އަންނަ ހަފްތާގައި ވެސް ސަރުކާރާއި ސްކޫލްތައް ބަންދު ކުރަން ނިންމައިފި

އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެލާނާގެ ބޭރުގައި --- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވާސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކާއި ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށްފަހުއެވެ.

އެހެންކަމުން ޖެހިޖެހިގެން ސަރުކާރު ބަންދުތާ އަންނަ ހަފްތާއަށް ތިން ހަފްތާ ވާނެއެވެ.

ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދީފައިވާ ފަންނީ ލަފަޔާއި އިރުޝާދު ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ވަނީދީފައެވެ.

ސަރުކާރު ބަންދަސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، އަދި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުމަށް ކޮށްފައިވާ އަދި ކުރަމުންދާ އަސަރުތަކާ ގުޅޭގޮތުން ވަނީ މައުލުމާތު ހިއްސާކޮށްފައެވެ.

އޭގެ އިތުރުން ރައްޔިތުން ތަހައްމަލު ކުރަންޖެހިފައިވާ ދަތިތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުގެ އެކި އިދާރާތަކުން ކަމާބެހޭ ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު، އެބޭފުޅުން ވަޒީރުންގެ މަޖިލީހާ ހިއްސާ ކުރެއްވިއެވެ.

ކޮވިޑް ޖެހިފައިވާ 17 މީހަކު މިހާތަނަށް ރާއްޖެއިން ވަނީ ފެނިފައެވެ.

comment ކޮމެންޓް