ސިއްހީ ކުއްލި ހާލަތުގައި މުޒާހަރާއަށް ފުރުސަތު ނުދެވޭނެ: ފުލުހުން

ސަފާރީތަކުގެ މީހުން މުޒާހަރާކުރަނީ---

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައިވަނިކޮށް ރާއްޖޭގައި އެއްވެސް މުޒާހަރާއަކަށް ފުރުސަތު ނުދެވޭނެކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެފަދައިން ބުނިއިރު ސަފާރީތަކުގައި މަސައްކަތް ކުރާ މިހުން މިހާރު ވަނީ މުޒާހަރާތަކެއް ފަށައިފައެވެ.

ޑިންގީތަކުގައި ތިބިގެން ސަފާރީތަކުގައި ތިބި މީހުން މުޒާހަރާ ކުރަނީ ސަފާރީން ފައިބައިގެން ދިޔުން މަނާކޮށްފައިވާތީ އެކަމާ ދެކޮޅަށެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެކަމާ ގުޅިގެން ސަފާރީތަކާއި ރިސޯޓްތަކުގައި ތިބި މީހުންނަށް ފޭބޭނީ އެ އުޅަނދުތަކުން ގެސްޓުން ފައިބާތާ 14 ދުވަސް ފަހުންނެވެ. އެގޮތާ ހިލާފުވާ މީހުންގެ މައްސަލާ ފުލުހުން ބަލަން ފަށައިފައިވާއިރު ބައެެއް މައްސަލަތައް މިހާރު ވަނީ ކޯޓަށްވެސް ފޮނުވައިފައެެވެ.

މުޒާހަރާއާ ގުޅިގެން ފުލުހުން ބުނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (އ)ގެ ދަށުން، މި ދަނޑިވަޅުގައި އެއްވެ އުޅުމުގެ ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.

"ވީމާ އެންމެންގެ ރައްކަލަކަށްޓަކައި ހުރިހާ ބޭފުޅުންވެސް ގާނޫނުގެ ތެރެއިން އަމަލު ކުރެއްވުމަށް މި ސާވިސްއިން އިލްތިމާސް ކުރަން،" އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮރޯނާ ޖެހިފައިވާ 18 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުން އައި ތިން ދިވެހިން ހިމެނެއެވެ. އަދި ބަލި ފެނުނު އިޓަލީގެ ދެ މީހަކު މިހާރު ވަނީ ފުރައިގެންވެސްގޮސްފައެވެ.

ކޮވިޑްއާ ގުޅިގެން ޖިމްތަކާއި ސިނަމާތަކާއި މާލޭގައި ހިންގާ ރެސްޓޯރެންޓްތަކާއި ކޭފޭތައް ވަނީ ބަންދުކޮށްފައެވެ.

comment ކޮމެންޓް