މިމަހުގެ 14އިން 19އަށް ޔޫކޭއިން އައި އެންމެން ޓެސްޓުކުރަނީ

މާޗް 29، 2020: ކޮވިޑް19 އާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިމަހުގެ 14 ވަނަ ދުވަހާ 19 ވަނަ ދުވަހާ ދެމެދު އިނގިރޭސިވިލާތުން ރާއްޖެ އައި އެންމެންނާއި އަދި އެމީހުންނާިއ ކޮންޓެކްޓް ވީ އެންމެން ކޮވިޑް 19 އަށް ޓެސްޓް ކުރަން ނިންމައިފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އިނގިރޭސި ވިލާތުން ރާއްޖެ އައި މީހުންގެ ތެރެއިން މިމަހުގެ 14 ވަނަ ދުވަހުން 19 ވަނަ ދުވަހާ ދެމެދު ރާއްޖެ އައި އެންމެން އަދި އެމީހުންނާއި ކޮންޓެކްޓްވީ މީހުން ކޮވިޑް 19 އަށް ޓެސްޓުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ތިން މީހުން ބައްޔަށް ޕޮޒިޓިވް ވުމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް މަބުރޫކު ވިދާޅުވި އެވެ.

ސަރުކާރުގެ ކަރަންޓީނު ފެސިލިޓީ ތަކުގައި ކަރަންޓީނު ކޮށްފައި ތިބި އެންމެން ކޮވިޑް 19 އަށް ޓެސްޓް ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ރާއްޖެއިން ބޭރުން ރާއްޖެ އަންނަ އެންމެން ކަރަންޓީނު ކުރަން ފެށީ މިމަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ.

އިނގިރޭސިވިލާތަކީ ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމެއްވެސް މެއެވެ. މިހާތަނަށް އިނގިރޭސިވިލާތުން އައި ތިން މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ ހުސްވެސް ދިވެހިންނެވެ. އޭގެ ތެރޭގައި އެއް ފްލައިޓަކުން އައި ދެ މީހުންވެސް ހިމެނެއެވެ. އާއިލީގޮތުން ތިމާގެ ދެމީހުން ކަރަންޓީނުކޮށްފައި ތިބީވެސް އެއް ކޮޓަރީގައެވެ.

ކޮރޯނާ ޖެހިފައިވާ 18 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ. އޭގެ ތެރެއިން ޕޮޒިޓިވްވި އިޓަލީގެ ދެ މީހަކު ވަނީ ފުރައިގެން ގޮސްފައެވެ. ކޮވިޑް ޖެހިގެން ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ތިން ދިވެހިން ފިޔަވާ އެންމެން މިހާރު ވަނީ ރަނގަޅުވެފައވެެ.

ގުޅޭ ޓެގު
comment ކޮމެންޓް