ކޮވިޑްގެ އާލާމަތްތަކެއް ފެނިގެން ޑޮކްޓަރަކު ކަރަންޓީނުކޮށްފި

މާޗް 31، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ އާލާމާތްތަކެއް ފެނިގެން ރާއްޖެއިން ޑޮކްޓަރަކު ކަރަންޓީނުކޮށްފިއެވެ.

ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު މިރޭ "ސަން" އަށް ވިދާޅުވީ އަލާމާތްތައް ފެނުނީ ބިދޭސީ ޑޮކްޓަރެއް ކަމަށެވެ.

އޭނާ މިހާރު ހުރީ ރޯޔަލް އައިލެންޑް ރިސޯޓްގެ ކަރަންޓީނު ފެސިލިޓީސްގައި ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑަށް ރާއްޖޭގައި ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި ހާއްސަކޮށްފައިވާ ވަކި ސަރަހައްދެއްގައެވެ. އެ ބައްޔަށް ފަރުވާ ދޭން މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން ފަދަ މީހުން މަސައްކަތް ކުރަނީ ރައްކާތެރިކަމުގެ ގޮތުން ކަނޑައަޅާފައިވާ ފުލް ގިއަރު ލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކިރިޔާވެސް އޭގެން މީހެއްގެ ފަރާތުން އެއްވެސް އަލާމަތެއް ފެނިއްޖިއްޔާ އައިސޮލޭޓްކޮށް ޓެސްޓްކުރަން،" މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖޭގެ ކަރަންޓީނު ފެސިލިޓީތަކުގައި 866 މީހުން މިވަގުތު އެބަތިއްބެވެ.

ކޮރޯނާ ޖެހިފައިވާ 18 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައެވެ.

comment ކޮމެންޓް