންގުމެއްވެސް ހިމެނެއެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ 18 މީހެކެވެ. އޭގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ވައިރަހަށް ޕޮޒިޓިވްވުމުގެ ކުރިން ދެ މީހަކު ވަނީ ރާއްޖެއިން ފުރައިފައެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19އަށް ފަރުވާ ދެމުން ދަނީ އިނގިރޭސިވިލާތުން އައި ތިން ދިވެއްސަކަށެވެ.