އެންމެންވެސް އަމިއްލައަށް "ކޮންޓެކްޓް ޓްރޭސިން" ހަދަން ނަޝީދު ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ދާއިރާގެ ބޭފުޅުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވެދިނުމަށް ކޮންމެ މީހަކަށް ވެސް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، މިވަގުތު އަމިއްލައަށް "ކޮންޓެކްޓް ޓްރޭސިން" ހެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިއްޔެގެ ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބައްޔާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ރަނގަޅު ކަމަށާއި، ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ހިފެހެއްޓިފައި އޮތީ ކޮންޓެކްޓް ޓްރޭސިން ހަރުދަނާ ވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެހެންކަމުން އަޅުގަނޑު ހިތުން އަޅުގަނޑުމެންނަށް ޕަބްލިކް ހެލްތު ބޭފުޅުންނަށް މިހާރު އެހީތެރިވެދެވޭނެ އެންމެ ރަނގަޅު އެއް ގޮތަކީ، އަމިއްލައަށް ޓްރޭސިން ހައްދަވަމުން ގެންދެވުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަމާ ގުޅޭގޮތުން ޕަބްލިކް ހެލްތުގެ ބޭފުޅުންނާ ވެސް މަޝްވަރާކުރައްވާފައިވާ ކަމަށާއި، ރާއްޖޭގައި ރޯގާގެ ބަލިމަޑުކަމުގައި އުޅޭ މީހުން ވެސް މަދުކަމަށް ފެންނަނީ، ޓްރޭސިން ރަނގަޅުވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ކޮވިޑް19 ފެތުރެނީ ބަލި ޖެހިފައި ހުރި މީހަކާ ކޮންޓެކްޓުވުމުން ކަމަށާއި، މި ދުވަސްވަރު ކޮންމެ މީހަކުވެސް އެމީހަކާ ބައްދަލުވާ މީހުން ހަނދާންކޮށް، އެކަމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ހުރި މީހަކާ ބައްދަލުވުމުން ބިރުގަނެ އެ މައުލޫމާތު ސިއްރު ކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.

ނަޝީދު ވަނީ މިވަގުތު ހުރިހާ ދިވެހިން ވެސް ބުއްދިވެރިކަމާ، ވިސްނުންތެރިކަަމާ އެކު މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ނޫންނަމަ މުޅި ރާއްޖެއަށް އުގޫބާތް އަންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދެން ބައެއް ބޭފުޅުންނަށް ނުބައި ތަންތަނުގައި ނުބައި ގަޑިގަޑީގައި ތިއްބެވުމުގެ ސަބަބުން އެވާހަކަ ދައްކަވަން ކެރިވަޑައިނުގަންނަވާ ތިއްބެވުން އެއީ ބުއްދިވެރިކަމެއް ނޫން. އިއުތިރާފު ބަޔާން ދެއްވަންވީ. އިއުތިރާފު ބަޔާން ދެއްވަންވީ. އުގޫބާތް އެހެން ނޫނިއްޔާ އަންނާން އޮތީ މުޅި ރާއްޖޭގެ ރައްޔިތުންނަށް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއީ ދަތި ދުވަސްތަކެއް ކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތަށް އެންމެން އެއްބާރުލުން ދީގެން ކުރިއަށް ގޮސްފިނަމަ ގައުމު ކޮޅަށް ޖެހޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

comment ކޮމެންޓް