ޑްރަގް ނެޓުވޯކެއްގައި ހިމެނޭ ކަމަށް ބުނާ އަށް މީހަކަށް ދައުވާކޮށްފި

ނުވަ ކިލޯގެ ޑްރަގު މައްސަލައިގައި ދައުވާކުރި 8 މީހުން ---

މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާ ގުޅިގެން ހައްޔަރު ކުރި ނުވަ މީހުންގެ ތެރެއިން އަށް މީހަކަށް ދައުވާކޮށްފިއެވެ.

ޖެނުއަރީ މަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ 10 ގެއެއް ބަލައިފާސްކޮށް ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ގިނަ އަދަދެއްގެ އަލާތްތައް ފުލުހުން ހޯދިއެވެ. އެ އޮޕަރޭޝަންގައި ނުވަ ކިލޯއަށްވުރެ ގިނަ ޑައިމޯފިން އަދި ހަތަރު ގްރާމަށް ވުރެ ގިނަ ކޮކެއިން ވަނީ ހޯދައިފައެވެ.

ހަމައެއާއެކު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. މައްސަލައިގައި ހިމެނޭ މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކުގައިވާ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތަހުގީގަށް ތުހުމަތުކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓްތައް ވެސް ފްރީޒްކޮށްފައިވެއެވެ. އެ މައްސަލައާ ގުޅުންހުރި ޖުމްލަ 4.6 މިލިއަން ރުފިޔާ ފުލުހުން ފްރީޒްކުރިއެވެ.

https://sun.mv/133597

ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ، ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ހާލިދު (24އ) އާއި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (23އ) އާއި ގދ. ހޯނޑެއްދޫ، މެޑްރިޓްހައުސް، އަހްމަދު ގިޔާސް (25އ) އާއި ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (50އ) އާއި ލ. ކަލައިދޫ، މަތަރަސްމާގެ، ހުސައިން ޒަހީން (25އ) އާއި ކ. މާލެ، މ. ދާރުލްގަރާރު، އިސްމާއިލް ވިޝާލް (25އ) އާއި ކ. މާލެ، މއ. ވައިލެޓްމާގެ، އަސްލަމް ނާޒިމް (37އ) އާއި ޅ. ނައިފަރު، މިސްކިތްދޮށުގެ، އަހްމަދު އިމްސާހު (32އ) އަދި ގއ. ގެމަނަފުށި، ސުރައްޔާމަންޒިލް، މުހައްމަދު ސިދުރަތު (27އ) އެވެ.

މިއަދު ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ނުވަ މީހުންގެ ތެރެއިން މުހައްމަދު ސިދުރަތު ފިޔަވައި އެންމެންގެ މައްޗަށް ވަނީ ދައުވާ އުފުލާފައިވެއެއެވެ.

  • އަރުޝަދު ހާލިދު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަލީ ޒުބައިރު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު ސުނައިނު: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާއާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
  • އަސްލަމް ނާޒިމް: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • ހުސައިން ޒަހީން: ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު ގިޔާސް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
  • އިސްމާއިލް ވިޝާލް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ.
  • އަހުމަދު އިމްސާހް: ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ލިބުނުކަމަށް ތުހުމަތުކުރެވޭ 1،535،110 ރުފިޔާ އާއި 146،731 ޔޫއެސް ޑޮލަރާ އެކު ޖުމްލަ 3،797،702 ރުފިޔާ ދައުލަތަށް ނަގައިދިނުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 160 ވަނަ މާއްދާއާ ހަވާލާދީ، އެގާނޫނުގެ 158 ވަނަ މާއްދާގެ (ހ) ދަށުން އެދިފައިވާނެއެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ނެޓުވޯކުގައި އިސްކޮށް އުޅެނީ އަރުޝަދެވެ. އޭނާގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފައެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން އޭނާ ވަނީ ދޫކޮށްލައިފައެވެ. އެކަމަކު، ދައުލަތުން އެދިދެގެން އެ ނިންމުން ރިވިއުކޮށްދިޔުމުގެ އަޑުއެހުމެއް މިއަދު ބާއްވާނެ އެވެ.

https://sun.mv/133997

comment ކޮމެންޓް