މާދަމާ އިން ފެށިގެން މާލެ ސިޓީގައި ތިން ގަޑިއިރަށް ކާފިއު ހިންގަނީ

މާޗް 22، 2020: ރޭއްޖޭގައި ވެސް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް ފޭސް މާސްކު އެޅުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާދަމާއިން ފެށިގެން ވަކި ވަގުތުތަކެއްގައި މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ މަގުތައް މައްޗަށް ނުކުމެ އުޅުމާއި، އުޅަނދު ފަހަރު ދުއްވުން މަނާކުރަން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާޗު 12 ވަނަ ދުވަހު އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ސޮއިކުރައްވާ ދެންމެ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވަކި ގޮތެއް އަންގަންދެން އޭޕްރީލް ދެވަނަ ދުވަހުގެ ހަވީރު 17:00 ޖަހާއިރުން ފެށިގެން ރޭގަނޑު 20:00 ޖެހުމާ ހަމައަށް މާލެ ސިޓީގެ މަގުތައް މައްޗަށް އާންމު ނުކުމެ އުޅުން ހުއްޓާލުމަށް އަންގާ ކަަމަށެވެ.

އަދި އެ ގަޑިތަކުގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުން މަނާވާނެ ކަމަށާއި ބަހާއި ފެރީ ހިމެނޭގޮތުން ޕަބްލިކް ޓްރާންސްޕޯޓު ވެސް ހުއްޓާލަން އަންގާ ކަމަށެވެ.

މީގެ އިތުރުން އެ ގަޑިތައް ފިޔަވައި، އެހެން އެއްވެސް ގަޑިއެއްގައި އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އެއްވެ އުޅުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.

އެ ފިޔަވަޅުތަކުން 10 ފަރާތެއް އިސްތިސްނާ ވެއެވެ. އެއީ:

  • ސަލާމަތީ ބާރުތަކާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޑިއުޓީ މުވައްޒަފުންްނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އުރީދޫ، ދިރާގު، ބޭންކުތައް، އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީގެ ޔުނީފޯމު އެޅި ޑިއުޓީ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • ދައުލަތުގެ "ޖީ" ބޯޑު ހަރުކޮށްފައިވާ އުޅަނދުފަހަރު
  • ޑިޕްލޮމެޓިކް އުޅަނދުފަހަރު
  • އެމްބިއުލާންސް
  • ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް
  • ފާމަސީތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  • އެޗްޕީއޭ އިން ދޫކޮށްފައިވާ ހާއްސަ ސްޓިކާ ޖަހާފައިވާ އުޅަނދުތައް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވިދާޅުވީ އިސްތިސްނާ ހާލަތްތަކުގެ އިތުރުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އަމުރާ ހިލާފުވުމަކީ ގާނޫނީ ކުށެކެވެ. އެފަދަ އަމުރުތަކާ ހިލާފަށް މީގެ ކުރިން އަމަލުކޮށްފައިވާ ފަރާތްތައް ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތުވެސް ޖަހާފަ އެވެ. އަދި އެއް ފަރާތެއްގެ މައްޗަށް ދައުވާވެސް ކޮށްފައިވެ އެވެ.

comment ކޮމެންޓް